ދަރިން ލިބުން ލަސްވުމަކީ އުންމީދު ކަނޑާލައި މާޔޫސްވާ ކަމަކަށް ނުހަދާށެވެ! ލިބުމަކީވެސް ނުލިބުމަކީވެސް ރަޙްމަތެކެވެ! ލިބޭނީ ﷲ ތަޢާލާ ދެއްވެވީމަ!

ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް ދަރިން ދެއްވަވައެވެ. ގިނައިންވެސް ދެއްވަވައެވެ. މަދުންވެސް ދެއްވަވައެވެ. އަދި މަދު ބައަކަށް ނުވެސް ދެއްވަވައެވެ. މިއިން އެއްވެސް ކަމަކީ އެނޫން ގޮތަކަށް ބަދަލުކުރުމުގެ ބާރު ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލިބިގެންވާ ކަމެއް ނޫނެވެ. ވީމާ ދަރިން ލިބުމާއި އަދި ނުލިބުމާއިމެދު ފުރަތަމަ ކަމަކަށް އޮތީ މިކަންކަން މިގޮތަށް ޤަބޫލުކުރުމެވެ.
ކައިވެނިކުރެވުމާއިއެކު ދަރިން ބޭނުންވާ ބައަކުވެސް އުޅެއެވެ. އަނެއް ބައަކު ދަރިން ބޭނުންވަނީ ތަންކޮޅެއް ލަހުންނެވެ. ދަރިން ބޭނުންވުމުން ދަރިން ނުލިބި ލަސްވުމަކީ ގިނަ ބައަކު އެންމެ ބޮޑަށް މާޔޫސްވާ ޙާލަތެވެ.
ޒަވާޖީ ހަޔާތެއް ފަށައިގަނެވުމުން ވަރަށް މަދު ދެމަފިރިއަކު ފިޔަވައި ހަމަ ހުރިހާ ދެމަފިރިންވެސް ބޭނުންވާނީ ވީހައި އަވަހަށް ދަރިއަކު ލިބުމަށެވެ. އިންދުނު ގަހުގައި މޭވާއެޅުމަށެވެ. ދެމަފިރިން އެކުގައި ތިބޭއިރު މެދުގައި ބާއްވައިލައިގެން މަޖާކުރާނެ ދަރިއަކަށެވެ.
އެހެނަސް ﷲ ތަޢާލާގެ ނިޔާފުޅުގައިވަނީ ކޮންމެ ދެމަފިރިއަކަށް ކައިވެނިކުރާތަނުން ދަރިން ލިބޭކަށް ނޫނެވެ. އެހެންކަމުން އެއްބައަކަށް ވަރަށް އަވަސްއަވަހަށް ދަރިން ލިބޭއިރު އަނެއްބައަކަށް ދަރިން ލިބެނީ ލަހުންނެވެ. އަދި މަދުން ނަމަވެސް ބައެއް ޙާލަތްތަކުގައި ނުލިބިވެސް އެބަދެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބަޔާންކުރި ސަބަބުތކަށް ވިސްނައިލުމުން ދަރިން ލިބުމަކީ ﷲ ތަޢަލާ ދެއްވަވާ ނިޢުމަތެއްކަން އެނގިގެންދާނެއެވެ. ހމަ އެފަދައިން ނުދެއްވެވުމަކީވެސް ލައްވަވާ ރަޙްމަތެކެވެ.
ދަރިން ނުލިބެނީ ކޮންމެވެސް ސެލް އެއްގެ ނުވަތަ އެނޫންވެސް ޞިއްޙީ މައްސަލައެއް ހުރެގެން ކަމަށް ބުނެފާނެއެވެ. އެހެންކަމަށްވާނަމަ އެމައްސަލަ ހުރެގެން ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ނިންމައި ލިޔުން ދީފައި ތިބޭ މީހުންނަށް ދަރިން ލިބެނީ ކީއްވެގެން ކަމާއިމެދު ވިސްނައިލުން މުހިންމެވެ.
އެއްވެސް ދެމަފިރިއަކު ދަރިން ލިބުން ލަސްވެގެން ޝަކުވާ ނުކުރާށެވެ! ޞިއްޙީ ފަރުވާ ހޯދުމާއި ދުޢާކުރުން ނޫން އެއްވެސް ކަމެއް ނުކުރާށެވެ. ހިންމަވައި ދެއްވަވަން އޮތް އަޅަކަށް އެކަން މެދުވެރިވުމުގެ ވަގުތު ޖެހުމުން ހިންމަވައި ދެއްވަވާނެތެވެ.
މިއީ ފޮތެއްގައި ލިޔެވިފައިވާ ވާހަކައެއް ނޫނެވެ. މިއީ ގިނަ ބައެއްގެ ތަޖުރިބާއަށް ބުރަވެ ބުނާބަހެކެވެ. ޔަތީމް، މިސްކީން ކުދިންނަށް އެހީތެރިވެދީ، ޚާއްޞަކޮށް އަމިއްލަ ދަރިން ފަދައިން ގެންގުޅުމަކީ ދަރިން ދެއްވަވާ ސަބަބެއްކަމަށް ބުނެވޭހައި ގިނައިން މިކަން ވަނީ މެދުވެރިވެފައެވެ. އަދި މިހާރުވެސް ދަނީ މެދުވެރިވަމުންނެވެ.
ދަރިންނަށް ބޭނުންވެގެން ތިބި ނަމަ ނިކަން ތަޖުރބާކޮށްލައިބަލާށެވެ! އެހެން މިބުނަނީ އަހަރެންގެ ވަރަށް ގާތް ބައެއް މީހުންނަށް މިކަން އެގޮތަށް ތަޖުރިބާކުރެވިފައިވާތީއެވެ! ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ