ވޭމަންޑުއަށް ގެންދިޔަ ޖެނެރޭޓަރ ހިންގިތާ 15 މިނެޓުގެ ތެރޭގައި އަލިފާން ރޯވެ، އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

މިއަދު އިރުއޮއްސުމުގެ ކުރިން އެރަށަށް ކަރަންޓު ފޯރުކޮށްދޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ އިރު، އެރަށަށް މިއަދު ގެންދިޔަ ޖެނެރޭޓަރ ގެންގޮސް ހިންގިތާ 15 މިނެޓުގެ ތެރޭގައި އަލިފާން ރޯވެ، އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.
އެރަށުން ވާހަކަ ދެއްކި ރައްޔިތަކު ބުނީ އެ ޖެނެރޭޓަރަކީ އެއީ އެހެން ރަށަކުން ގެނައި ޖެނެރޭޓަރެއް ކަމަށާއި އެ ޖެނެރޭޓަރ ރިޕެއަރ ކޮށްގެން ހިންގިތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި އަލިފާން ރޯވެއްޖެ ކަމަށެވެ.
"އަހަރުމެން އަބަދުވެސް މިއުޅެނީ މިހެން. ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ކަރަންޓު ކެނޑޭ. އަނެއްކާ މިއަދު ގެނައި ޖެނެރޭޓަރވެސް އަނެއްކާވެސް އެހަލާކުވީ. ދެން މިޖެހުނީ މިރޭވެސް ކަނު އަނދިރީގަ ތިބެން" ހިތްހަމަނުޖެހިފަހރި ރާގަކަށް އޭނާ ބުންޏެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތ. ވޭމަންޑޫގެ ކަރަންޓް ޚިދުމަތް ރަނގަޅުކުރުމަށް 400 މެގަ ވޯޓުގެ ޖަނަރޭޓަރެއް ލޯޑުކޮށްފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއަދު އިރުއޮއްސުމުގެ ކުރިން އެރަށަށް ކަރަންޓުދޭނެ ކަމަށެވެ.
އެރަށުން ކަރަންޓު ކެނޑެން ދިމާވީ އެރަށުގައި ބޭނުންކުރަމުން ދިޔަ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް މައްސަލަދިމާވެ އެއަށް ބޭނުންވާ ސުޕެއަރ ޕާރޓްސް ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށާއި އަދި އެވަގުތު ބޭނުން ކުރަމުން ދިޔަ 323 ކިލޯގެ ޖެނެރޭޓަރަށް މައްސަލަދިމާވެ މިދިޔަ ހުކުރު ދުވަހުގެ ރޭ އެރަށުން ކަރަންޓް ކެނޑިފައިވާ އިރު، އިންޖިނިއަރުންގެ އެހީތެރިކަމާއެކު ޖެނެރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރިނަމަވެސް އެޖެނެރޭޓަރުގެ ވޭލް ބިންދައިގެން ދިއުމުން އެ ޖަނަރޭޓަރު އަލުން މަރާމާތުކޮށް ޓެސްޓް ކުރެވެމުންދާ ކަމަށްވެސް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ތ. އަތޮޅު ކައުންސިލުގެ ރައީސް ޢަބްﷲ ޝަރީފް ޢަބްދުލްފައްތާޙު ކުރިން ވިދާޅުވެފައިވަނީ އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގާ ފެނަކަ ކޯޕަރޭޝަންގެ އިސްފަރާތްތަކާއި މަޝްވަރާކޮށްފައިވާ ކަމަށާއި ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް އަންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮންމެ ދުވަހަކުވެސް ހަތަރުވަރަކަށް ފަހަރު ކަރަންޓު ކެނޑޭ ކަމަށާއި އެކަމުގެ ސަބަބުން އަތޮޅުގެ ރަށްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް ބޭންކުގެ ޚިދުމަތް ހޯދަން އެހެން ރަށްތަކުން އަންނަ ފަރާތްތަކަށް ވަރަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި ޢާންމުގޮތެއްގައި ކަރަންޓު ކެނޑެނީ ފެރީގެ ޚިދުމަތް އޮންނަ ގަޑީގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ހޮސްޕިޓަލުން ދެމުންއަންނަ ސިއްޙީ ޚިދުމަތަށް އެއްވެސް ބުރޫއެއް ނާރާ ދެމުން އަންނަ ކަމަށާއި އެއީ ހޮސްޕިޓަލުގައި ބެކްއަޕް ޖެނެރޭޓަރެއް ހުންނާތީ ކަމަށެވެ. ނަމަވެސް މިއީ ހަމައެކަނި ހޮސްޕިޓަލުގެ ކަންތައްތައް ކޮށްލެވޭވަރުގެ ޖެނެރޭޓަރަކަށްވާތީ، އިތުރު އެއްވެސް ތަނަކަށް އެ ޖެނެރޭޓަރުން ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށެވެ.
އާބާދީގައި 1300 މީހުން ދިރިއުޅޭ ވޭމަންޑުއަކީ އެ އަތޮޅުގައި ވެރިކަންކުރާ ރަށަށްވާ އިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަންނަނީ ތަފާތު ޚިދުމަތް ހޯދުމަށް އެރަށަށް އަންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ