ރާއްްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ހާރިޖީ ސިޔާސަތު ކަމަށާއި އެ ހާރިޖީ ސިޔާސަތު ބައްޓަން ވާން ޖެހޭނީ ވީހާވެސް ގިނަ ގައުމުތަކާ، ވަކިން ހާއްސަކޮށް އަވައްޓެރިންނާ ގުޅިގެން އުޅުމަށް ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ނިމިގެންދިޔަ އެމްޑީޕީ ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ޖެއްސި ކެމްޕޭނަކީ "އިންޑިއާ އައުޓް" ކެމްޕޭނެވެ. އެ ކެމްޕޭނަށް ފަހު ވެރިކަމަށް ވަޑައިގެންނެވިތާ ދެ އަހަރު ނުވަނީސް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދިނުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށެވެ. މިއަދު ހެނދުނު މޯދީ ރާއްޖެ ވަޑައިގަންނަވާނެ އެވެ.
އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތެއް އޮތްތޯ ސުވާލު އުފައްދަވާފަ އެވެ.
"އަޅުގަނޑުމެން މި އޮތް ތަނަކުން އުފުރާލައިގެން ދުނިޔޭގެ އެހެން ތަނަކަށް ނުގެންދެވޭނެ. ހަމަ އެގޮތަށް އިންޑިއާ އެ ތަނުން އުފުރާލައިގެން އެހެން ތަނަކަށް ނުދެވޭނެ. އެއް ޖިއޮގްރޮފިކަލް ލޮކޭޝަނެއްގައި މި އޮންނަނީ. އަޅުގަނޑުމެން މިއީ ކުޑަ ގައުމެއް. އެއީ [އިންޑިއާއަކީ] މާސިންގާ ގައުމެއް. އެ މީހުންނާ ޖެހިގަނެގެން ނޫޅެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
ހެޔޮ ނިޔަތެއްގައި ނުވަތަ ނުބައި ނިޔަތެއްގައި ވެސް އިންޑިއާ އާއެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން މަސައްކަތް ކުރާތީ އުފާ ކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ފޮރިން ޕޮލިސީ، ބަޑިއެއް ނޫން، ޓޭންކަރެއް ނޫން، ޑްރޯނެއް ނޫން. އަޅުގަނޑުމެން ކަހަލަ ގައުމެއްގެ ދިފާއީ ފްރޮންޓްލައިނަކަށް ވާން ޖެހޭނީ އަޅުގަނޑުމެންގެ ފޮރިން ޕޮލިސީ. އެ ފޮރިން ޕޮލިސީއަކީ ވީހާ ގިނަ ބަޔަކާ ނުޖެހި، ގުޅިގެން އުޅުން. ހާއްސަކޮށް އަވައްޓެރިންނާ،" ފައްޔާޒު ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގައި ތިއްބެވި ގިނަ ވެރިން ވެސް ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށާއި އެ ކަން ބަދަލުވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމާއި މިހާރު އޮތް މުއިއްޒުގެ ވެރިކަމުގައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެގޮތުން، ރާއްޖޭގެ އިގުތިސޯދަށާއި ދުނިޔޭގައި ރާއްޖެއާ މެދު ދެކެމުން އައި ގޮތަށް އެންމެ ބޮޑު ލޮޅުމެއް އެރި ކަމަކީ "އިންޑިއާ އައުޓް" ކެމްޕޭން ކަމަށް އޭނާ ވިދާޅުވި އެވެ. މި ކެމްޕޭނަކީ ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދިޔަ ކެމްޕޭނެކެވެ. "އިންޑިއާގެ ސަރުކާރަކާ އެކަންޏެއް ނޫން އަޅުގަނޑުމެން ޖެހުނީ. އިންޑިއާގެ އާންމު ރައްޔިތުންނާ އަޅުގަނޑުމެންނާ ޖެހުނީ. އެއީ ރަނގަޅުކުރަން އުނދަގޫވާނެ ކަމަކީ."
ރައީސް މުއިއްޒުގެ ސިޔާސަތުތައް ތާކުންތާކު ނުޖެހޭ ކަމަށާއި ނަމަވެސް އެ ސިޔާސަތުތައް ވެސް ދިފާއު ކުރައްވާ މީހުން ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުއިއްޒުގެ ވެރިކަމެއް ދިފާއުއެއް ނުކުރެވޭނެ. އިގުތިސޯދު ހަލާކުވެއްޖެ. ނެޝަނަލް ސެކިއުރިޓީއަށް އަސަރުކޮށްފި. މި ތަނުގެ އިގުތިސޯދު ދަށްވާ ވަރަކަށް އަޅުގަނޑުމެންގެ ސިޔާދަތަށް އަސަރު ކުރާނެ. އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ އިގުތިސޯދު ވަރުގަދަކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
އަސްކަރީ ބާރު ގަދަ ކުރުމުގެ ބަދަލުގައި ރާއްޖެ ފަދަ ގައުމަކުން މަސައްކަތް ކުރަން ޖެހޭނީ އިގުތިސޯދު ވަރުގަދަ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިގުތިސޯދު ވަރުގަދަ ކުރި ވަރަކަށް އަޅުގަނޑުމެންނަށް އަޅުވެތި ނުވެ އުޅުމުގެ ފުރުސަތު ލިބޭނީ. އެހެން ނޫނީ އަޅުވެތިވާނެ."
އެ ޕްރޮގްރާމްގައި ފައްޔާޒް ވަނީ ގައުމާއި ދިނަށްޓަކައި އެއްފަރާތްވުމަށް މުއިއްޒުއަށް ގޮވާލާފަ އެވެ. އަދި، އާންމު އިންތިހާބަކަށް ދިޔުމަށް ވެސް ގޮވާލެއްވި އެވެ.
ރާއްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ހާރިޖީ ސިޔާސަތު، ޓޭންކަރާއި ޑްރޯނެއް ނޫން: ފައްޔާޒު ރާއްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ހާރިޖީ ސިޔާސަތު، ޓޭންކަރާއި ޑްރޯނެއް ނޫން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ