ކައިވެނިކުރީ އަޅުގަނޑަށްވުރެ ރީތި އަންހެނަކު ނުފެންނަކަމަށްބުނެ ތަޢްރީފްކުރަމުން! 3 މަސް ނުވަނީސް އުޅެނީ މާރީތި އަންހެނަކު ފެނި ސަލާމަތް ނުވެވިގެން! މިވަނީ ކިހިނެއްތޯ؟

އަޅުގަނޑުމެންވެސް ކައިވެނިކުރީ ލޯބިވެގެން އެތައް ދުވަހަކު އުޅެފައެވެ. އެއިރު އޭނާ ބުނަމުން އައީ އަޅުގަނޑަކީ އޭނާއަށް އެންމެ ރީތި މީހާ ކަމަށެވެ. ކައިވެންޏަށް 3 މަސްވެސް ނުވަނީސް އަންހެނަކާއި ޗެޓްކުރާކަން ފަޅާއެރުމުން ބުނީ މިއުޅެނީ ވަރިކުރަން ނޫންކަމަށާއި އޭނާ ރީތިކަމުން ވާހަކަދައްކައިލާހިތްވަނީ ކަމަށެވެ. އެހެންވެ އަޅުގަނޑަށް މިހާރު ހުންނަން ޖެހިފައި މިވަނީ އަޅުގަނޑު ވަރިކޮށް ފޮނުވައިލާނެ ވަޤުތުގެ އިންތިޒާރީގައެވެ.
އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑު އެހައި ރީތިވެ ލޯބިވެގެން ކައިވެނިކުރިތަނުން މިގޮތަށް ދިމާވާން މިޖެހުނީ ކީއްވެގެންތޯއެވެ؟ ކުއްލިއަކަށް އަޅުގަނޑު ހަމަ ހުތުރުވީތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކަންބޮޑުނުވާށެވެ! އެއުޅެނީ ތިބާ ހުތުރުވެގެނެއް ނޫނެވެ. ޝައިޠޯނާގެ އެންމެ ކެހިވެރި މަޅީގައި ޖެހެިވިގެންނެވެ. ތިރީގައިވާ ލިޔުމުން އިތުރު ތަފްޞީލް ލިބިލައްވާނެއެވެ. އިން ޝާ ﷲ
ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ދަހިވެތިވަނީ އެންމެ ލޯބިވާ މީހަކާއި ކައިވެނިކުރުމަށެވެ. ގިނަ ފަހަރު ލޯބިވެވެނީވެސް އެންމެ ރީތި މީހާ ދެކެއެވެ. މައްސަލައަކަށްވަނީ އެންމެ ރީތިވެ ލޯބިވި މީހާ އާއި ކައިވެނިކުރެވޭއިރަށްވެސް މާރީތި މީހުން ފެންނަން ފަށައި އެމީހުންނަށް ސަމާލުކަންދެވޭކަމެވެ.
އެހިސާބުން އެހުރެވެނީ ޝައިޠޯނާގެ ދަންތުރައިގައި ޖެހެވިފައެވެ. އެދަންތުރައެއްގައި ޖެހުމުން ޝައިޠޯނާ އެންމެ އުފާވާ ދަންތުިރައިގައި ޖެހެވިފައެވެ. އެކަމުގެ ތެރޭގައި ކައިވެނި ރޫޅިއްޖެ ނަމަ އެކަން ކުރުވި ޝައިތާނުގެ ގައިގައި ބޮޑު އިބިލީސް ބައްދައި އިނާމުދީ ހިތްވަރުދޭނެއެވެ.
ހަމައެއާއިއެކު ބައިވަރު ރީތި މީހުންތައް ކައިވެނި ރޫޅުނު ދެމީހުންނަށްވެސް ދައްކަންފަށާނެއެވެ. ދިރިއުޅުން ބޮޑު ޒަލްޒަލާއަކަށް ބަދަލުކޮށްލާނެއެވެ. މީރު ކާއެއްޗެތީގެ ގިނަ ބާވަތްތައް ހުންނަ ބުފޭއަކުން ނަގަންވާ ތަކެތި އޮޅިގެން އުޅެން ޖެހޭ ވަރަށް ތިމާ ގުޅެން ޖެހޭ މީހުން ދައްކާނެއެވެ. އަދި ކީއްހެއްޔެވެ؟ ކާއެއްޗެތި އަޅަމުން ގޮސް ނުކެވި އިސްރާފުކުރަން ޖެހޭ ވަރަށް ތަށްޓަށް ކާތަކެތި އަޅުވައި އެތަކެތި މީރުކަމުން ކައިގެން ބަނޑުގައި ރިއްސާވަރަށް ކާން ޝައުޤުވެރި ކުރުވާ ފަދައިން މީހާގެ ދެދުނިޔެ ގެއްލޭ ވަރަށް މީހުންނާއި ގުޅުން އުފައްދުވާނެއެވެ. އަދިވެސް ބުނަން ހެއްޔެވެ؟ ގިނައިން ތަށްޓަށް އަޅައި ނުކެވި އިޝްރާފްކޮށްފިނަމަ އެކަންވެސް ވާނީ ޝައިޠޯނާއަށް ލިބޭ ކާމިޔާބަކަށެވެ.
މިފަދަ ހުރިހާ މުޞީބާތްތަކުން ސަލާމަތްވުމަށް އޮތީ ހަމަ އެންމެ މަގެކެވެ. އެއީ ﷲ ތަޢާލާގެ މަގެވެ. ތަޤްވާވެރިކަމުގައި ސާބިތުވުމެވެ. ތަޤްވާވެރިއަކާއި ކައިވެނި ކުރެވުމުން ދީނުގެ އެއްބައި ފުރިހަމަކުރެވުނީކަމަށް އޮތް ޙަދީޘް ބަސްފުޅަށް ސަމާލުކަން ދޭންވީއެވެ.
عَنْ أَنَسِ بْنِ مَالِكٍ أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ رَزَقَهُ اللَّهُ امْرَأَةً صَالِحَةً فَقَدْ أَعَانَهُ اللَّهُ عَلَى شَطْرِ دِينِهِ فَلْيَتَّقِ اللَّهَ فِي الشَّطْرِ الثَّانِي
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, “Whoever Allah provides with a righteous wife, Allah has assisted him in half of his religion. Let him fear Allah regarding the second half.”
Source: al-Mu’jam al-Awsaṭ 992
Grade: Sahih (authentic) according to Al-Suyuti
މި ޙަދީޘްފުޅުގައި "ތަޤްވާވެރި އަންތބަކު" އޮތުމުން ހަމައެކަނި އެމާނައިގައި ފުއްދައިނުލާށެވެ. "ތަޤްވާވެރި ފިރިއަކު" ލިބުމުންވެސްމެއެވެ. ޙަދީޘްފުޅުގައި އެވަނީ އެހިސާބުން ﷲ ތަޢާލާއަށް ބިރުވެތިވެ ދެން އޮތްބައި އެމީހަކު އަމިއްލައަށް ފުރިހަމަކުރަން މަސައްކަތްކުރުމަށެވެ.
 
ތިބާގެ ހިތް ދުނިޔަވީ ބޭނުންތަކުގެ އެދުމަށް އޮތް ލޯބިން ފުރައިލެވިދާނެއެވެ. ނަމަވެސް ތިބާގެ ހިތް ފުރާލާފައިވަނީ ﷲ އަށް ލޯބިން ނޫން ކަމުގައިވާނަމަ ތިބާ ވާނީ ދުނިޔޭގެ އެންމެ ފަޤީރު މީހާ ކަމަށެވެ. ތިބާގެ އާޚިރު ނިމުން ނިމޭނީ އެގޮތުގައެވެ.
ދުނިޔެ އޮތްހައި ދުވަހަކު އިބިލީސް ދެމިހުންނާނެއެވެ. އެ ނިޢްމަތް ﷲ ވަނީ އިބިލީހަށް ދެއްވަވައިފައެވެ. ހަމަ އެއާއިއެކު އިބިލީސް ވާހައި ހިނދެއްގައި އިންސާނާގެ ހިތް ފުރައިލެވުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. އެއްކަމެއް ޙާޞިލުކުރެވޭ އިރަށް އަނެއް ކަމަކަށް ދަހިވެތިކުރުވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ