ގަވައިދާ ޚިލާފަށް އެތެރެކުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ނައްތާލައިފި
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 ސިނގިރޭޓު މިއަދު ނައްތާލައިފިއެވެ. ކ. ދޫނިދޫގައި ކަސްޓަމްސްއިން މިއަދު ނައްތާލީ 199 ކޭހުގެ ސިނގިރޭޓެވެ. ކަސްޓަމްސްއިން ބުނީ، އެއީ ގަވައިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ބަލައި ފާސްކުރުމުގެ ތެރެއިން ހޯދާފައިވާ ތަކެތި ކަމަށެވެ. ނަމަވެސް އެއީ ކޮންއިރަކު ހިފެހެއްޓި ސިނގިރޭޓެއް ކަމަށްވާ، އެ ތަކެއްޗާ ގުޅިގެން ބަލާ މައްސަލަތަކުގެ ތަފުސީލެއް އެ ޚިދުމަތުން ނުދެއެވެ. ކަސްޓަމްސްއިން ނައްތާލި ސިނގިރޭޓު ފޮށިތައް ---- ސަން ފޮޓޯ/ މާނިއު މުހައްމަދު ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މިއަދު ކަސްޓަމްސްއިން ނައްތާލިއިރު، ކަސްޓަމްސްއިން ހިފަހައްްޓައި ޕޯޓްސް ކުންފުނި (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓެއިނަރުގައި ހުރި ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު، އެ މައްސަލައިގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ވެސް ވަނީ ހައްޔަރުކޮށްފައެވެ. ގަވައިދާ ޚިލާފަށް އެތެރެކޮށްގެން ހިފަހައްޓާފައި ހުރި ސިނގިރޭޓުތައް ނައްތާލުމުގެ މަސައްކަތުގެ ތެރެއިން --- ސަން ފޮޓޯ/ މާނިއު މުހައްމަދު އެ ތުހުމަތުގައި ދެން ހައްޔަރުކުރީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީއާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލެވެ. މުއާޒަކީ ކުރިން ކަސްޓަމްސްގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. މި މައްސަލައިގައި މުއާޒް ފަސް ދުވަހަށް، ދިގަލި ވަހީދު 10 ދުވަހަށް، އަދި އާރިފާއި ޒިވާރު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. https://sun.mv/212783 ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއަށް ބޮޑުކުރުމުން ގިނަ އަދަދެއްގެ ވަގު ސިނގިރޭޓު ވަނީ ބާޒާރުގައި ވިއްކަން ފަށާފައެވެ. އެގޮތުން، ދޭތެރެދޭތެރެއިން ވަގު ސިނގިރޭޓު ޝިޕްމަންޓްތައް އަތުލައިގެން ނަމަވެސް، އެ ތަކެތި އަބަދު ވެސް ބާޒާރުގައި ލިބެން ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ