ކޮންމެހެން ބޭނުންޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ޒިޔާރާތް ނުކުރުމަށް އިލްތިމާސް!

މިދުވަސްވަރު މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލްތަކަށް ނުދިއުމަށް އައިޖީއެމްއެޗްއިން އިލްތިމާސްކުރައްވައިފިއެވެ. އެ ހޮސްޕިޓަލުން ވަނީ ރޯގާ ފެތުރެމުންދާތީ ސަމާލުކަންދޭންވީ ކަންކަން ހިއްސާކޮށްފައެވެ.
މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރާތް ނުކުރުމަށް އައިޖީއެމްއެޗްއިން އިލްތިމާސްކުރެއެވެ. އަދި ހުންއައިސް ގައިގައި ބިހި ނެގުންފަދަ އަލާމާތެއް ފެނިއްޖެނަމަ މާސްކު އަޅައި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމާއި އާންމު ދަތުރުފަތުރުގެ ވަޞީލަތްތައް ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދިނުމާއި ކުޑަކުދިންނަށް ޖެހުމަށް ޤައުމީ ތާވަލުގައި ހިމެނިފައިވާ ވެކްސިންތައް އަދާހަމަކުރުމަށްވެސް އައިޖީއެމްއެޗްއިން އިލްތިމާސްކުރައްވައެވެ. ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށް ސަމާލުކަން ދިނުންވެސް މުހިއްމެވެ.
އައިޖީއެމްއެޗްއިން ވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮަށް ސިއްޙީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމަށާއި މަދިރި އާލާވާ ފަދަ ތަންތަން ބަލައި ގޯތިތެރެއާއި ވަށައިގެންވާ މާހައުލު ސާފުކޮށް ބޭއްވުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ