ސްކޭނަކުން ވެސް ކެންސަރުގައި މަރުވުމުގެ ނުރައްކާ ކުޑަކޮށްދޭ ސްކޭނަކުން ވެސް ކެންސަރުގައި މަރުވުމުގެ ނުރައްކާ ކުޑަކޮށްދޭ

އާންމު ގޮތެއްގައި އެމްއާރްއައި ސްކޭނެއް ހަދައިލުމަށް ހޭދަވާނީ ބައިގަޑިއެއްހާ ވަގުތުކޮޅެކެވެ. ނަމަވެސް އެފަދަ ސްކޭނަކުން ވެސް، ކެންސަރު ބަލީގައި ފުރާނަ ގެއްލިގެން ދިޔުމުގެ ނުރައްކާ ކުޑަކޮށްދީފާނެ ކަމަށް ދިރާސާއެއްގައި ލަފާ ދީފިއެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން ގުރުދާގެ ކެންސަރު ޖެހިފައިވާ މީހެއްގެ ބަޔޮޕްސީއެއް ހެދުމުގެ ކުރިން، އާދައިގެ އެމްއައިއާރް ސްކޭނެއް ހަދައިލުމުން، އެބައްޔަށް ފަރުވާކުރަން ފެށުމުގެ ފުރުސަތު ޑޮކްޓަރުންނަށް އަވަހަށް ފަހިވެއެވެ. މިހެންވުމުން، އެ ބަލީގައި ބޮޑުވަރު ނުވެ އެމީހާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ފަހިވެއެވެ.
އެމްއައިއާރް ސްކޭނެއް ހެދުމުން، ކެންސަރު ޖައްސާ ޓިއުމަރު ނެގުމަށް އޮޕަރޭޝަން ކުރުމުގެ ކުރިން، އެ ޓިއުމަރުގެ ހާލަތު ބަރާބަރަށް ދެނެގަނެވެއެވެ. ކެންސަރު ޓިއުމަރެއް ނެގުމަށް ޑޮކްޓަރުން ނިންމުމަށް ފަހުގައި، އޮޕަރޭޝަން ޑޮކްޓަރުން އިންތިޒާރު ކުރަމުން ދާނީ، ބަޔޮޕްސީގެ ނަތީޖާ ލިބޭނެ ވަގުތަކަށެވެ. އެއީ، އެ މީހާގެ ހަށިގަނޑުން ނަގަންޖެހެނީ ކެންސަރުގެ ކިހާ މިންވަރެއްކަން ދެނެގަތުމަށްޓަކައެވެ.
މަސާނާ ކެންސަރުގެ ބާވަތެއް ކަމަށްވާ، މަސަލް-އިންވޭސިވް ބްލެޑާ ކެންސަރު ޖެހިފައިވާ 143 މީހަކު ބައިވެރިކޮށްގެން، އިނގިރޭސި ވިލާތުގެ ނޭޝަނަލް ހެލްތު ސާވިސްގެ ފަރާތުން، އަޖުމަބެލުމުގެ ގޮތުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، އޮޕަރޭޝަން ނުކޮށް ސްކޭން ކުރުމުން، މިބާވަތުގެ ކެންސަރުގައި މަރުވުމުގެ ނުރައްކާ 18 ޕަސެންޓުން 10 ޕަސެންޓަށް ކުޑަކޮށްދެއެވެ.
މި ދިރާސާގައި އިސްވެ އުޅުނު، އިންސްޓިޓިއުޓް އޮފް ކެންސާ ރިސާޗްގެ ޕްރޮފެސަރު ނިކް ޖޭމްސް ވިދާޅުވި ގޮތުގައި އެމްއައިއާރް ސްކޭނެއް ހެދުމަކީ މަސާނާ ކެންސަރުގައި މީހުން މަރުވާ ނިސްބަތް ދަށް ކުރެވޭނެ ކަމެކެވެ. އަދި މިއީ އެ ބާވަތުގެ ކެންސަރަށް ފަރުވާ ކުރުމުގައި ހަރަދު ކުޑަ، އަދި އޮޕަރޭޝަން ތިއޭޓަރުގައި ހޭދަކުރާ ވަގުތު މަދުވެފައި، ހޮސްޕިޓަލުގައި އެނދުމަތިވާންޖެހޭ ވަގުތު ވެސް މަދުކުރެވޭނެ ކަމެކެވެ.
އޭގެ އިތުރުން، ބޭނުމެއް ނެތް ގޮތުގައި ކުރާ އޮޕަރޭޝަންތައް މަދުކުރެވި، އޮޕަރޭޝަންތަކުގައި ބަލިމީހުންނަށް އިތުރު ގެއްލުންތައް ލިބުމުގެ ފުރުސަތު ވެސް ކުޑަކޮށްދޭނެ ކަމެކެވެ. އެހެންކަމުން، މިއީ ކެންސަރަށް ފަރުވާ ކުރުމުގައި މިހާރު އަމަލުކުރާ އިޖުރާއާތުތަކަށް ބަދަލުގެ ގެންނަންވީ ވަގުތު ކަމަށް ވެސް ޕްރޮފެސަރު ނިކް ޖޭމްސް ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގައި އެކަނިވެސް، ކޮންމެ އަހަރަކު އަލަށް 10500 މީހުންނަށް މަސާނާ ކެންސަރު ޖެހެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި މީހުން ނުވަތަ 3000 މީހުންނަކީ މަސަލް-އިންވޭސިވް ބްލެޑާ ކެންސަރު ޖެހޭ މީހުންނެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ކެންސަރު ބަލީގައި ހޮސްޕިޓަލަށް އަންނަ މީހަކަށް އެ ބައްޔާ އެންމެ އެކަށޭނަ ފަރުވާ ފެށުމަށް ގާތްގަނޑަކަށް 83 ދުވަސް ހޭދަވެ އެވެ.
ނަމަވެސް ކެންސަރު ބައްޔަށް ޝައްކު ކުރެވޭ މީހުންގެ އެމްއައިއާރް ސްކޭނެއް ހެދުމުން، ގިނަވެގެން 53 ދުވަހުގެ ތެރޭގައި، އެމީހަކާ އެންމެ އެކަށޭނަ ފަރުވާ ދޭން ފެށެއެވެ. އޭގެ އިތުރުން، މި ސްކޭން ކުރުމުން، އެމީހެއްގެ ބަލި ހާލަތާ ނުގުޅޭ އެތައް ފަރުވާއެއް ކުރުމުގެ ފުރުސަތު ވެސް ކުޑަކޮށްދެއެވެ.
މަސާނާ ކެންސަރު ޖައްސާ ސަބަބުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް މި ބާވަތުގެ ކެންސަރު ޖައްސާ ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. އިނގިރޭސި ވިލާތުގައި މަސާނާ ކެންސަރު ޖެހޭ މީހުންގެ ގާތްގަނޑަކަށް 45 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. މީގެ އިތުރުން، ތަފާތު ސިނާއީ މަސައްކަތްތަކުގެ ތެރެއިން ތަފާތު ކެމިކަލްތަކަށް މީހާ ހުށަހޮޅުމަކީ ވެސް ކެންސަރަށް މަގު ފަހިކުރުވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ