ކަރަންޓު ކެނޑި ގިނައިރު ވެގެން ވެލިދޫގައި މުޒާހަރާ ކުރަނީ

މިއަދު މެންދުރު ފަހުން ފެށިގެން ނ. ވެލިދޫން ކަރަންޓް ކެނޑިފައިވާތީ، އެ ރަށު އިންޖީނުގެ ހުންނަ ސަރަހައްދަށް އެއްވެ އެ ރަށުގެ ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ. ވެލިދޫ ކައުންސިލްގެ ރައީސާ އަސްމާ ހުސައިން ވިދާޅުވީ 2500ގެ އާބާދީއެއް އޮންނަ އެ ރަށުން އެއްކޮށް ކަރަންޓު ދިޔައީ މިއަދު މެންދުރު ފަހު 2:00 އެހާއިރު ކަމަށެވެ. އަދި އިރުއޮއްސުނު ވަގުތު ކުޑައިރުކޮޅަކަށް ކަރަންޓް ލިބުނު ނަމަވެސް މާ ގިނައިރެއް ނުވެ މުޅި ރަށުން ކަރަންޓް ކެނޑުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހާ ގިނަ ވަގުތަށް ކަރަންޓް ކެނޑުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވާތީ ރަށުގެ ބަޔަކު އިންޖީނުގޭ ސަރަހައްދުގައި ތިބެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އަންނަ ކަމަށް ވެސް އަސްމާ ވިދާޅުވި އެވެ. "އަދިވެސް މި ރަށުގެ ހުރިހާ ރައްޔިތުން މިތިބީ އަނދިރި ކަމުގެ ތެރޭގައި. އެހެންވެ ބަޔަކު އެއްވެސް ހިތްހަމަ ނުޖެހުން ވެސް ފާޅު ކުރަމުން އެބަ ދޭ. ކަރަންޓް ލިބޭނެ ވަކި އިރެއް އަދި ނޭނގޭ. އެ މައްސަލަ ހައްލު ކުރަން މިކޮޅުގެ އިންޖީނުގޭގެ ބޭފުޅުން އެބަ މަސައްކަތް ކުރައްވާ،" އަސްމާ ވިދާޅުވި އެވެ. ވެލިދޫގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ، "ނޫނޫ ޑެއިލީ"ގެ ރިޕޯޓަރަކު މިރޭ "ހަވީރަ"ށް ބުނީ ނުރުހުން ފާޅުކުރުމުގައި ފަންސާހަކަށް މީހުން ބައިވެރިވާ ކަމަށެވެ. ނަމަވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ޝުއޫރު ފާޅު ކުރަމުން އަންނަނީ ސުލްހަވެރިކަމާ އެކުގައި ކަމަށް ވެސް އޭނާ ބުންޏެވެ. ނ އަތޮޅުގެ އާބާދީ އެންމެ ބޮޑު ރަށް ކަމަށްވާ ވެލިދޫން މިފަހަކަށް އައިސް ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އެ މައްސަލަ ދިމާވަނީ ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި 300 ކިލޯ ވޮޓްގެ އިންޖީނު ހަލާކުވެ، ދެން ހުރި އިންޖީނުތަކަށް ބާރު ބޮޑުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ