"ގެއްލިފައިވާ ފައިސާ ހޯދުމަށް ދެން އަންނަ ސަރުކާރަކަށް އެއްބާރުލުން ދޭނަން"

ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހިންގި އެންމެބޮޑު ވައްކަމުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ދެން އަންނަ ސަރުކާރަކަށް އެއްބާރުލުންދޭނެކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދުކުރާކަން ހާމަކޮށް އަދީބް މިއަދު ނެރުއްވި ބާޔާނެއްގައި ވިދާޅުވީ، ދެން އަންނަ ވެރިކަމަކުން ހިންގާ ގައުމީ އަދި ބައިނަލްއަގްވާމީ ތަހުގީގުތަކަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުންދީ ދައުލަތުން ގެއްލުނު ފައިސާ ހޯދަން ކުރާ މަސައްކަތުގައި އެހީތެރިވެދޭނެކަމަށެވެ.
ޓެރަރިޒަމާއި ހިޔާނާތުގެ އެކި މައްސަލަތަކުގައި ކުށް ސާބިތުވެ 33 އަހަރަށްވުރެ ދިގު ޖަލު ހުކުމް އިއްވާފައިވާ އަދީބުގެ ބަޔާނުގައި އިތުރަށް ބުނީ، އޭސީސީއިން ރައީސް ޔާމީންގެ އިސްލާމިކް ބެންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަދެފައިވާ މައްސަލައިގައި އޭސީސީއިން އޭނާއަށް ސުވާލުކޮށް ރައީސް ޔާމީން އޭސީސީ އަށް ދީފައިވާ ބަޔާން ވެސް އޭނާއަށް ދެއްކިކަމަށެވެ. އަދި އެ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވީ އިސްލާމިކް ބޭންކުގައި ހުޅުވިފައިވަނީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށާއި އެއް މިލިއަން ޑޮލަރު ވަދެފައިވާކަމަށާއި އަދި އެ ފައިސާ ބޭނުން ވެސް ކޮށްފައިވާކަމަށް އެމަނިކުފާނު އިއުތިރާފުވެފައިވާކަމަށެވެ. ނަމަވެސް އެބަޔާނުގައި އެއީ ރައީސް ޔާމީން ގެ އަމިއްލަ ކެމްޕޭން ފައިސާ ކަމަށް ވިދާޅުވިކަމަށް ވެސް އަދީބުގެ ބަޔާނުގައި ބުނެއެވެ. މީގެއިތުރުން އަދީބު ވިދާޅުވީ އެފައިސާ ރައީސް ޔާމީނަށް ދީފައިވަނީ އޭނާކަމަށް ރައީސް ޔާމީނުގެ ބަޔާނުގައިވާކަމަށެވެ. އެހެންކަމުން، އޭސީސީ އިން އެކަމާއި ގުޅޭގޮތުން އޭނާއަށް ސުވާލުކޮށްފައިވާކަމަށާއި ނަމަވެސް އެފައިސާއަކީ އޭނާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއެއް ނޫންކަމަށް ބުނެފައިވާނެކަމަށް އަދީބުގެ ބަޔާނުގައި ފާހަގަކުރެއެވެ.
"ކެމްޕޭނަށް ހެޔޮއެދޭ ފަރާތްތަކުން ދެނީ މަހަކު ގިނަ ވެގެން ލައްކައެއް ނުވަތަ 2 ލައްކަ ރުފިޔާ ކަމަށާއި، ދުވަހަކުވެސް ކެމްޕޭނަށް އެއް މިލިޔަން ޑޮލަރެއް ލިބިފައި ނުވާނެ ކަމަށެވެ. ރައީސް ޔާމީން އެ ހައްދަވަނީ އިތުރުފުޅެއް ކަމުގައި އަޅުގަނޑު އޭސީސީއަށް ބަޔާން ދިނީމެވެ." އަދީބުގެ ބަޔާނުގައި ބުނެއެވެ.
މީގެއިތުރުން އެބަޔާނުގައި ބުނީ، އެ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަމަށް ރައީސް ޔާމީން ގަބޫލުނުކުރައްވާކަމަށާއި އެއީ އެމަނިކުފާނުގެ އަމިއްލަ ފައިސާކަމަށާއި، އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން ނުޖެހޭނެކަމަށް ވެސް ރައީސް ޔާމީން ގަބޫލުކުރައްވާކަމަށެވެ. އެސަބަބާހުރެ ގެއްލިފައިވާ ބައި ރުފިޔާއެއް ވެސް ރައީސް ޔާމީންގެ ވެރިކަން އޮތް ހާ ހިނދަކު ދައުލަތަކަށް އަނބުރާ ނުހޯދޭނެކަމަށް އަދީބު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ