އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް އަންނާނީ ސަރުކާރުން ބޭނުންވާ ގޮތަށް އައު ޕަވަރ ސްޓޭޝަނެއް ގާއިމު ކުރެވިގެންކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުން ދަނީ ހިދުމަތް ދޭ ކުންފުނީގެ އިހުމާލުންކަމަށް ބުނެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ 2019 ވަނަ އަހަރު ވެސް މި މޭރުމުން މަޖިލީހުގައި ނާޒިލް ވާހަކަ ދައްކަވާފައިވާކަމަށެވެ. އޭގެ ފަހުން ފަސް އަހަރު ފާއިތުވެގެން ދިޔައިރު، ގެނެވުނު ބަދަލަކީ ކޮބައިތޯ ނުވަތަ ހައްލެއް ހޯދުނުތޯ އަޒާން ސުވާލު އުފެއްދި އެވެ.
ކަރަންޓުގެ މައްސަލަ ޖެހި ރައްޔިތުންނަށް ދަތި އުނދަގޫތަައް ދިމާވާތާ އަހަރުތަކެއްވެފައިވާއިރު މިއީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ޖެހުނު މައްސަލައެއް ނޫންކަމަށް އަޒާން ވިދާޅުވި އެވެ. އަދި މި ދިޔަ ދެ ދުވަހެއްގެ ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ފެށީ އެފްކޮންސް ކުރިޔަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކޭބަލަކަށް ގެއްލުންވުމުންކަމަށް އަޒާން ވިދާޅުވި އެވެ.
މީގެއިތުރުން އައްޑޫގެ ކަރަންޓުގެ ކެޕޭސިޓީއަކީ 11 މެގަވޯޓަށް ވާތީ، 12 މެގަވޯޓުގެ ޑިމާންޑަށް ސަޕްލައި ނުކުރެވުނު ސަބަބުން މައްސަލަތައް ޖެހޭ ވަރު އިތުރުކަމަށް އަޒާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމާއި ހުރެ ލޯޑު ކުޑަކުރުމުގެ ގޮތުން ގިނަ ފަހަރަށް ކަރަންޓު ކެނޑުން ނޫން އިތުރު ގޮތެއް ނޯންނަކަމަށެވެ.
އަޒާން ވިދާޅުވީ ކެޕޭސިޓީ ދަށްވާން ޖެހުނީ 2023 ވަނަ އަހަރު ކުރީގެ ސަރުކާރުގެ ދުވަސްވަރު ދެ އިންޖީނެއް ހުއްޓުމުގެ ސަބަބުންކަމަށެވެ. އެއަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ބަދަލުކޮށް އިތުރު އިންޖީނުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވި ގޮތުގައި ކަރަންޓުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، އައު ޕަވަރ ސްޓޭޝަން އެޅުމެވެ. އެކަމަށް މި ސަރުކާރުން ޗައިނާއާއި އެކުވެފައިވާ އެއްބަސްވުމެއްގެ ދަށުން 31 މެގަވޮޓްގެ ޕަވަރ ސްޓޭޝަނެއް ގާއިމުވެގެން ދާނެކަމަށް އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ މެޝިނަރީތަކުގެ ބައެއް ސްޕެއާރ ޕާޓުތައް ގެނައުމުގައި ލަސްތަކެއް ހުރިކަން އޭނާ ވެސް ގަބޫލު ކުރާކަމަށާއި އެކަމަކު ސަރުކާރުގެ ވައުދާއި އެއްގޮތަށް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށެވެ.
އައްޑޫގައި ކަރަންޓު ކެނޑެނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުންކަމަށް އަޒާންގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ވިދާޅުވި އެވެ. ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ގުޅިފައިވާ މި މައްސަލައިގައި މިހާތަނަށް ރަސްމީކޮށް ފެނަކަ އަދި އެފްކޮންސް ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ވާނީ އައު ޕަވަރ ސްޓޭޝަނެއް ގާއިމު ކުރެވިގެން: އަޒާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ