ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާ ރިޔާސީ ކޮމިޝަނުން ކުރަން ބޭނުންވާ ސުވާލުތަކާ ގުޅޭ ކަންތައްތަކާ ބެހޭ ލިއެކިޔުންތައް އެ މަނިކުފާނު މަގާމުން ވަކިވެ ވަޑައިގެންނެވިއިރު ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ މިނިސްޓްރީތަކުގައި ވަރަށް ރަނގަޅަށް ރައްކާ ކުރައްވާފައި ހުންނާނެ ކަމަށާއި އެހެން ނަމަވެސް އެ ލިޔެކިޔުންތައް މިހާރު އެ ގޮތަށް ހުރި ކަން ޔަގީންނުވާ ކަމަށް މައުމޫން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކޮމިޝަނަށް މައުމޫން ހާޒިރު ކުރަން ބޭނުންވާ ސަބަބުތައް އެ ކޮމިޝަނުން މި މަހުގެ 21 ގައި ހާމަކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ސެކްރެޓޭރިއޭޓް އޮފް ދަ ފޯމަ ޕްރެޒިޑެންޓް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި މައުމޫން ވިދާޅުވެފައި ވަނީ ކޮމިޝަނުން ބުނާ ކަންތައްތަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އެމަނިކުފާނުގެ އަތްޕުޅުގައި ނެތި، ކޮމިޝަންގެ ސުވާލުތަކަށް، ހަނދާނުގެ މައްޗަށް ބުރަވެވަޑައިގެން ޖަވާބު ދެއްވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އެ ނޫސްބަޔާނުގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މިދިޔަ މޭ، 16 ގައި ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވެފައި ވަނީ އެ މަނިކުފާނު 30 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރައްވާފައި ވަނީ ހިޔާނާތްތެރިކަމާއި އަމިއްލަ އެދުން އިސްކޮށްގެން ކަމަށް ކޮމިޝަނުން ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މައުމޫން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ އާއިލާގެ ކަންކަމުގައި ވެސް ނަހަމަ ގޮތުގައި ދައުލަތުގެ ފައިސާ ބޭނުން ކުރައްވާފައިވާ ކަމަށް ކޮމިޝަނުން ބުނުމަކީ ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އަޅުގަނޑު ހުރި ދިގު މުއްދަތުގައި އަޅުގަނޑު އަބަދުވެސް އަމަލުކޮށްފައިވާނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި އެހެން ގާނޫނުތަކާއި އެ ވަގުތަކު އަމަލުކުރަން ހަމަޖެހިފައިވާ ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގަ އެވެ. އެއްވެސް ހާލަތެއްގައި ދައުލަތުގެ މުދަލާއި ފައިސާ އަށް އަޅުގަނޑު ހިޔާނާތްތެރިވެފައެއް ނޯންނާނެ އެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި އަޅުގަނޑު ބޭނުން ކޮށްފައެއް ވެސް ނޯންނާނެ އެވެ. މިކަން ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން ވަރަށް ރަނގަޅަށް ސާބިތުވާނެ އެވެ،" ރިޔާސީ ކޮމިޝަނުން މައުމޫނާ ސުވާލު ކުރަން ބޭނުންވާ ނުވަ ކަމެއް ފާހަގަކޮށް ނޫސްބަޔާން ނެރުނުތާ 10 ދުވަސް ފަހުން މައުމޫން ނެރުއްވި ނޫސްބަޔާނުގައިވެ އެވެ.
މައުމޫން ވިދާޅުވެފައި ވަނީ ރިޔާސީ ކޮމިޝަނުން އެ މަނިކުފާނާ ސުވާލުކުރަން ބޭނުންވާ ކަންތައްތައް ވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދުގެ މަތިން ސަރުކާރުގެ އެހެން އިދާރާތަކަކުން ނިންމާފައި ކަމަށެވެ. އަދި އެ ކަންތައްތައް ހިނގާފައިވާ ގޮތުގެ މައުލޫމާތުތައް އެ ދާއިރާތަކުގެ ރަސްމީ ލިޔެކިޔުންތަކުގައި ވެސް ހުންނާނެ ކަމަށް މައުމޫންގެ ނޫސްބަޔާނުގައިވެ އެވެ.
މި ނޫސްބަޔާނުގައި މައުމޫން ވަނީ ރިޔާސީ ކޮމިޝަން އެކުލަވާލާފައިވާ ގޮތަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ ކޮމިޝަން އުފައްދަވާފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ސަރުކާރުން ބުންޏަސް އެފަދަ ތަހުގީގުތައް ކުރުމަށް އެއްވެސް މީހެއްގެ ނުރުހުމުގައި ގަދަކަމުން ނުވަތަ ފުލުހުން މެދުވެރކޮށް ހާޒިރުކުރުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މި ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް ބަލާއިރު، މި ކޮމިޝަނަކީ ވަކި ފަރާތަކަށް ނުޖެހި، ތައައްސުބުން އެއްކިބާވެ ތިބެ، އިންސާފުވެރި މަސައްކަތްތަކެއް ކުރެއްވޭނެ ކޮމިޝަނެއް ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެހެނީ މި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބައެއް ބޭފުޅުންނަކީ މީގެ ކުރިން، ޒާތީ ގޮތުން އަޅުގަނޑާ ވަރަށް ބޮޑަށް ދިމާކުރައްވައި، ވަރަށް ބޮޑެތި ދޮގު އިލްޒާމްތަކެއް އަޅުގަނޑުގެ ބޮލުގައި އަޅުއްވާފައިވާ ބޭފުޅުންނެވެ،" މައުމޫން ވިދާޅުވެފައިވެ އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވެ އެވެ؛ "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ކޮމިޝަނަށް އަޅުގަނޑުގެ ނުރުހުމުގައި، އަޅުގަނޑު ހާޒިރު ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަކީ، ޣައިރު ގާނޫނީ މަސައްކަތެކެވެ. މިފަދަ އެހެން މައްސަލައެއްގައި ދާދި މިދާކަށް ދުވަހު މަދަނީ ކޯޓުން ކުރެއްވި ހުކުމުން ވެސް މިކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެ އެވެ."
މި ނޫސްބަޔާނުގައި މައުމޫން އިތުރަށް ވިދާޅުވެފައި ވަނީ ރިޔާސީ ކޮމިޝަނުން ކުރަން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން އެ ކޮމިޝަނަށް ހޯދުމުގެ ފުރުސަތު އޮއްވައި، ގާނޫނު އަސާސީން ނުވަތަ އެހެން ގާނޫނަކުން ދީފައިނުވާ ބާރުތަކެއް ބޭނުންކޮށްގެން އެ މަނިކުފާނުގެ ނުރުހުމުގައި ކޮމިޝަނަށް ހާޒިރު ކުރަން ކުރި މަސައްކަތްތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ.
ރިޔާސީ ކޮމިޝަނުން ވަނީ މައުމޫނާ ސުވާލުކުރަން ޖެހޭ ނުވަ މައްސަލައެއް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިޔާސީ ގަނޑުވަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލަތަކާއި، ރައީސް އޮފީހުން ދޫކޮށްފައިވާ ލޯންތަކެއްގެ މައްސަލަ އާއި އެންޓި ކޮރަޕްޝަން ބޯޑުން ނިންމި ބައެއް މައްސަލަތައް އޮއްބާލައްވަން މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލަ އާއި، ކޮރަޕްޝަން އަމަލު ހިންގި ކަމަށް ބެލެވޭ މީހުން ވަޒީފާ އިން ވަކިކޮށް ފަހުން ވަޒީފާ ދިން ކަމަށް ބުނާ މައްސަލަތަކާއި، އެފްޕީއައިޑީގެ މައްސަލަ އާއި، އެއާ މޯލްޑިވްސްގެ މައްސަލަ އާއި ވަކަރުފަޅި ރިސޯޓުގެ މައްސަލަ އާއި ކޮރަޕްޝަން ހިންގި ކަމަށް ބުނާ ވަޒީރަކާ މެދު ފިޔަވަޅު ނޭޅުއްވި މައްސަލައަކާއި ބައެއް ޖޫރިމަނާތައް ސުވާލު އުފެދޭ މިންވަރަށް ކުޑަކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.
ރިޔާސީ ކޮމިޝަނަށް މައުމޫން ރައްދު ދެއްވުން: ހުރިހާ ލިޔެކިޔުމެއް ސަރުކާރުގައި ބެހެއްޓިން، އެކަމަކު ކުރިން ހުރި ގޮތަށް ލިޔެކިޔުންތައް މި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ