ތިން ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލުތައް އެހެން ރަށަކަށް ބަދަލުކުރި މައްސަލަ އޭސީސީއަށް ތިން ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލުތައް އެހެން ރަށަކަށް ބަދަލުކުރި މައްސަލަ އޭސީސީއަށް

ސައުދީ ފަންޑުގެ 50 މިލިއަން ޑޮލަރުގެ ލޯން އެހީގައި ތިން ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް އެހެން ރަށަކަށް ބަދަލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އަށް މިއަދު ހުށަހަޅައިފި އެވެ.
އޭސީސީއަށް މައްސަލަ ހުށަހެޅުމަށްފަހު މާޒް ސަލީމް ވިދާޅުވީ އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ނުބަލައި ނުތިބެވޭނެ ކަމަށާއި ކޮމިޝަނުގެ ހުރިހާ މެންބަރުން ވެސް ދައުރު ބަދަލުވުމުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އޭސީސީއަށް ބޮޑެތި ބާރުތަކާއި ބޮޑު ބަޖެޓެއް ދީފައި އޮންނަނީ ދައުލަތުން ހިންގާ ވައްކަންތައް ބެލުމަށް ކަމަށްވާއިރު، އޭގެއިން އެއްވެސް ކަމެއް ނުބަލާ ކަމަށެވެ.
މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވީ އޭސީސީއަށް މިއަދު މައްސަލަ ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާއެއް ހޯދުމުގެ ވަރަށް ސާފު ހެއްކެއް ލިބިފައި އޮތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ސައުދީ ފަންޑުގެ އެހީތެރިކަމާއެކު ނ. މަނަދޫ އާއި ފުވައްމުލައް ސިޓީ އަދި އއ. ރަސްދޫގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުތައް ލ. ފޮނަދޫ އަދި ފ. ނިލަންދޫއަށް ކަމަށެވެ.
ތޯރިގު ތުހުމަތު ކުރައްވާ ގޮތުގައި ފ. ނިލަންދޫއަށް ހޮސްޕިޓަލު ބަދަލުކުރަން ނިންމީ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ސައުދާ ފާތިމަތު ސައުދާ ނިލަންދޫ ދާއިރާއަށް ވާދަކުރައްވާތީ ކަމަށެވެ. އެކަމަށް މަގުފަހިކޮށްދިނީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ކަމަށް ވެސް ތޯރިގު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ފޮނަދޫއަށް ހޮސްޕިޓަލް ބަދަލުކުރީ އެ ރަށަށް ނިސްބަތްވާ އޭރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ ނުފޫޒުން ކަމަށާއި އެކަން އެގޮތަށް ކުރީ ފޮނަދޫ ދާއިރާއަށް އަބްދުއްރަހީމް އަބްދުﷲ ހޮވުމުގެ ނިޔަތުގައި ކަމަށެވެ.
އޭސީސީއަށް ގިނަ މައްސަލަތަކެއް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އަދި އާންމުން ވެސް ދަނީ ހުށަހަޅަމުންނެވެ. ނަމަވެސް އެ މައްސަލަތައް އޭސީސީގައި ފުނިޖެހިފައިވާއިރު، އެކަށީގެންވާ އަވަސް މިނުގައި މައްސަލަތައް ނުބަލާ ކަމުގެ ޝަކުވާތައް އާންމުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ