މިއާޔަތުގަ މިބަޔާންކުރައްވަވާ ބީރު މަންމަނުން ގިނަވެއްޖެ! ސަމާލުވެ އެމީހެއްގެ ރައްކާތެރިކަން އެމީހަކު ހޯދާ!

އަންފާލް ސޫރަތުގެ 22 ވަނަ އާޔަތުގެ މާނައިގައިވެއެވެ.  
"ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން الله ގެ ޙަޟްރަތުގައި އެންމެ ނުބައިކަންބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާބަޔެކެވެ." (އެބަހީ: ޙައްޤު ބަސް ނުބުނާ، އޭގެ އަޑުނާހާ، ޙައްޤާއި،  ބާޠިލު ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.) 
އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ މިއާޔަތުގައިވާފަދަ ބީރު މަންމަނުން ގިނަވަމުން އަންނަ ތަނެވެ. ޙައްޤަކީ ކޮބައިކަން އެނގިތިބެމެ ޙައްޤުބަސް ބުނުމުގެ ބަދަލުގައި އެމީހަކަށް ފައިދާހުރި ގޮތަކަށް ބަސްބުނެ ޢަމަލުކުރަމުން ގެންދާތަނެވެ. އެމީހުންގެ ލޯތަކަށް ތަކުރާރުކޮށް ފެނިފައިވާ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ބަސްބުނާ މީހުން ގިނަވަމުން އަންނަތަނެވެ.  
މީގެ އިތުރުން އެހެން މީހުންނަށްވެސް ޙައްޤު ނޫން ގޮތްތައް ވިސްނައިދޭން މަސައްކަތްކުރެވެމުން އަންނަތަނެވެ. ލޮލަށް ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ތިބެ، މީހަކު ސުވާލުކޮށްފިނަމަ "ތިއަކަމެއް ނުއެނގޭ! އަހުރެންނަށް ދުނިޔޭގަ ހިނގާ ހުރިހާކަމެއް ނުއެނގޭ" ބުނަމުން އެމީހާ ބޭނުންވާ ހުރިހާކަމެއް އެންމެ އެނގޭ މީހާއކަމަށް ހެދިގެން ބަސްބުނެ މީހުންނަށް މަގު އޮޅުވައިލަން މަސައްކަތްކުރާ މީހުން ދަނީ ގިނަވަމުންނެވެ.  
މިހުރީ ވަރަށް ބިރުވެރި ކަންކަމެވެ. މިފަދަ ގޮތްގޮތަށް ވާހަކަދައްކާ މީހުންނަށް އިސްލާމް ދީން ދެރަކޮށް ނިކަމެތިކުރަން އެމީހަކު ދިރިއުޅޭ މުޖުތަމަޢުތަކުގައި ކުރެވޭ ކަންކަން ނުއެނގުމަކީ މައްސަލައެކެވެ. އެނގޭކަންކަން ނުއެނގޭ ކަމަށް ހަދައިގެން ތިބުމަކީ ވަކިން ބޮޑު މައްސަލައެކެވެ. މުސްތަޤްބަލުގައި ވާނެ ގޮތް އެނގޭކަމަށް ބުނެ ވާކަތަ ދެއްކުމަކީ އަދި މާބޮޑު މައްސަލައެކެވެ. އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތްކުރާ ފަރާތްތައް ޙިމާޔަތްކޮށް އެމީހުންނަކީ އެންމެ ރަނގަޅު ޟީހުންގެ ގޮތުގައި މީސްތަކުންނަށް ދެއްކުމަކީ އަދި ވަކިން ބޮޑު މައްސަލައެކެވެ.  
މީސްތަކުންނޭވެ! ކޮންމެ މީހަކީވެސް އިސްލާމް ދީނަށް ކުރިއެރުން ހޯދައިދޭން މަސައްކަތްކުރާ މީހަކަށްވާށެވެ! އިސްލާމްދީނަށް ނަޞްރުދޭ މީހަކަށްވާށެވެ! އަދި އެކުވެރިންނަކީ އެފަދަ މީހުން ކަމުގައި ޚިޔާރުކުރާށެވެ!
 
- މިއަދުނޫހުގެ ކިޔުންތެރިއެއް
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ