މެމްބަރު އާދިލް ކުޑަކުއްޖަކާ ބެހުނު ކަމަށް ސާބިތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ މައްޗަށް ދައުލަތުން އުފުލި، ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.ބަދުއަހްލާގީ މައްސަލަތަކާއި ކުޑަކުދިންނާ ބެހޭ މައްސަލަތައް އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދާތީ ހުކުމުގައި ފާހަގަކޮށްފައިވަނީ ކޮންކޮން ކަންތައްތަކެއް ކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.ނަމަވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ހުލާސާ ގޮތެއްގައި އާންމުކޮށްފައިވާ ގޮތުން އާދިލްގެ މައްޗަށް ކުރި ދައުވާ އަށް އާދިލް އިންކާރުކޮށްފައިވެ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކީގެ ނިސްބަތަށް ބަލާއިރު ކުޑަކުދިންނާ މެދު ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ  47 ވަނަ މާއްދާގައި ބުނާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އާދިލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ވެސް ވެބްސައިޓްގައިވެ އެވެ.ހުކުމްކުރުމުން ކޯޓުން ނުކުމެވަޑައިގެން އާދިލް ވިދާޅުވީ މައްސަލަ މި ގޮތަށް ނިމުނީތީ މާތްﷲ އަށް ހަމްދާ ޝުކުރުކުރާ ކަމަށާއި މައްސަލަ މި ގޮތަށް ނިމުމުން ކަން އޮތް ގޮތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.އާދިލްގެ މައްޗަށް ދައުވާކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. އާއި ހަވާލާދީ އެ މައްދާގެ ނ. ގެ ދަށުންނެވެ.އެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. ގައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ ނ. ގައި ވަނީ އެ ކުށްކުރި މީހާގެ އަދަބަކީ  10 އަހަރާއި  14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.ގާނޫނު އަސާސީގެ  73 ވަނަ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެ ނަމަ އެ މެމްބަރަކު މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ