ގާސިމް ކޯޓަށް ހާޟިރު ކުރާ އިރު ވީހާ ވެސް ގިނަ ރައްޔިތުން ކޯޓް ދޮށަށް ވަޑައިގަތުން އެދެން: ރައީސް ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު އަނެއްކާ ވެސް ކޯޓަށް ހާޟިރު ކުރާ އިރު ވީހާ ވެސް ގިނަ ރައްޔިތުން ކޯޓް ދޮށަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިލައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޔާމީން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށެވެ.
މިއަދު 13:30 ގައި ކްރިމިނަލް ކޯޓުގައި އޮންނާނީ ދައުލަތުން ގާސިމް އިބްރާހީމްގެ މައްޗަށް އުފުލައިފައިވާ ތިން ދައުވާގެ ތެރެއިން ރިޝްވަތު ހުށަހެޅިކަމުގެ ދައުވާގެ އަޑުއެހުމެވެ. އަދި އަޑުއެހުމަކީ ސިއްރު އަޑުއެހުމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އެންމެފަހުން މިދައުވާ އާއި ބެހޭ އަޑުއެހުމެއް ބާއްވައިފައި ވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހުގައެވެ. އެދުވަހުގެ އެންމެ ފުރަތަމަ އިތް އަޑުއެހުމުގައި ވަކީލަކު އައްޔަންކުރުމަށް ގާސިމަށް ވަނީ 10 ގަޑިއިރުގެ ފުރުސަތެއް ދީފައެވެ. އަދި އެއަށް ފަހު އެދުވަހުގެ ރޭ އޮތް އަޑުއެހުން ގާސިމްގެ ބަލި ޙާލު ހުރި ގޮތުން ވަނީ ކެންސަލް ކުރަން ޖެހިފައެވެ. އެދުވަހު އޮތް އަޑުއެހުމުގައި ގާސިމް ވަނީ ޓެސްޓްތަކެއް ހެދުމަށްޓަކައި ރާއްޖެ އިން ބޭރަށް ދެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް ކޯޓުގައި އެދިފައެވެ.
ރިޝްވަތު ހުށަހަޅަން މަސައްކަތް ކުރި ކަމުގެ ދައުވާގެ އިތުރުން ދައުލަތުން ވަނީ ގާސިމްގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ދައުވާ އާއި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ދައުވާ ވެސް އުފުލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ