ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް އެމްޑީޕީން ނުކުމެ މަގުތައް ފުރައިފި، އެންމެ ކުރީގައި ނަޝީދު
ނޫސްވެރިންނަށް ބިރުދެއްކުމާއި، ހައްޔަރުކުރަމުންދާ ދިއުމާ ދެކޮޅަށް އަޑުއުފުލުމަށް ޓަކައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން މާލޭގެ މަގުތަކަށް ނުކުމެ ބޮޑު އިހުތިޖާޖެއް ފަށައިފިއެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި މި ހަރަކާތުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވަމުންދާއިރު، ބައިވެރިން ތިބީ އާޓިފިޝަލް ބީޗު ސަރަހައްދު މުޒާހަރާގެ ބައިވެރިންނާއެކު ފުރިފައެވެ. މި އިހުތިޖާޖު ފެށިގެން އައީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެއިންނެވެ. 13 މެއި 2026: ނޫސްވެރިންނަށް ކުރިމަތިކުރުވާ ދަތިތަކާ ދެކޮޅަށް އަޑުއުފުލުމަށް ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ އިހުތިޖާޖު ފެށުމުގެ ކުރިން، ނަޝީދު އިސްވެ ހުންނަވައި ހަރުގޭގައި ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމަށްފަހު، ނަޝީދު އިސްވެ ހުންނަވައި މުޒާހަރާގެ ބައިވެރިން ވަނީ މަގުތަކަށް ނުކުމެފައެވެ. އިހުތިޖާޖުގެ ބައިވެރިން މަޖީދީ މަގުން ހިނގާފައި ގޮސް މިހާރު ވަނީ އާޓިފިޝަލް ބީޗް ސަރަހައްދަށް ވަދެފައެވެ. ރައީސް ނަޝީދުގެ އަރިހުގައި އެމަނިކުފާނުގެ ސަޕޯޓަރުންގެ އިތުރުން، އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 13 މެއި 2026: ނޫސްވެރިންނަށް ކުރިމަތިކުރުވާ ދަތިތަކާ ދެކޮޅަށް އަޑުއުފުލުމަށް ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ މި އެއްވުމުގެ ބައިވެރިން އަންނަނީ ހައްޔަރުކޮށްފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވައިލައި އަޑުއުފުލަމުންނެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ބާރުއަޅަމުންނެވެ. މިހާތަނަށް މި އިހުތިޖާޖު ކުރިއަށްދާއިރު، ފުލުހުން ނުވަތަ ސަލާމަތީ ބާރުތަކުން މި އެއްވުމަށް ހުރަސްއަޅައި ހުއްޓުވަން މަސައްކަތްކޮށްފައިވާ ތަނެއް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ