މީހަކު ވާހަކައެއް ބުނެލާ ގޮތުން، ޒަމާންތަކެއް ވަންދެން އެ ވާހަކައެއް ސިކުނޑީގައި ހަރުލާ ގޮތް ވޭ ނޫން ހެއްޔެވެ؟ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާ ކުރިން ޖަލްސާއެއްގައި ވިދާޅުވި ވާހަކަފުޅަކުން ބައެއް އަޅުގަނޑުގެ ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ. ކޮން އަހަރެއް ކޮން ޖަލްސާއެއް ކޮން މަކާނެއް ކަމެއް ހަނދާނެއް ނެތެވެ. އަހަރުތަކެއް ކުރި ކަން ޔަގީނެވެ. ދިގު ތަގުރީރެއްގެ މެދުން ވިދާޅުވި އެވެ. "...ފިހާރައިން ވިޔަފާރިކުރި މީހާ ކަންމަތީ ފިހާރައަށް ދަރައޭ، ކަންމަތީ ފިހާރަ ހުޅުވިމީހާ މުދާ ގެނައި އޮޑިއަށް ދަރައޭ، އޮޑިވެރިޔާ ބޭންކަށް ދަރައޭ، މުޅި ގައުމު، އައި.އެމް.އެފް. އަށް ދަރައޭ. އަޅުގަނޑުމެން އެންމެން މިތިބީ ދަރަނީގެ ޗޭނަކުން ލާ ބަނދެވިފައޭ.." މި ވާހަކަ ވިދާޅުވީ އޭރު ދިވެހިރާއްޖެ އޮތް ހާލަތުގެ ވާހަކަ ވިދާޅުވަމުންނެވެ. އޭގެ ދަހަރަކާއި ދަހަރެއްގެ ބައިކުޅަބައި ވެއަތުވެގެން ދިޔައިރު އަދިވެސް މި ތިބެވެނީ ހަމަ އެ ހުއްޓީގައި ނޫންހެއްޔެވެ؟
ބަލާށެވެ. ކުރިމަތިން ތިޔަހަރަ ފެންނަ މީހާއާއި ދެންޖެހިގެން އެހުރި މީހާއާއި އެހެރަ ފެންނަ މީހާއަކީވެސް އަކީ މިނިވަން ދިވެހިރާއްޖޭގައި ދިރިއުޅޭ މިނިވަން ދިވެހިންނެވެ. ކަންކަމާމެދު ވިސްނައި ފިކުރު ކުޅައުމާއި ހިތަށް އަންނަހައި ހިޔާލެއް ދުލުން ބޭރުކުޅައުމަކީ އެވެރިންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް މިނިވަން ކަމެކެވެ. ބޭނުންވާ ވަޒީފާއެއް އަދާކުޅައުމާއި، ދަތުރުފަތުރުކޮށް އުޅުމާއި، ހިޖުރަކުރުމާއި، ތައުލީމު ހޯދުމާއި، ވިޔަފާރިކުރުމާއި މުދާ ހޯދުމުގެ މިނިވަންކަމެވެ. ދިވެހިންގެ ތެރެއިން ބަޔަކު ކުރިއަށް ޖެހިލައި، ހިފެހެއްޓުމާއި އޮބެހެއްޓުމުގެ ތޮށިގަނޑު ފަޅާލާފައި ހޯދައިގަތް ގާނޫނުއަސާސީން މި ހުރިހައި ކަމެއްގެ މިނިވަންކަން މިވަނީ ހޯދައިގެންފަ އެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ފަހެއްގައި ހަގީގަތުގައި ދިވެހިން ހޯދައިގަތީ ހާރިޖީ މިނިވަންކަމެވެ. ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ގައުމަކަށްވީ އެވެ. އޭގެ ކުރިން ދިވެހިރާއްޖެއަށް ލިބިފައި އޮތީ 'އެތެރެފުށުގެ އެންމެހައި ކަންކަން މުޅީން އަމިއްލަކަންމަތީ ހިންގުމުގެ މިނިވަންކަމެވެ.' ބޭރުފުށުގެ ކަންކަމާ ބެހެވެނީ 'މާތްވެގެންވާ އިނގިރޭސި ދައުލަތަށް' އެކަންޏެވެ. މިއީ އޭރު ގާނޫނުއަސާސީގައިވެސް ލިޔެވިފައި އޮތް ވާހަކަ އެކެވެ.
ހާރިޖީ މިނިވަންކަން ލިބުނު ފަހުން ވެސް ޒަމާންތަކެއް ވެއަތުވެގެން ދިޔައީ ހަގީގީ މިނިވަންކަން ދިވެހިރާއްޖޭގައި ނެތި އެވެ. ވެރިކަމުގެ ސިޔާސަތުތަކާ ދެކޮޅު ހިޔާލު ފާޅުކުރުމުގެ ހައްގަކީ ދިވެހިން ގަދަ ބާރުން ހޯދައިގަތް ހައްގެކެވެ. ދެން އެ ހައްގުގެ ވާހަކަ ގާނޫނުއަސާސީގައި ވެސް ލިޔެ، އޭގެ އިތުރަށް ވެސް އެތައް މިނިވަންކަމަކާއި ހައްގުތަކެއްގެ ވާހަކަ ހުދު ގަނޑުގައި ކަޅު އަކުރުން، ތާނައިން ލިޔެފައި އެހުރީ އެވެ.
ގާނޫނުއަސާސީން މިދެއްކި މިނިވަންކަމުގެ ރަހަފަތް ހަމަ ރަނގަޅުބާ އެވެ؟ މިނިވަންކަމުގެ ރަހައަކަށް ވާންވާނީ ދުލަށާއި ހިތަށް އަރާމު ފޮނި ރަހައެކެވެ. އެކަމަކު ގާނޫނުއަސާސީގައި ބުނާ ރަހަފަތަށް ބަލައިގެން ކެއްކި މިނިވަންކަމުގެ ސުރުވާގައި އެ ފޮނިރަހެއް ނުލައެއް ނޫންހެއްޔެވެ؟ ކީއްވެގެންބާ އެވެ؟
އަސްލު މައްސަލަ މިއޮތީ އެވެ. އަޅުގަނޑުމެންނަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ލިޔެފައި ހުރި ހައްގުތަކާއި މިނިވަންކަމެއް ހަގީގަތުގައި ލިބިގަތުމަށް ފައިސާ ބޭނުން ވެ އެވެ. ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އޮތަސް އެކަން ކުރެވޭނީ ފައިސާ ހުރެގެންނެވެ. ވަޒީފާ އަދާކުރުމުގެ މިނިވަންކަން އޮތަސް ވަޒީފާ ލިބެނީ ވަކި ޕާޓީއަކަށް ސޮއިކޮށްގެން ނޫންހެއްޔެވެ؟ ޕާޓީ ހަރުގޭގައި އެކި ދާއިރާތަކުގެ މައިކުން އެ ވާހަކަ އެ ވިދާޅުވަނީ އެވެ. ވިޔަފާރިކުރުމުގެ މިނިވަންކަމަށްވެސް، ތައުލީމު ހާސިލުކުރުމަށް ވެސް އަދި މުދާ ހޯދައި ގެންގުޅުމުގެ މިނިވަންކަމަށް ވެސް ބޭނުންވާ އެންމެ އަސާސީ އުންސުރަކީ ހަމަ ފައިސާ އެވެ.
މިއަދުގެ މި އުފާވެރި އަމާން ރާއްޖޭގައި ދަރަންޏެއް ބޮލުގައި އެޅިފައި ނެތް ދިވެއްސަކާ ބައްދަލުވުމަކީ ނާދިރު ކަމެކެވެ. ބޭންކު ލޯނެއް ނެތްނަމަ ސައިކަލަށް ދައްކަންޖެހޭ މަހު ފީ އެވެ. އަސާސީ ޒަރޫރަތްތަކާއި، އިންސާނީ ބޭނުންތަކުގެ އޮޅުންބޮޅުމުގައި ނެގެވި ބޮލުގައި އެޅިފައި ހުރި ދަރަންޏެވެ. އެއިން ދަރަންޏެއް ނެތްނަމަ ކަންމަތީ ފިހާރައިގެ ދަރަނި ފޮތުގައި އޭނާގެ ނަން އޮންނާނެ އެވެ. އެފަދަ އެއްވެސް ކަމެއް ނެތްމީހާ އެ އުޅެނީ މަހު ކުއްޔާއި ސުކޫލުފީތަކާއި މަހުން މަހަށް ކުރަންޖެހޭ އެ ނޫންވެސް ހަރަދުތަކާމެދު ބޯހާސްކަމުގަ އެވެ. އަޅުގަނޑުމެންނަކީ މިނިވަނުންނެވެ. ދުނިޔޭގައި އިންސާނަކަށް ލިބެންޖެހޭކަމަށް އިންސާނުން ދެކިއުޅޭ ހުރިހައި ހައްގަކާއި މިނިވަންކަމުގެ މިލްކުވެރިންނެވެ. އެކަމަކު އެކަން އޮތީ ނާލާފުށީ ފަގީރުކޮޔަށް ގެރި މިލްކުވީ ފަދައިގަ އެވެ.
ހަގީގީ މިނިވަންކަމަކީ އިގްތިސާދީ މިނިވަންކަމެވެ. ރާއްޖޭގެ މިނިވަންކަމުގެ ބިންގާ އެޅި، އެ ބިންގަލުގެ މައްޗަށް މިނިވަންކަމުގެ ބިނާ ހެދެމުން ދިޔައީ މި ހަގީގަތަށް ރިއާޔަތެއް ނެތި އެވެ. ފެންނަމުން މިދަނީ މޭސްތިރިކަމުގައި ހެދުނު އެ ގޯސްތަކުގެ ނަތީޖާ އެވެ.
މި އަހަރު އަޅުގަނޑުމެން އާރު.ބީ.އައި ކަރަންސީ ސްވޮޕްގެ ދަރަންޏަށް 400 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. އެކިއެކި ބޮންޑު ހޯލްޑަރުންނާއި ބައިލެޓެރަލް އަދި މަލްޓިލެޓަރަލް ކްރެޑިޓަރުންނަށް ދައްކަންޖެހޭ ފައިސާއާއެކު މި އަހަރު ޖުމުލަ އެއްހާސް މިލިއަން އެމެރިކާ ޑޮލަރު މި ގައުމުން ބޭރުވާނެ އެވެ. އަދި ނުނިމެ އެވެ. އަންނަ އަހަރުގެ މެދާ ހަމައަށް ދާއިރު ސުކޫކަށް 500 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. ޕްރައިވެޓް ބޮންޑަކަށް 100 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. އެކި މަޝްރޫއުތަކަށް ނެގި ލޯނުތަކާއެކު އަންނަ އަހަރު ވެސް އެއްހާސް އެއްސަތޭކަ މިލިއަން ޑޮލަރު މި ގައުމުން ދައްކަންޖެހެ އެވެ. ސައިޒުވެގެން ތިބެން މިޖެހެނީ އެހެންވެ އެވެ.
ކުއްލިއަކަށް އެހެން ވާހަކައެއް ހަނދާންވެއްޖެ އެވެ. މާލޭގައި އުޅުނު، ލޯނު ދޫކުރާ މީހަކަށް ދިމާވި ކަމެއްގެ ވާހަކަ އެވެ. ލޯނު ދޫކުރަނީ އަނބުރާ ދައްކާއިރު އިތުރަށް ފައިސާ ދައްކާ ގޮތަށެވެ. މީނާގެ އަތުން މި ގޮތަށް ލޯނެއް ނެގި މީހަކު ލޯނު ނުދައްކައި މީނާ ލައްކަ ގުޅުމެއް ގުޅައިފި އެވެ. އެންމެ ފަހުން ގޭދޮށަށް މީހުންވެސް ފޮނުވައިފިޔޯލަ އެވެ. މި ހިސާބަށް ދިއުމުން ލޯނު ނެގި މީހާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މީނާ އެ ލޯނު ދޫކުރި ސޭޓުގެ ގެއަށް ގޮސް ހަޅޭއްފަޅޭއް ޖަހައިގަތެވެ. ބަލަ މިހިރަ އެއްޗާއޭ ކިޔައިގެން ފަށައިގަތެވެ. ކަލޭ ހީކުރީ މަ ދަރާ އޮތީ ކަލެއަށް އެކަނި ކަމަށް ހެއްޔެވެ؟ ތިޔަހަރަ ބާޒާރު މަތީ ފިހާރަތަކަށް ނިކަން ވަދެލަބަލާށެވެ. މަ ދަރާ ނެތް ފިހާރައެއް މަދުވާނެ އެވެ. ގައިމު އެމީހުން ތިޔަ ފާޑަކަށް ނޫޅެޔޭ ކިޔައި ލޯނު ދޫކުރި މީހާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވައިފި އެވެ. ލޯނު ދޫކުރި، ފައިސާ ލިބެންޖެހޭ މީހާ ދެރަވެފައި ބުންޏޯލަ އެވެ. ތިޔަ ވަރަށް ބަވާލީމާ ދަރަންޏަށް ފައިސާ ނަގައިގެން މިއުޅެނީ މަ ކަލޭގެ އަތުންތޯ ނޫނީ ކަލޭ މަގޭ އަތުންތޯ ވެސް މަށަށް މިހާރު އޮޅިއްޖެ އެވެ.
ސޭޓު އަތުން ފައިސާ ނެގި މީހާ ސޭޓަށް ބަވާލިހެން އަޅުގަނޑުމެންގެ މި ގައުމުގެ އަރަނިވެރިންނަށް ބަވާލެވޭކަށް ނޯންނާނެ އެވެ. ދައްކަންޖެހޭ ފައިސާއެއް ޖެހޭނީ ދައްކަންޖެހޭ ދުވަހަށް ދައްކާށެވެ. ފައިސާ ނުދެއްކިއްޖެނަމަ ގައުމު ބަނގުރޫޓުވީ އެވެ.
ގައުމު އޮތީ ދަރަ އެވެ. މިހާރު އަޅުގަނޑުމެންނަށް މިއުޅެވެނީ ބަނގުރޫޓުވެފައި ހުރި ދަރަނިވެރިޔާ، އޭނާގެ އަރަނިވެރިޔާގެ ކުރިމަތީގައި އުޅޭނޭ، އަދި އުޅޭން ވާނޭ ވެސް ގޮތަށެވެ. ގޭގައި މީރު އެއްޗެއް ކައްކައިފިނަމަ ރަހަ ދައްކަން ފޮނުވާނެ އެވެ. އަރަނިވެރިޔާއަށް ކެއުމަށް ދައުވަތު ދޭނެ އެވެ. އޭނާގެ ގޯސް ސިފަތައް ވަންހަނާކޮށް، ނެތްހައި ރަނގަޅު ސިފަތަކަށްވެސް ތައުރީފު ކުރާނެ އެވެ. އެގޭގައި ކޮށްލާނޭ މަސައްކަތެއް އޮތްތޯ ހޯދައި ބަލައިގެން އެކަމެއްވެސް ކޮށްދޭނެ އެވެ. ގެއަށް މަސްކޮޅެއް ބޭނުންވޭތޯ ބަލައި މަސް އުފުލައި ދީފާނެ އެވެ. މިހުރީ ހައްތަހާވެސް ދަރަނިވެރިކަމުގެ ކުށްވެރިކަމުގައި ކުރެވޭހައި ކަންކަމެވެ.
ވިސްނަން ޖެހެ އެވެ. އަސާސީ ބޭނުންތަކަށް ބޭނުންކުރާ ހުރިހާ މުދަލެއް ރާއްޖެއިން ބޭރުން ގެންނަންޖެހޭއިރު ޑޮލަރެއްގެ އަގު މިއަދު ހުރީ އެކާވީސް ރުފިޔާއާ ގާތުގަ އެވެ. އެއީ އަސްލު އަގަށްވުރެ 36 އިންސައްތަ ބޮޑު އަގެކެވެ. އޭގެ މާނައަކީ ޑޮރަލު ދީފައި ގަނެގެން ގެންނަ ހުރިހައި ތަކެއްޗެއްގެ އަގު އިސާހިތަކު 36 އިންސައްތައިން ބޮޑުވާނެ އެވެ. މި ހަރަދުތައް ހަމަޖެއްސޭނީ މިހާރު ތިޔަ ލިބޭ އާމްދަނީގެ އިތުރަށް ފައިސާ ފޮއްޗެއް ލިބިގެންނެވެ. މަދަކުންވެސް ނޫނެވެ. ސާޅީސް އަށެއް އިންސައްތަ އިތުރަށް ބޭނުން ވެ އެވެ.
މި މިނިވަން ދިވެހިރާއްޖޭގައި ހުރި ހައްގުތަކާއި މިނިވަންކަމުގެ ވެރި ރައްޔިތުމީހާ މިނިވަނެއް ނޫނެވެ. މިނިވަން ދިވެހިރާއްޖެ ވެސް މިނިވަނެއް ނޫނެވެ. ދަރަނީގެ ޗޭނަކުން ބަނދެލެވިފައި އޮތް މި ރާއްޖެއަށް ހަގީގީ މިނިވަންކަން ހޯދޭނީ ދަރަނިތަކުން މިންޖުވެ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރެވުނު ދުވަހަކުންނެވެ.
ކަންމަތީ ފިހާރައަށް ދަރާފައި ތިބި މިނިވަން ދިވެހިން! ކަންމަތީ ފިހާރައަށް ދަރާފައި ތިބި މިނިވަން ދިވެހިން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ