ބޭރުގެ އާގު ބޯޓެއްގައި ދިވެއްސަކު މަރުވެއްޖެ
މެކްސިކޯ އިން ފުރައިގެން ޗައިނާ އަށް ދަތުރުކުރަމުން ދިޔަ ޖަރުމަނުގެ އާގު ބޯޓެއްގައި ހުރި ދިވެހި ކްރޫއަކު މި މަހު މަރުވެއްޖެ އެވެ. ޖަރުމަނުގެ އޯލްޑެންޑޯފް ކެރިއާސް ކުންފުނީގެ "ޓްރީނާ އޯލްޑެންޑޯފް" ބޯޓުގައި މަރުވީ ފުވައްމުލަކު ސޯސަންގޭ އާރިފް މުހައްމަދު 41، ކަމަށް އޭނާގެ އާއިލާ އިން ބުންޏެވެ. އެ ބޯޓުގައި ހުރި ދިވެއްސަކާ ހަވާލާދީ އާރިފްގެ އަންހެނުން އައިޝަތު އިނާޔާ މިއަދު "ހަވީރަ"ށް ބުނި ގޮތުގައި އޭނާގެ ފިރިމީހާ މަރުވީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އަދި ފިރިމީހާ މަރުވީ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ފަހުން ކަމަށް އިނާޔާ ބުންޏެވެ. "އެ މީހާ [ބޯޓުން ވާހަކަ ދެއްކި މީހާ] ބުނި ގޮތުގައި އާރިފް ބަނޑަށް ތަދުވާތީ އުޅުނު. ގޭސްޓްރިކްގެ މައްސަލަ ހުންނަ ވާހަކަ ބުނި ކަމަށް ވޭ. އާރިފްގެ އެހެން ބައްޔަން ހުންނަ ކަމެއް އަޅުގަނޑުމެންނަކަށް ފާހަގަ ކުރެވިފައެއް ވެސް ނެތް،" އިނާޔާ ބުންޏެވެ. އާރިފް ދަތުރުކުރި ބޯޓު މިހާރު ޗައިނާ ގައި ބަނދަރުކޮށްފައި އޮތަސް، އޭނާ މަރުވީ ޗައިނާގައި ނުވަތަ އެ ގައުމުގެ ސަރަހައްދުގައި ކަމަށް ނުވުމުން، އާރިފް ވަޅުލުމުގެ ކަންކަން ހަމަނުޖެހުނު ކަމަށް އިނާޔާ ބުންޏެވެ. "އެހެންވެ އެޖެންޓް ބުނީ ހަށިގަނޑު ވަރަށް އަވަހަށް މާލެ ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް،" އޭނާ ބުންޏެވެ. އާރިފުގެ ހަށިގަނޑު ބާއްވާފައި އޮތީ ބޯޓުގެ ފްރިޖެއްގައި ކަމަށް ވެސް އިނާޔާ ބުންޏެވެ. ބޯޓު ދަތުރު ކުރާތާ 18 އަހަރު ވެފައިވާ އާރިފް ރާވާފައި އޮތީ، ޗައިނާގައި ބޯޓު ބަނދަރު ކުރުމުން، މަތިންދާބޯޓުގައި ރާއްޖެ އަންނަ ގޮތަށް ކަމަށް އިނާޔާ ބުންޏެވެ. އާރިފާއި އިނާޔާގެ 16 އަހަރުގެ އަންހެން ކުއްޖަކާއި ހަ އަހަރުގެ ފިރިހެން ކުއްޖެއް ހުރެ އެވެ. "ޓްރީނާ އޯލްޑެންޑޯފް" ބޯޓުގައި އާރިފްގެ އިތުރުން ދިވެހި ތިން ކްރޫއަކު އުޅޭ ކަމަށް އެ ބޯޓުގެ ރާއްޖޭގެ އެޖެންޓް އޭޝިއާ މެނޭޖްމެންޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ