މާލީ އިނާޔަތުން 20 ޕަސެންޓް އަދި ލިވިން އެލަވަންސުން ވެސް 20 ޕަސެންޓް ދޫކޮށްލެއްވުމަށް މައުމޫން ނިންމަވައިފި

ކުރީގެ ރައީސުންނަށް މާލީ އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ބިލްގައި ބުނެފައިވާ މާލީ އިނާޔަތުން 20 ޕަސެންޓް އަދި ލިވިން އެލަވަންސުން ވެސް 20 ޕަސެންޓް ދޫކޮށްލެއްވުމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ނިންމަވައިފި އެވެ.
ސެކްެރެޓޭރިއޭޓް އޮފް ދަ ފޯމަ ޕްރެޒިޑެންޓް އޮފީހުން މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސުންނަށް މާލީ އިނާޔަތާއި ލިވިން އެލަވަންސް ނުވަތަ ދިރިއުޅުއްވާ ތަނުގެ ހަރަދުތައް ހަމަޖެއްސުމަށް ބިލްގައި ބުނެފައިވާ ފައިސާގެ އަދަދުން ޕަސެންޓެއް ދޫކޮށްލެއްވުމަށް ނިންމެވީ ދިވެހި ރައްޔިތުންގެ ބޭނުންތަކަށް އެ ފައިސާ ބޭނުންކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި އެ މަނިކުފާނު ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އިގުތިސޯދީ ދަތިކަމަށްޓަކައި އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ދަތިތަކަށްޓަކައި ބިލްގައިވާ އަދަދަށް ފައިސާ ނަންގަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެ ބިލްގައިވާ ގޮތުން ކުރީގެ ރައީސްގެ ލިވިން އެލަވަންސަށް މަހަކު 50،000ރ. ދޭން ޖެހެ އެވެ. އެހެންވެ އެ ފައިސާއިން 20 ޕަސެންޓް އުނިކުރެއްވުމުން މައުމޫނަށް ހައްގުވާނީ 40،000ރ. އެވެ. މާލީ އިނާޔަތުގެ ގޮތުގައި މަހަކު 75،000ރ. ކަނޑައަޅާފައިވާއިރު އެއިން 20 ޕަސެންޓް އުނި ކުރެއްވުމުން މައުމޫނަށް ލިބިވަޑައިގަންނަވާނީ 60،000ރ. އެވެ.
މާލީ އިނާޔަތާއި ލިވިން އެލަވަންސުން ވަކި ޕަސެންޓެއް ދޫކޮށްލެއްވުމަށް މައުމޫން ނިންމެވިއިރު ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން މައުމޫން އިއްޔެ ވިދާޅުވީ އެމަނިކުފާނަށް ދައުލަތުން ލިބިވަޑައިގަންނަވާނެ ކަމަށް ބިލްގައި ބުނެފައިވާ އިނާޔަތްތަކުން ބައެއް ދޫކޮށްލެއްވި ނަމަވެސް ކުރީގެ ރައީސްގެ އޮފީހުގެ މުވައްޒަފުންގެ މުސާރައަކާ އެމަނިކުފާނަށް ނުކުޅެވޭނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ކުރީގެ ރައީސުންނަށް ދިނުމަށް ބިލުގައި ބުނެފައިވާ މާލީ އިނާޔަތްތައް އެއީ ބޮޑު އަދަދެއް ކަމަށް ގަބޫފުޅު ނުކުރައްވާ ކަމަށެވެ. މާލީ އިނާޔަތުގެ އިތުރުން ބިލުގައި ކަނޑައަޅާފައި ވަނީ ޕެންޝަން ފައިސާ އާއި އޮފީސް ހިންގުމުގެ ހަރަދާއި ދިރިއުޅުމުގެ ހަރަދެވެ.
މައުމޫން ވިދާޅުވީ އޭގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދު ]މުވައްޒަފުންގެ މުސާރަ ނުލައި[ މިހާރު ވެސް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ.
"މުވައްޒަފުންގެ މުސާރައަށް އެބަ އަރާ 148،000ރ. ތަނުގެ ކުއްޔަށް އެބަ އަރާ 25،000ރ. (ކުލި) އެއީ އަޅުގަނޑު އަމިއްލައަށް ދޭ އެއްޗެއް. އެހެންވީމަ 173،000ރ. އެބަ އަރާ މުވައްޒަފުންގެ މުސާރަ އާއި ކުއްޔަށް އެކަނި. ދެން ބާކީ އޮންނާނީ 2000ރ. އެ 2،000ރ. އިން ނުވެސް ހިންގޭނެ އެހެން ކަންތައްތަކަށް. އެހެން ނަމަވެސް އެ ގޮތް އަޅުގަނޑު ގަބޫލުކޮށްލައިގެން މިހުރީ އަދަދު ބޮޑު ނުކުރަން ވެގެން،" މައުމޫން ވިދާޅުވި އެވެ.
ކުރީގެ ރައީސްގެ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ބިލްގައި ކަނޑައަޅާފައި ވަނީ މަހަކު 175،000ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 50،000ރ.ގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި 75،000ރ. ބިލުގައި ކަނޑައަޅާފައިވެ އެވެ.
މައުމޫން ވިދާޅުވީ ކުރީގެ ރައީސަށް ޕެންޝަންގެ ގޮތުގައި މަހަކު 75،000ރ. ދިނުމަށް ބިލްގައި ކަނޑައަޅާފައި ވުމަކީ ވެސް ބޮޑު އަދަދެއް ނޫން ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވިއިރު 1999 އިން ފެށިގެން މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަމުން ގެންދެވި އަދަދުކަން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ.
"މި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ނެތް ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ބޮޑުވެފައެއް. އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އާންމު މުވައްޒަފުންގެ މުސާރަ ދެ ފަހަރު ބޮޑުވެފައި އެބައޮތް. ރައީސްގެ މުސާރަ ބޮޑުވެފައި ނެތީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނުނިންމަވާތީ. ރައްޔިތުންގެ މަޖިލީހުން ނުނިންމަވައި އޮތީމަ އަޅުގަނޑު ރައީސް ކަމުގައި ހުރެގެން ނުވަ އަހަރު ވަންދެން މި އޮތީ އެއް މުސާރައެއް. އެހެންވީމަ އެއީ ބޮޑު އެއްޗެއް ނޫން،" މައުމޫން ވިދާޅުވި އެވެ. "އަނެއްކާ މިހާރު ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މި ދެންނެވި ފަދަ މުއްދަތަށް ހިދުމަތް ނުކުރެއްވިޔަސް އެއަށް ވުރެ ބޮޑެތި މުސާރަ އެބަ ލިބޭ. އަޅުގަނޑު މިއީ 30 އަހަރު ހިދުމަތް ކުރި މީހެއް. މިވަރަށް ހިދުމަތް ނުކުރައްވާ ކިތަންމެ ބޭފުޅުންނެއް މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވީ. ސިޔާސީ ބޭފުޅުންނަށް މިއަށް ވުރެ ބޮޑު އެއްޗެއް ލިބިވަޑައި ގަންނަވާ."
ކުރީގެ ރައީސުންގެ ބިލްގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވީ އެ ބިލްގެ ނުވަ ވަނަ މާއްދާ އެވެ. އެއީ ކުރީގެ ރައީސް ކުރެއްވި ކަމަކާ ގުޅޭ ގޮތުން ތަހުގީގު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮގެން ކަމަށް ބުނާ މާއްދާ އެވެ. އެހެން ނަމަވެސް ޑީއާރުޕީގެ މެމްބަރުން އެ މާއްދާ ވަރަށް ބޮޑަށް ދިފާއު ކުރެއްވުމަށް ފަހު އިއްޔެގެ ޖަލްސާގެ ވަކި ހިސާބަކުން ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މަޝްވަރާތަކަށް ފަހު ވަނީ އެ މާއްދާ އުނިކޮށް ބިލް ފާސްކޮށްފަ އެވެ.
މައުމޫން ވިދާޅުވީ ނުވަ ވަނަ މާއްދާ އުނިކުރަން ނިންމީ ސީދާ އެ މަނިކުފާނުގެ އިސް ނެންގެވުމެއްގެ މަތިން ކަމަށެވެ. އަދި މައުމޫން ވިދާޅުވީ އެ މާއްދާ އޮތަސް ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއާއެކު އެ މާއްދާ ބިލްގައި ނެތަސް އެ މަނިކުފާނަށް ކުރިމަތިވެ ވަޑައިގަންނަވާނެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"އެއީ އަޅުގަނޑަކީ އެއްވެސް އިރެއްގައި ގާނޫނަކާއި ގަވާއިދާ ހިލާފަކަށް އަމަލުކުރި މީހެއް ނޫން. އަޅުގަނޑުގެ މައްޗަށް ސާބިތުވާނެ އެއްވެސް ކުށެއް ނޯންނާނެ. އެހެންވީމަ އެ މާއްދާ އޮތަކަސް ނެތަކަސް އަޅުގަނޑަށް މީގެ ތަފާތެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ. "ދެން އަޅުގަނޑު ވިސްނީ އެހެން ނަޒަރަކުން. އެއީ އިއްޔެ ]މިދިޔަ ހޯމަ ދުވަސް[ ހިނގި ކަންތައްތައް، ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ބަޔަކު މުޒާހަރާ ކުރުމާއި ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގުމާއި އެތައް ބަޔަކަށް ގެއްލުން ލިބުމާއި މި މަންޒަރަކީ އަޅުގަނޑު ވަރަށް ހިތާމަކުރި މަންޒަރެއް. އަޅުގަނޑު ބޭނުމެއް ނޫން މިކަހަލަ ކަމެއް އެއްގޮތަކަށް ވެސް ދިމާވާކަށް. އަދި އަމުދުން އަޅުގަނޑާ ބެހޭ ބިލަކުން މި ކަހަލަ ހަމަނުޖެހުންތަކެއް އުފެދި މިހެން ވާކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ބޭނުންވީ ގައުމުގެ މަސްލަހަތު އިސްކުރަން. ގައުމުގެ މަސްލަހަތު އިސްކުރެވޭނީ މި މާއްދާ ދޫކޮށްލައިގެން ކަމަށް މިއަދު ހެނދުނު އަޅުގަނޑަށް ގަބޫލު ކުރެވުމާއެކީގައި އަޅުގަނޑުމެންގެ ޕާޓީގެ ގުރޫޕްގެ ލީޑަރު އަހުމަދު ތަސްމީން އަލީއަށް ފޯނުން ގުޅާފައި ދެންނެވިން މި މާއްދާ ދޫކޮށްލަމާތޯ؟ އަޅުގަނޑުގެ މައްސަލައެއް ނެތޭ. ދެން އެގޮތަށް އެ މަނިކުފާނު މަސައްކަތް ފައްޓަވައިގެން މަޖިލީހުގެ ރައީސާ ވެސް މަޝްވަރާ ކުރައްވައި އެމްޑީޕީގެ އިސް ވެރިންނާ ވެސް މަޝްވަރާ ކުރައްވައި އަދި އަމިއްލަ މެމްބަރުންނާ ވެސް މަޝްވަރާ ކުރައްވައި މިކަން ކުރައްވައިގެން އެއްބަސްވުމަކަށް މި އާދެވުނީ."
މައުމޫން ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފެނިގެންދިޔައީ ޑިމޮކްރެސީގެ ވަރަށް ރީތި މިސާލެއް ކަމަށާއި ހިޔާލު ތަފާތު ވިޔަސް ވާހަކަ ދައްކައިގެން އެންމެންނަށް ގަބޫލު ކުރެވޭ ގޮތަށް ކަންތައްތައް ނިންމިދާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ކުރީގެ ރައީސުންގެ ބިލަކީ ގާނޫނު އަސާސީގެ 128 ވަނަ މާއްދާގެ ދަށުން އޮންނަންޖެހޭ ބިލެއް ކަމަށާއި އެ ބިލް ނެތިދާ ކޮންމެ ދުވަހަކު އެކަމާ ކޮންމެވެސް ބަޔަކު ޒިންމާ އުފުލަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މައުމޫން ވިދާޅުވީ މަޖިލީހުގެ އިއްތިފާގުން ބިލް ފާސްވުމުން ރައީސް މުހައްމަދު ނަޝީދު އެ ބިލް ތަސްދީގު ކުރެއްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ