ޚާރިޖީ މަގާމުތަކަށް، ދާއިރާގެ ތައުލީމު ލިބިގެން ނޫނީ ނާދެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ޖެހޭ: ފައްޔާޒް

ރާއްޖޭގެ ޚާރިޖިއްޔާގެ އެކި މަގާމުތަކުގައި ތިބެވޭނީ، ދާއިރާގެ މަތީ ތައުލީމާއި ތަޖުރިބާ ފުރިހަމަ ގޮތުގައި ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށް ބަޔާންކޮށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް ”އެކްސް“ ގައި މި ޕޯސްޓު ކުރައްވާފައި ވަނީ ލަންކާ – ރާއްޖެ ވިސާގެ ދަތިކަމުގެ ނުތަނަވަސްކަން އުފެދިފައިވަނިކޮށެވެ. މި މައްސަލަ ގޯސްވީ، ލަންކާގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މަސްއޫދު އިމާދު ލަންކާގެ ނޫހެއްކަމަށްވާ ”ޑެއިލީ ނިއުސް“ އަށް ދެއްވި އިންޓަވިއުއަކާއި އެކު އެވެ.
ސަފީރު ވިދާޅުވެފައި ވަނީ ލަންކާގެ އިމިގްރޭޝަނުން ދިވެހިންނާއި މެދު އަމަލު ކުރަނީ ވަރަށް އިހާނެތިކޮށްކަމަށާއި، ވިސާގެ ދަތިކަމިގެ ޝަކުވާ ވަރަށް ގިނައިން ފަހަކަށް އައިސް ލިބެމުންދާކަމަށެވެ.
އެގޮތުން ބައެއް ދިވެހިން އިމިގްރޭޝަން ކިއުގައި ހެނދުނުން ފެށިގެން ހަވީރުގެ ވަގުތާއި ހަމައަށް ތިބެންޖެހޭއިރު އެ ގައުމުން ވަކި ބަޔަކަށް އިސްކަން ދީގެން މަސައްކަތް ކުރަމުން ގެންދާކަމަށް މަސްއޫދު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި ލަންކާގެ އިމިގްރޭޝަން އޮފީހުގައި ދިވެހިންނާއި މެދު އަޑުހަރުކޮށް ވާހަކަ ދެއްކުމާއި، ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުގެ އެތައް ޝަކުވާއެއް ވަނީ ލިބިފަ އެވެ.
މި މައްސަލަ ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައިވާއިރު މިހާތަނަށް ދިވެހި ސަރުކާރުން މިކަމުގައި އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.
ދަތިތައް ދިމާވެ ކަންބޮޑުވުންތައް ހުރިނަމަވެސް މިއީ، މައްސަލައިގައި ވާހަކަ ދެކެވެން ޖެހޭ ގޮތް ނޫންކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި އެކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ފަހަރަށް ދިފާއުވާން ޖެހެނީ ޚާރިޖީ ސިޔާސަތު ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ދިފާއީ ރޮނގަކީ، ފޮރިން ސާވިސްކަމަށާއި އެ ސާވިސްގެ ގާބިލުކަމާއި ހުށިޔާރުކަން ހުންނަންވާނެކަމަށެވެ. ފައްޔާޒް ވިދާޅުވީ ޚާރިޖީ ސިޔާސަތު ވާންޖެހޭނީ، ވީހާ ގިނަ ބަޔަކާ ނުޖެހި އަވައްޓެރިންނާއި ގުޅިގެން އުޅޭ ސިޔާސަތަކަށް ކަމަށެވެ.
އެހެންކަމުން ފޮރިން ސާވިސްއަށް އެ ދާއިރާގެ ތައުލީމާއި ތަޖުރިބާ އެންމެ ފުރިހަމައަށް ލިބިފައިވާ ފަރާތެއް ނޫން އެހެން މީހަކު އައްޔަނު ނުކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުން ރަނގަޅުކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ އޭގެ ސަބަބުން ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާ މިންވަރު ކުޑަކުރެވި މިފަދަ ހާދިސާތައް މަދުކުރެވޭނެ ކަމަށެވެ.
ރާއްްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ހާރިޖީ ސިޔާސަތު އަދި މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ދިފާއީ ރޮނގަކީ ފޮރިން ސާވިސް އަދި އެ ސާވިސްގެ ގާބިލުކަމާއި ހުޝިޔާރުކަމުގެ ހުނަރު. އެ ފޮރިން ޕޮލިސީ ވާން ޖެހެނީ ވީހާ ގިނަ ބަޔަކާ ނުޖެހި، ހާއްސަކޮށް އަވައްޓެރިންނާ ގުޅިގެން އުޅެވޭނެ ސިޔާސަތަކަށް. ފޮރިން ސާވިސްއަށް އެ ދާއިރާގެ ފޯމަލް އެޑިއުކޭޝަނެއް ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެ ހެން ޤާނޫނުގައި ކަނޑައެޅުން ރަނގަޅުވެދާނެކަމަށް ފެނޭ. އޭރުން ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރކުރާނެ މިފަދަ ހާދިސާތައް ދިމާވުން މަދުވާނެ
ލަންކާގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި، މަސްއޫދު އިތުރަށް ވިދާޅުވެފައި ވަނީ އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން ހަމުގެ ކުލަ އަލި މީހުންނަށް އެކަނި އިސްކަންދީ، އެއީ ހަމައެކަނި ޒިޔާރަތްކުރާ މީހުންގެ ގޮތުގައި ދެކޭކަމަށެވެ. އަދި އެހެން ގައުމުތަކުން ޒިޔާރަތްކުރާ މީހުންނަށް ލިބޭ ފަސޭހަތައް ދިވެހިންނަށް ނުލިބޭކަމަށް ވިދާޅުވިއެވެ.
ވިސާ ދޫކުރުމުގައި ހުރި އިތުރު މައްސަލަތަކާއި ގުޅޭގޮތުން މަސްއޫދު ވިދާޅުވީ، އަމިއްލައަށް ވަކިން ހުށަހަޅާ ވިސާ އެޕްލިކޭޝަންތަކަށް ގިނަ ވަގުތު ހޭދަވި ނަމަވެސް، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް އެއްވެސް ދަތިކަމެއް ނެތި ވިސާ ލިބެމުންދާ ކަމަށެވެ. މިއީ އިމިގްރޭޝަންގެ ތެރޭގައި ހިނގާ މާލީ މަންފާތަކަކާ ގުޅުންހުރި ކަމެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ.
މީގެއިތުރުން ކިޔަވާ ދަރިވަރުންނާއި، ބެލެނިވެރިން ވިސާ ހޯދުމަށް ގިނަ ގަޑިއިރުތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި މަސްއޫދު ވިދާޅުވީ، މިކަން މިގޮތަށް ކުރިއަށްދާނަމަ، ސްރީލަންކާގެ ޕްރޮފެޝަނަލުންނަށް ރާއްޖެއިން ވިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލުތައް މުރާޖައާކުރަން ރާއްޖެއަށް މަޖުބޫރުވާނެ ކަމަށެވެ.
ވިސާ ހޯދުމަށް ދިވެހިންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ލަންކާގައި ވިސާގެ އުސޫލުތައް ހަރުކަށި ކުރީ 2019 ގައި އެ ގައުމަށް ދިން ”އީސްޓަރ އެޓޭކް“ ހަމަލާއަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ