ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް 287 މީހުން ތަމްރީނުކޮށްފި

ދިވެހިރާއްޖޭގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް ހިންގި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ޖުމްލަ 287 ބައިވެރިން ތަމްރީނު ފުރިހަމަކޮށްފިއެވެ. މިއީ ރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގެ އެހީތެރިކަމާއެކު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީ.ޖޭ.ޖޭ) އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ 11 ވަނަ ބުރު މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ، 2022 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ސަބަބުން ކުޑަކުދިންނަށާއި އަންނަން އޮތް ޖީލުތަކަށް ފުރިހަމަ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގާބިލު މީހުން ބިނާކުރެވިފައިވާ ކަމަށެވެ.
"މި ތަމްރީނު ފުރިހަމަކުރި 287 ބައިވެރިންނަކީ މިއަދުގެ ކުޑަކުދިންނަށާއި އަންނަން އޮތް ޖީލުތަކަށް ރަނގަޅު މަގު ދައްކައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ތަމްރީނު ކުރެވިފައިވާ ބައެއް،" ސިއްދީގު ވިދާޅުވިއެވެ. އަދި މިފަދަ ތަމްރީނުތަކަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނާއި އެއާ ގުޅުންހުރި ގަވާއިދުތަކުގެ ދަށުން ލާޒިމްކުރާ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސިއްދީގު އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އިލްމާއި ހުނަރު ފޯރުކޮށްދިނުމުގައި ޑީ.ޖޭ.ޖޭ އިން މުހިންމު ޒިންމާތަކެއް އަދާކުރަމުންދާ ކަމަށެވެ. އަދި ކުޑަކުދިންނަށް ބޭނުންވާ އަޅާލުމާއި، އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އުއްމީދީ މުސްތަގުބަލެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ތަމްރީނު ޕްރޮގްރާމް ބޮޑަށް އަމާޒުކޮށްފައިވަނީ އަދުލުގެ ނިޒާމާ ގުޅުންހުރި ކުޑަކުދިންނާ މުއާމަލާތްކުރާ ފަރާތްތަކުގެ ހުނަރު އިތުރުކުރުމަށެވެ. މީގެ ތެރޭގައި ކުޑަކުދިން ރައްކާތެރިކުރުމުގެ އުސޫލުތަކާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ގޮތްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ