ލިވަޕޫލްގެ ހިއްސާ އިންޑިޔާގެ ވިޔަފާރިވެރިއަކު ގަންނަނީ

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ލިވަޕޫލްގެ ހިއްސާ ގަތުމަށް އިންޑިޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަމިތް ބާޓިއާ މަޝްވަރާތައް ފަށައިފި އެވެ.
މި ވާހަކަތައް އިނގިރޭސި މީޑިޔާތަކުން ދައްކަން ފެށުމާއެކު އަމިތު ވަނީ އިނގިރޭސި ޗެމްޕިއަންޝިޕުގައި ކުޅޭ ކުއީން ޕާކް ރޭންޖާސްގައި އޮތް އޭނާގެ ހިއްސާ ވެސް މިހާރު ދޫކޮށްލައިފަ އެވެ. އޭނާ އަކީ އިންޑިޔާގެ މަޝްހޫރު ބިލިއަނަރު ލަކްޝްމީ މިޓާލްގެ ދަރިފުޅެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލިވަޕޫލް ހިންގަމުން އަންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ)އިން އަމިތަށް ވިއްކާނީ އެ ކުލަބުގެ މައިނޯރިޓީ ހިއްސާ އެވެ. މަޝްވަރާތައް ކުރިއަށްދާކަން އެފްއެސްޖީން ކަށަވަރު ކޮށްދިން ނަމަވެސް އެއީ ކިހާ މިންވަރެއްކަން އަދި ނުނިންމަ އެވެ.
"އަމިތް ބާތިއާ ހިންގާ ވިޔަފާރި ގްރޫޕްތަކުން ވަނީ ލިވަޕޫލާއެކު އިންވެސްޓް ކޮށްގެން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި،" އެފްއެސްޖީގެ ބަޔާނުގައިވެ އެވެ.
ފައިނޭންޝަލް ޓައިމްސްއިން ބުނެފައިވަނީ ލިވަޕޫލްގެ ހިއްސާ ގަތުމަށް ކުރަންޖެހޭ ގާނޫނީ ކަންކަން ކުރުމަށް އަމިތް ބާތިއާ މިހާރު ލޯފާމެއް ވެސް އިހްތިޔާރު ކޮށްފައިވާ ކަމަށެވެ. އަދި ހިއްސާ ގަންނަން ހުށަހަޅާ އަގަކީ 6 ބިލިއަން ޑޮލަރު ކަމަށެވެ.
އަމިތު ބާތިއާ ކުއީން ޕާކް ރޭންޖާސްގެ ކޯ އޯނަރުކަން ދޫކޮށްލީ 18 ސީޒަނަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ