ރައީސަށް ގަޒުފުކުރިކަމުގެ ތުހުމަތުގައި ވަކީލު އާސިފާ ސުވާލު ކުރަނީ

ރައީސް މުހައްމަދު މުއިއްޒަށް ގަޒުފު ކުރިކަމުގެ ތުހުމަތުކޮށް މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގަވާ ޕީއެންއެފްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތްކުރައްވާ ގާނޫނީ ވަކީލު އާދަމް އާސިފަށް ޗިޓު ފޮނުވައިފި އެވެ.
ފަސް މަންޒަރު - ރައީސްއަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން މިދިޔަ 28 މާޗުގައި ގެނެސްދިން ޑޮކިއުމެންޓްރީގައި، ރައީސް އޮފީހުގައި ވަޒީފާ އަދާކުރި ކަމަށް ބުނާ އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އެގޮތުން:
އެ ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ގަޒުފު ކުރުމުގެ ދައުވާ އުފުލައި ޝަރީއަތް ފަށާފައި
އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނާކުރުމުގެ އަމުރެއް ނެރެދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެދިގެން، ކްރިމިނަލް ކޯޓުން ވަނީ އާއްމުކޮށް އެންމެންގެ މައްޗަށް އެ އަމުރު ނެރެފައި
އަމުރު ނެރެފައި ވަނިކޮށްކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް އިއްޔެ ވަނީ ޖަލު ހުކުމެއް ވެސް އިއްވާފައި
ތަފްސީލް - އާސިފަށް ފުލުހުން ޗިޓު ފޮނުވާފައިވަނީ މާދަމާ 10 ޖަހާއިރު ސާޖަންޓު އާދަމް ހަލީމް ކްްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށެވެ.
އޭނާ ހާޒިރު ކުރަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒަށް ގަޒުފުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ޗިޓުގައިވެ އެވެ.
ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އައިޝަތު އީޝާ އަޝްރަފު ވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. ނަމަވެސް އޭނާގެ ދިފާއުގައި އެއްވެސް ވާހަކައެއް ދެއްކުމަށް ފުލުހުން ފުރުސަތު ނުދޭ ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ