އަޅުގަނޑުމެންނަކީ އެއްވެސް މީހަކާ ޒާތީ ގޮތުން ދިމާކުރާނެ ބައެއް ނޫން: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ)އަކީ މުޖުތަމައުއަށް ފައިދާކުރާނެހެން އިޖުތިމާއީ މަސައްކަތް ކުރާ ބައެއްކަމަށާއި އެ ޕާޓީއަކީ އެއްވެސް މީހަކާ ޒާތީ ގޮތުން ދިމާކުރާނެ ބައެއް ނޫންކަމަށް އެ ޕާޓީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރޭ ޖުމްހޫރީ ޕާޓީގެ އޮފީހުގައި "ސީދާ އަމާޒަށް" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ ޕާޓީގެ މެމްބަރުންނަކީ އެހެން މީހުންގެ މައްޗަށް ބާރުވެރިވެ އަމިއްލަ ބޭނުންތައް ފުއްދުމަށް އިސްކަން ދޭނެ ޕާޓީއެއް ނޫންކަމަށެވެ. އޮގަސްޓް 30، 2021: ޖުމްހޫރީ ޕާޓީއަށް މީހުން ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ "އަޅުގަނޑުމެންނަކީ އެއްގޮތަކަށް ވެސް މީހުންނަށް ޒާތީ ގޮތުން ދިމާކުރުމާއި އަދި މަ ވަރުުގެ މީހަކު ނެތިގެން ދެ އަތް ފުޅާކޮށްގެން ނިކުމެ ބިންގަނޑުގައި ހިނގަމުން ދާއިރު ފައިޖަހަމުން ދާއިރު ބިންގަނޑު ފަަޅާލަފާނަމޭ ބުނަމުން ދާން، އެހެން ހީވާ ގޮތަށް ކަންތައްތައް ކުރުމުގެ އުސޫލުތައް ގެންގުޅޭނެ ބައެއް ނޫން،" ގާސިމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޖޭޕީއަކީ މުޖުތަމައުއަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ. ނަމަވެސް އެއީ ސިޔާސީ ޕާޓީއެއްކަމަށް ވުމުން ސިޔާސީ މަސައްކަތް ވެސް އެއް ހަމައެއްގަައި ކުރަމުން އަންނަ ޕާޓީއެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކީ އިޖުތިމާއީ މަސައްކަތްތަކެއް. އަދި އޭގެ ތެރޭގައި ހިމެނޭ އިނގޭތޯ ސިޔާސީ މަސައްކަތްތައް ވެސް. އެހެންވީމާތާ ސިޔާސީ ކިޔަނީ،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެ ޕާޓީއަކީ ފިކުރެއް ނެތް ޕާޓީއެކޭ ބުނާ ބުނުމަކީ ސީދާ ތެދެއްކަމަށް ވިދާޅުނުވާނެކަމަށެވެ. ނަމަވެސް އެކަން އެއީ ރައްޔިތުންގެ ތެރޭގައި ނިންމާނެ ނިންމުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް ވަކި މަގުސަދެއް އޮންނާނެކަމަށް ގާސިމް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއަކީ އެ ޕާޓީއާ އަލަށް ގުޅުނު ފަރާތްތައް ސޮއިކޮށް ޕާޓީއާ ގުޅުމަށް ބޭއްވި ރަސްމިއްޔާތެކެވެ. އެ ރަސްމިއްޔާތުގައި އެ ޕާޓީގެ އިސްވެރިންނާއި އާންމު މެމްބަރުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ