ހައްޖުވެރިން ފުރާއިރު އެއާޕޯޓު ޓްރެފިކް ބާރުބޮޑުވާނެތީ، ފެރީ ނުވަތަ ބަހުގައި ދަތުރުކުރުމަށް އެދެފި
ހައްޖަށްދާ މީހުން ފުރާދުވަސްވަރު، ޓްރެފިކް ބާރުބޮޑުވާނެތީ އެއާޕޯޓަށް ދިއުމަށް، ފެރީ އަދި އެއާޕޯޓު ބަސް ބޭނުންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލުން) އެދެފިއެވެ. އެމްއޭސީއެލުން މިއަދު ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ މިމަހުގެ 15 ،17 އަދި 18 ،19 އަކީ މިއަހަރުގެ ހައްޖުގެ އަޅުކަމަށްދިއުމަށް ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައްކަމުން، އެ ދުވަސްތަކުގައި އެއާޕޯޓަށް އަންނަ މީހުން އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން ފުރާ މީހުން މިކަމަށް ސަމާލުވުމަށް އެދޭކަމަށެވެ. މިކަމުގެ ސަބަބުން އެއާޕޯޓުގެ ޕާކިން ސަރަހައްދާއި، ޓްރެފިކްގެ ބާރުބޮޑުވާނެކަމަށް ލަފާކުރެވޭތީ، އެދުވަސްވަރު ފުރަންދާމީހުން އެއާޕޯޓަށް ދިއުމަށް ފެރީ އަދި އެއާޕޯޓު ބަސް ބޭނުންކުރުމަށް އިލްތިމާސްކުރާކަމަށް ވެސް އެމްއޭސީއެލުން ނެރެފައިވާ އެޑްވައިޒަރީގައިވެއެވެ. އެމްއޭސީއެލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެނޑް އެންޑައުމަންޓްސް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ހައްޖާޖީންނަށް އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައެވެ. އެގޮތުން ޙައްޖުވެރިން ގޮވައިގެން އެއަރޕޯޓަށް އަންނަ ބަސްތައް މަޑުކުރުމަށް ވަކި ސަރަހައްދުތަކެއްވަނީ ހަމަޖައްސާފައެވެ. ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ދުވަސްވަރަކީ ގިނަބަޔަކު ޗުއްޓީއަށް އެކި ހިސާބުތަކަށް ދަތުރުކުރާ ދުވަސްވަރެވެ. އަދި މިފަހަރު މިދުވަސްވަރާއި ދިމާވެފައިވަނީ މޫސުން ވެސް ގޯސް ދުވަސްވަރަކާއެވެ. އެެހެންކަމުން އެއާޕޯޓަށް ފުރަން ދާ މީހުން އިތުރަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ