ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން އިޢުލާންކުރި މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކުގައި ކިޔެވުން މި ފެށޭ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ފާއިތުވި ދެ އަހަރު ވުޒާރާއިން ކޮށްފައިވާ މަސައްކަތްތަކާއި ކާމިޔާބީތައް ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައެވެ.
ދިވެހި ސަގާފަތާއި ތަރިކަ ދިރުވާ އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ސިޔާސަތުގެ ދަށުން ނުހަނު އިސްކަން ދެއްވާ މަސައްކަތެކެވެ. މި ދާއިރާއިން މީހުން ބިނާކުރުމަކީ އެ ސިޔާސަތުގެ ދަށުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ރައީސްގެ އިރުޝާދުގެ ދަށުން ވުޒާރާއިން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ދާއިރާއިން މީހުން ބިނާކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 50 ސްކޮލަޝިޕް ވަނީ ދޫކޮށްފައެވެ. މާސްޓާސް ލެވެލްގެ މި ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ ޔުނިވަރސިޓީގައެވެ. މި ސްކޮލަޝިޕަކީ ދިވެހި ތަރިކައިގެ ޢިލްމީ ކޮމިއުނިޓީއެއް އުފެއްދުމުގެ ”ސިގްނޭޗަރ ރިސާޗް ޕްރޮޖެކްޓް“ ގެ ދަށުން ފަހިކޮށްދެވުނު ފުރުޞަތުތަކެކެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތައް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. ކިޔަވާ ދަރިވަރުން ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި ތަރިކަ ދިރާސާކުރާ މަރުކަޒުން ވަނީ ދިވެހި ތަރިކަވެރީން އުފެއްދުމުގެ ޤައުމީ މަޝްރޫޢާއި، ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢުގެ އިތުރުން ދިވެހި ތަރިކައިގެ ޚާއްޞަ ސިފަތައް އެކުލަވައިލުމުގެ ޤައުމީ މަޝްރޫޢު ވެސް ފަށާފައެވެ. މި ހުރިހާ މަސައްކަތްތަކަކީ ވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އައު ސިޔާސަތުތަކުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކެކެވެ.
ތަރިކައިގެ ދާއިރާގެ ސްކޮލަރޝިޕް ޖަނަވަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފަ: މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ