ނަޝީދު އެދިވަޑައިގެންނެވި އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިތުރު ބައެއްގެ މައްޗަށް ޝަރީއަތް ހިންގަން ހުޅުމާލެ ކޯޓުގެ ބެންޗު އެކުލަވާލުން ހުއްޓުވަން ނަޝީދުގެ ފަރާތުން ސިވިލް ކޯޓުގައި އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ސިވިލް ކޯޓަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައިގައި އެދިފައިވަނީ ހުޅުމާލެ ކޯޓްގައި އެމަނިކުފާނުގެ މައްސަލަ ބެލުމަށް އެކުލަވާލި ފަނޑިޔާރުންގެ ބެންޗަށް ބަދަލުތަކެއް ގެނައުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރާ މަސައްކަތް ހުއްޓުވައި ދިނުމަށެވެ.
ވަގުތީ އަމުރަކަށް އެދި ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ސިވިލް ކޯޓުން ވަކި ގޮތެއް ނުނިންމަނީސް ހުޅުމާލެ ކޯޓުގެ ބެންޗު އަލުން އެކުލަވާލާ ނަޝީދުގެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންގޮސްފިނަމަ އެމަނިކުފާނަށް އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބޭނެ ކަމަށެވެ.
ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ ހުޅުމާލެ ކޯޓުގެ ބެންޗު އެކުލަވާލަން މަސައްކަތް ނުކުރާ ޖޭއެސްސީން ބުނެފައިވާތީ ރައީސް ނަޝީދު އެދިވަޑައިގެތް ގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާ ނަމަ އެފަދަ އަމުރެއް ހޯދުމަށް ސިވިލް ކޯޓަށް އަލުން ހުށަހެޅުމުގެ ހައްގު ނަޝީދަށް ލިބިގެންވާ ކަމަށްވެސް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ މީގެ ކުރިން ރައީސް ނަޝީދުގެ ފަރާތްޕުޅޫން ހައި ކޯޓަށްވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އެ ކޯޓުން ނިމްމާފައިވަނީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައިވެސް ޖޭއެސްސީން ބުނެފައިވަނީ ހުޅުމާލޭ ކޯޓުގެ ބެންޗަކީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން އެކުލަވާލި ބެންޗެއް ކަމުން ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކޮށްފައިވާ ކަމެއް ބެލުމުގެ އިހްތިޞާސް ދަށު ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެގޮތަށް ކަނޑައަޅައިދިނުމަށްވެސް ޖޭއެސްސީގެ ވަކީލް އެދިފައިވެ އެވެ.  އެ މައްސަލަ ބެއްލެވި ފަނޑިޔާރު ފަރުހާދު ރަޝާދު ވިދާޅުވީ ޖޭއެސްސީގެ އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމާފައި ނޫނީ ކުރިއަށް ދެވެން ނެތް ކަމަށެެވެ.
ގާޒީ މިއަދުގެ އަޑުއެހުމުގައި އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން ސިވިލް ކޯޓުގައި ފަސް ޑިވިޝަނެއް ގާއިމްކުރަން ނިންމާފައިވާތީ މާދަމާއިން ފެށިގެން ސިވިލް ކޯޓް ހިނގަމުންދާނީ އެގޮތަށް ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ޑިވިޝަންތަކަށް ބެހިގެންދާނެ ގޮތް އަދި އެއްވެސް ފަނޑިޔާރަކަށް އެނގިފައި ނުވާ ކަމަށާ އެހެންކަމުން ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް އޮތް ތަނުގައި އެހެން ފަނޑިޔާރަކު ބެލުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ގާޒީ ވިދާޅުވި އެވެ.
ސިވިލް ކޯޓު މާދަމާ އިން ފެށިގެން ޑިވިޝަން ތަކަކަށް ބަހާލާތީއާއި ފަނޑިޔާރުންނަށް މައްސަލަތައް ބެހިގެންދާނެ ގޮތް ސާފުނުވާތީ އެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނެ ވަކި ދުވަހެއް ގާޒީ ފަރުހާދު މިއަދު ވިދާޅުވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ