ރައީސް އަބުދުﷲ ޔާމީނަށް ދެވަނަ ފުރުސަތެއް ދޭން ރައްޔިތުން ބޭނުންނުވާކަމަށް ޖުމްހޫރީ ޕާޓީގެ އިގްތިސާދީ ކޮމެޓީގެ ޗެއާ އަދި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބް ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ކުދި ވިޔަފާރިތައް ފުޅާކޮށް، ރާއްޖޭގެ އިގްތިސާދީ ދުޅަހެޔޮކަމަށްޓަކައި ވަކާލާތުކުރައްވަމުން ގެންދަވާ ސައުދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ވިޔަފާރިވެރިއަކު އޭނާގެ ސޭޓްކަމުގައި އޭނާގެ ފިހާރައިން ވައްކަން ކުރީމަ، އޭނާގެ ވިޔަފާރި އިގްތިސާދަށް ރަނގަޅުވާނެކަމަށް ބުނުން ވެގެންދާނީ ވަރަށް ހެއްވާކަމަކަށްކަމަށެވެ.
މިއަދު ރާއްޖޭގެ ހާލަތަކީވެސް އެއީކަމަށް ވިދާޅުވެ ސައުދުﷲ ވަނީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ސައުދުﷲ ވިދާޅުވީ މި ސަބަބުތަކާއި ގުޅިގެން ރައީސް އަބުދުﷲ ޔާމީނަށް ދެވަނަ ފުރުސަތެއް ދޭން ރައްޔިތުން ބޭނުންނުވާކަމަށެވެ.
މި މައުޞޫއާއި ގުޅޭގޮތުން ވީޓީވީގެ ސެޕްޓެންބަރު 23 ޕްރަގްރާމްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ސައުދުﷲ ވިދާޅުވީ އިގްތިސާދީ މާހިރެއްކަމަށް ވިދާޅުވެ ރައީސް އަބުދުﷲ ޔާމީން ގައުމުގެ ވެރިކަމާއި ހަވާލްވެވަޑައިގެން މުޅި ގައުމުގެ އިގްތިސާދު ފުނޑާލާފައިވާކަމަށެވެ. ދައުލަތް ދަރަނިވެރިކުރުވާފައިވަނީ މިއިން އަހަރަކު ދިވެހިންނަށް އިގްތިސާދު ކޮޅަށް ނުޖެހޭނެ މިންވަރަށްކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ މަޖިލީހުގެ ތެރެއިން ނަހަމަގޮތުގައި ފާސްކޮށްފައިވާ ބައެއް ބިލްތަކުގެ ސަބަބުން ދިވެހި ގައުމުގެ އިގްތިސާދު މުޅިން އިދަޖެހި، ވިޔަފާރިތައް ފުނޑުފުނޑުވެފައިވާކަމަށެވެ. އަދި ރަށްރަށުގައި އެންމެ އަސާސީ ކަންކަން ފުރިހަމަވެފައިވެސް ނުވަނީސް، ދިވެހި ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯންތައް ނަގާ، ގޮތްދެއްކުމުގެ ގޮތުން ހިންގި ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ދިވެހި ރައްޔިތުން މިއަދު ދަރަނިވެރިވެފައިވާކަމަށެވެ.
ސައުދުﷲ ވިދާޅުވީ އިގްތިސާދަށް ހެޔޮ ބަދަލުތައް ގެނެސް، ރައްޔިތުންގެ ގައުމު ސަލާމަތްކުރަން އެދޭނަމަ އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓްދެއްވުމަށް އެދޭކަމަށެވެ.
ރައީސް ޔާމީނަށް ދެވަނަ ފުރުސަތެއް ދޭން ރައްޔިތުން ބޭނުމެއްނުވޭ: ސައުދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ