އައްޑޫ ސިޓީގެ ރިފަރަންޑަމްގައި ރައްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ރިފަރަންޑަމަށް އިތުރުކުރަންވެސް ރައްޔިތުން ބޭނުންވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.
ފައްޔަ މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
އިދިކޮޅު މައި ޕާޓީ ހިންގުމުގައި އިސްކޮށް ހުންނެވި ފައްޔާޒް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ ރިފަރަންޑަމާއި ގުޅޭ ގޮތުން އައްޑޫގެ ވަރަށް ގިނަ އެމްޑީޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަަމަށެވެ. ސަރުކާރުން ރިފަރަންޑަމް ނަގަން އުޅޭ ގޮތާމެދު ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށާ އެތައް ބައިވަރު ސުވާލުތަކެއް އެ ރައްޔިތުންގެ އެބަހުރި ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން އެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ ނުވަތަ އޭގެ ސަބަބުން އެ ތަކުލީފުތައް ވާނީ އިތުރުތޯ ސުވާލު އުފައްދާ ކަމަށެވެ. ރެފަރަންޑަމްގައި ނިންމާ ގޮތްތަކުން ނުކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިއްމު ކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ އަދި އަމުދުން މި ކަންކަން ނުކޮށް އެހައި އަވަސް އަރުވާލައިގެން ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެންއޮތްއިރު، ރިފަރަންޑަމްގައި ރައްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ރިފަރަންޑަމަށް އިތުރުކުރަންވެސް ރައްޔިތުން ބޭނުންވާ ކަަމަށެވެ.
މިހާރު އޮތްގޮތުން ރެފަރަންޑަމް ގައި ހުށައަޅާ ސުވާލަކީ އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭތޯ އެވެ.
މި ވޯޓާމެދު އައްޑޫގެ ރައްޔިތުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. ބައެއް ރައްޔިތުންގެ ނަޒަރުގައި މިއީ އައްޑޫ ބައިބައިކުރުމުގެ ވޯޓެކެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ އެ ރަށްރަށަށް ހައްގު މަގާމު ލިބުމަށް މުހިންމު ވޯޓެކެވެ.
މި ވޯޓް އޮތީ މި މަހުގެ 25ވާ ހޮނިހިރު ދުވަހު އެވެ.
އައްޑޫ ވޯޓް: ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާމެދު ދެކޭގޮތް ހިމަނަން ރައްޔިތުން އެދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ