ނައިފަރު ސްކޫލުގައި 10 ކްލާސްރޫމް އަޅަން މެމްބަރު ސައުދުﷲގެ ކުންފުންޏަށް 13 މިލިއަނަށް ދީފި

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގައި 10 ކްލާސްރޫމް އެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަށް 13 މިލިއަން ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.
ސައުދުﷲގެ ސްވިފްޓް އިންޖީނިއަރިން ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ބީލަމުގެ އުސޫލުން ހުށަހެޅި ޕްރޮޕޯޒަލްތައް ބެލުމަށް ފަހު އެވެ.
ރާއްޖޭގެ ދެވަނަ އަށް އެންމެ ދުވަސްވީ ތައުލީމީ ބިނާ ކަމަށްވާ މަދަރުސަތުލް އިފްތިތާހުގައި ކްލާސްރޫމުތައް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަދި ސްވިފްޓް އިންޖީނިއަރިންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ ސައުދުﷲ އެވެ.
އެއް އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކުރި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އިބްރާހިމް އިސްމާއިލް ވިދާޅުވީ މިއީ ސްކޫލުތަކުގައި ވަސީލަތްތައް ހަމަކުރުމަށް ހިންގާ މަޝްރޫއުގެ ބައެއް ކަމަށެވެ. އެ ގޮތުން، މި މަޝްރޫއު ނިމުމުން، މަދަރުސަތުލް އިފްތިތާހަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގްރޭޑް 1 އިން 12 އާ ހަމައަށް ކިޔަވައިދޭ މަދަރުސަތުލް އިފްތިތާހުގައި 980 ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ