މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 190،000 (އެއްލައްކަ ނުވަދިހަ ހާސް) އަށްވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ 1،155،017 (އެއް މިލިއަން އެއް ލައްކަ ފަންސާސް ފަސްހާސް ސަތާރަ) ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ޗައިނާއިން ވަނީ 191،000 (އެއްލައްކަ ނުވަދިހަ އެއްހާސް) އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި ޗައިނާ އޮތްއިރު، ދެވަނައިގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެގޮތުން ރަޝިއާއިން ވަނީ 164،067 (އެއްލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްދޮޅަސް ހަތް) ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިނގިރޭސިވިލާތުން 91،574 (ނުވަދިހަ އެއް ހާސް ފަސްސަތޭކަ ހަތްދިހަ ހަތަރު) ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު، 4.8 އިންސައްތަ ވަނީ ދަށްވެފައެވެ. މިމަހު އެކަނި ރާއްޖެއަށް 85،135 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރު ޖުލައި މަހު ރާއްޖެއަށް އައިސްފައިވަނީ 87،563 ފަތުރުވެރިންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1،125،664 (އެއް މިލިއަން އެއްލައްކަ ފަންސަވީސްހާސް ހަސަތޭކަ ފަސްދޮޅަސް ހަތަރު) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ހަނިމާދޫ އެއާޕޯޓް މެދުވެރިކޮށެވެ. އެއީ 2،528 އެވެ. ސީޕޯޓު މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 15،577 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 820،284 (އަށް ލައްކަ ވިހިހާސް ދުވިސައްތަ އަށްޑިހަ ހަަތަރު) ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. 258،538 (ދެލައްކަ ފަންސާސް އަށް ހާސް ފަސްސަތޭކަ ތިރީސް އަށް) ފަތުރުވެރިން ގެސްޓްހައުސްތަކަށް ގޮސްފައިވާއިރު، ހޮޓެލްތަކަށް 27،050 ފަތުރުވެރިން ވަނީ ގޮސްފައެވެ.
ޗައިނާ މާކެޓުން މިފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ވަކިން ހާއްސަކޮށް، ޗައިނާގެ އެކި ސިޓީތަކުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް އިތުރުވުމަކީވެސް މި ކުރިއެރުމަށް މަގުފަހިވި މުހިންމު ސަބަބެކެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. ޗައިނާ މާކެޓުން ލިބެމުންދާ މި ބޮޑު ތަރުހީބާއެކު، މި އަމާޒަށް ވާސިލްވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ.
ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 190،000 އަށްވުރެ މައްޗަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ