ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޔާމީން ވިދާޅުވެއްޖެ

މިދިޔަ މަހުގެ ތެރޭގައި އުފެއްދުމުގެ ހުއްދަ ދީފައިވާ ޕީޕަލްސް އެލެއަންސް (ޕީއޭ) ގެ ކައުންސިލުން ނިންމައިފި ނަމަ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ ކޮއްކޯފުޅު އަދި ކުރީގެ މިނިސްޓަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެ ޕާޓީއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށްޓަކައި ޕާޓީ އަށް ސަޕޯޓްކުރާ ބައެއް ފަރާތްތަކާ އެކު މަރަދޫފޭދޫގައި ރޭ ބޭއްވި ބައްދަލުވުމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. މެމްބަރު ޔާމީން ވިދާޅުވީ، ޕާޓީގެ ކައުސިލުން ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ހަމަޖައްސައިފި ނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ރޭގެ ބައްދަލުވުމާ ބެހޭ ގޮތުން ޕީއޭގެ އިސް މެންބަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މ. މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ "ރިޔާސީ އިންތިހާބުގައި ޔާމީން ކުރިމަތިލުމާއި ނުލުން އޮތީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ އިން ނިންމާ ނިންމުމެއްގެ މައްޗަށް" ކަމަށެވެ.
"އެހެންވީމާ ޕާޓީގެ ކައުންސިލުން އެގޮތަށް ނިންމައިފި ނަމަ އެ ގޮތަކަށް އަމަލު ކުރައްވަން ނިންމައިފައިވާ ކަމަށާއި އެގޮތަކަށް ކުރިއަށްދާން ހުންނެވި ކަމަށް ޔާމީން ވިދާޅުވީ. އެހެންވީމާ އެއީ ވަރަށް ސާފު ޖަވާބެއް،" ނާޒިމް ވިދާޅުވި އެވެ. "ހަގީގަތުގައި އަޅުގަނޑުމެން މިއަތޮޅަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ޕީއޭ އަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކޮށް އަޅުގަނޑުމެންގެ ސިޔާސަތުތައް ހާމަކުރުން. ޕާޓީ އުފައްދަން ހުށަހެޅި ނަންތަކުގެ ތެރޭގައި ވެސް މި އަތޮޅުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފޯމް ހުށަހަޅައިފައިވޭ. އެހެންވެ މީގެ އެންމެ ބޮޑު ބޭނުމަކީ މި އަތޮޅަށް އައިސް ޕީއޭ އަށް ތާއީދުކުރާ މީހުންނަށް ޔާމީން ތައާރަފްކޮށް އޭނާގެ ޝަހުސިއްޔަތު އާންމުންނަށް ހާމަކޮށްދިނުން."
ނާޒިމް އަދި ވިދާޅުވީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ މި މަހުގެ 21- 22 ގައި ބާއްވަން މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.
ނާޒިމު އިތުރަށް ވިދާޅުވީ ޕީއޭ އިން މަސައްކަތްކުރާނީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން ރާއްޖެ ސަލާމަތްކުރަން ކަމަށާއި އެކަމަށް އިޖުތިމާއީ، އިގުތިސާދީ ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވާ ކަމަށެވެ.
"އެހެންވީމާ ވަރަށް ވަރުގަދަ އިގުތިސާދީ އެޖެންޑާއެއް ހިފައިގެން ނޫނީ އަޅުގަނޑުމެން މިހާރު މިތިބަ ވަޅުގަނޑުން އަރައިގަނެވޭކަށް ނެތް. އެހެންވީމާ އިގްތިސާދީ އެޖެންޑާއެއް ކެރީއައުޓް ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން ކުރިއަށްދާ ގޮތަށް މި ތިބީ،" ނާޒިމް ވިދާޅުވި އެވެ. "އެހެންވީމާ އެ ގޮތަކީ ވެރިކަމަށް ކުރިމަތިލައިގެން ކުރިއަށް ދިއުން ކަމަށް ވަންޏާ އެގޮތް ވެސް އެންމެ ރަނގަޅު. އަޅުގަނޑުމެންނަކީ ސަރުކާރުގައި ތިބެފައި ނިކުމެގެން އުޅޭ ބައެއް. އެހެންވީމާ ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެނގޭ. އަޅުގަނޑުމެން ވެސް ސަރުކާރުން ނުކުތީ އަޅުގަނޑުމެން ބޭނުންވާ ޕްރޮގްރާމްތައް ނުހިންގިގެން. އެހެންވީމާ ޔާމީނު ވެސް ހުންނެވީ އޭނާގެ ފަހަތުގައި ތިއްބެވި ބޭފުޅުން ނިންމަވާ ގޮތަކަށް ޔާމީން ކުރިއަށް ގެންދަވާނެ."
ޕީއޭ އިން ބުނިގޮތުގައި އައްޑު އަތޮޅުގެ ރަށްރަށުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންނާ ބައްދަލު ކުރުމުގެ އިތުރަށް ފުވައްމުލަކުގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޕީއޭ އުފައްދަން ހުށަހެޅި މެމްބަރުންގެ ތެރެއިން 3،000 މެމްބަރުން ހަމަވުމުން އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނަރުގެ އޮފީހުން ދީފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ