ރިޔާސީ ޕްރައިމަރީގެ ކަންކަން މަޑުޖައްސާލައި، މި ވަގުތު މަސައްކަތް ކުރަންވީ ގުޅިގެން: ޞާލިޙް
އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް އުފެއްދި މެންބަރުން އެ ޕާޓީއާ އަލުން ގުޅުނު މި ދަނޑިވަޅުގައި ރިޔާސީ ޕްރައިމަރީގެ ވާހަކަ މަޑުޖައްސާލައި، އެންމެން މަސައްކަތް ކުރަންވީ ގުޅިގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީ ބައިބައިވެ، ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައި އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އެ ޕާޓީން ވަކިވީ ޖޫން 21، 2023ގައެވެ. އެއަށްފަހު އެ މަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް އުފެއްދެވި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީއެވެ. އޭގެ ދެ އަހަރު ފަހުން، މިދިޔަ ހޯމަދުވަހުގެރޭ ޑިމޮކްރެޓްސްގެ މެންބަރުންނާއެކު ނަޝީދުވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މި ހިނގާ ޖޫންގެ ކުރީކޮޅު، އެ މަނިކުފާނުވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަޝީދަށް އެމްޑީޕީން މަރުހަބާ ކިޔުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ޖަލްސާ ބޭއްވުމުގެ އެއް ދުވަސް ކުރިން، ޞާލިޙްގެ ފަރާތުން ވެސް ވަނީ 2028ގެ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކޮށްފައެވެ. https://sun.mv/207626 އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ރިޔާސީ އިންތިޚާބަށް ޝައުގު ފާޅުކުރައްވާފައިވާއިރު އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޕްރައިމަރީގައި ވާދަކުރައްވަން މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ. ރާއްޖެ ޓީވީގެ 'ފަލަ ސުރުޚީ" ޕްރޮގްރާމުގައި މިރޭ ޞާލިޙްވަނީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ ކުރި ސުވާލަށް އެ މަނިކުފާނު ސީދާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ މެންބަރުންތަކެއް ޕާޓީއާ އަލުން ގުޅުނު މި ޚައްސާސް ދަނޑިވަޅުގައި، ޕާޓީގެ ޕްރައިމަރީ ކަންކަން އިހަށް މަޑުޖައްސައިލަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެ މަނިކުފާނު ޚިޔާލު ދެއްވީ ގުޅިގެން މަސައްކަތްކޮށް، ބޯމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުން މޮޅުވުމަށް މަސައްކަތް ކުރުމަށެވެ. "އަޅުގަނޑު ދަންނަވަންތޯ، ތިއީ މިއަދު ކުރަން ހެޔޮވާވަރުގެ ސުވާލެއް ނޫން. އެމްޑީޕީއަށް 20 އަހަރު ފުރިގެން، އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އައިސް އެމްޑީޕީއާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ފަށާ ވަގުތެއްގައި ކުރާ ކަހަލަ ސުވާލެއް ނޫން ތިއީއެއް،" ޞާލިޙް ވިދާޅުވިއެވެ. "މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަންވީ ފުރަތަމަ... ރިޔާސީ އިންތިޚާބުގެ އިންޓަރެސްޓް ހުރި ބޭފުޅުން މަސައްކަތް މިހާރު ވެސް އެބަ ކުރައްވާ. އެ ކަމު އަޅުގަނޑަށް ފެންނަނީ އިހަށް އެ ކަންކަން މަޑުޖައްސަވަން އެ ބޭފުޅުން ވެސް." ނަޝީދަށް މަރުހަބާ ކިޔުމަށް އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއަށް ޞާލިހް ވަޑައިނުގަންނަވައެވެ. ނަމަވެސް އެ މަނިކުފާނުގެ އާއިލާއިން ވަނީ އެއީ ރާއްޖޭގައި ނޫޅުއްވާތީ ކަމަށް ބުނެފައެވެ. https://sun.mv/207754 އޭގެ ޖެހިގެން އައި ދުވަހު، ޞާލިޙް ފޯނުން ގުޅުއްވައި ނަޝީދަށް މަރުހަބާ ވިދާޅުވި ކަމަށް ވެސް، ނަޝީދާ އަރިސް ބޭފުޅަކު "ސަން"އަށް ވިދާޅުވިއެވެ. އެމްޑީޕީގެ މުޅި ލީޑާޝީޕުން ވެސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔައިފައިވާއިރު، ފައްޔާޒު ވަނީ، ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ކިތަންމެ ވާދަވެރިވި ނަމަވެސް، 2023ގެ ރިޔާސީ އިންތީޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ފަދަ ކަމެއް ދެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ