ރައީސް ޔާމީނު ވަނީ ރާއްޖޭގެ ރައްޔިތުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހަށް ތާއިދު ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައިޝަތު ނަހުލާ ވިދާޅުވީ އައްޑޫއަކީ އިސްލާހަށް މަސައްކަތްކުރާ ރައްޔިތުން އުޅޭ ތަނެއްކަމަށާ އައްޑޫން ފެނިގެން މިދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިވާ މަންޒަރު ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށަކަށް އެރިކަމުގައި ވިޔަސް ފެންނަމުން ދަނީ އެމަންޒަރު ކަމަށް ވިދާޅުވިއެވެ. ކޮންމެ ރަށަކަށް ދިޔައަސް ރައްޔިތުން ދައްކަނީ އަނިޔަވެރިކަމާ ނާއިންސާފުގެ ވާހަކަ ކަމަށާއި ވޭތުވެ ދިޔަ ފަސްއަަހަރު ރާއްޖޭގެ ރައްޔިތުން ވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައި ކަމަށް އައިޝާ ވިދާޅުވިއެވެ.
އައިޝާ އިތުރަށް ވިދާޅުވީ ގާސިމް އިބްރާހީމް ޖަލަށްލައި ގާސިމްގެ އާއިލާއަށާއި ތުއްތު ދަރިންނަށް މިސަރުކާރުން ދެމުން ގެންދާ އަނިޔާ ދިވެހި އެއްވެސް ރައްޔިތަކު ތަހައްމަލް ކުރަން ބޭނުން ނުވާ ކަމަށެވެ. ކުރިއަށް އޮތް އިންތިޚާބުގައި އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓު ދެއްވަން ޖެހެނީ މިއަނިޔާވެރިކަމާ ނާއިންސާފުން ރައްޔިތުން ސަލާމަތްވުމަށް ކަމަށްވެސް އައިޝާ ވިދާޅުވިއެވެ.
އިބްރާހީމް މުހައްމަދު ސާލިހަކީ ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވާނެ ޚުލްގުހެޔޮ އޯގާތެރި ވެރިއެއް ކަމަށާ އެފަދަ މަޑުމައިތިރި ޚުލްގުހެޔޮ ދެވަނަ އެހެން ކެންޑިޑޭޓޭއް މިރާއްޖެއަކުން ނުލިބޭނެ ކަމަށް އައިޝާ ވިދާޅުވިއެވެ. އެހެންކަމުން ސެޕްޓެމްބަރު ތޭވީސްވަނަ ދުވަހު ހެނދުނު ހެނދުނާ ރައްޔިތުން ނިކުމެ ވޯޓުލުމަށް އެދޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޔާމީނު ވަނީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައި - އައިޝާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ