ކުމުންދޫގައި މިނިވަން ދުވަހާ ގުޅިގެން ގެތައް ދިއްލުމުގެ މުބާރާތެއް
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހދ. ކުމުންދޫގައި ގެތަކާއި މުއައްސަސާތަކުގެ އިތުރުން ކުލަބު ޖަމިއްޔާތައް ދިއްލައި ޒީނަތްތެރިކުރުމުގެ ޚާއްސަ މުބާރާތެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކުމުންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަރަކާތަކީ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ރަށުގެ މުއައްސަސާތަކާއި ކްލަބު ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގައުމީ މުނާސަބަތުތައް ފާހަގަކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ކައުންސިލުން ފާހަގަކުރެއެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މި މަހުގެ 26، 27 އަދި 28 ވަނަ ދުވަހުގެ ނިޔަލަށް އެ ތަންތަން ދިއްލައި ޒީނަތްތެރިކޮށް ބަހައްޓަން ޖެހޭނެ ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގޭބިސީތަކާއި މުއައްސަސާތައް ހިމެނޭ ކެޓެގަރީއާއި، ކްލަބު ޖަމިއްޔާތައް ހިމެނޭ ކެޓެގަރީއެވެ. ހދ. ކުމުންދޫ-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން ކޮންމެ ކެޓެގަރީއަކުން ވެސް އެންމެ މޮޅަށް ދިއްލާ ތިން ފަރާތެއް ހޮވައި ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 1،500 ރުފިޔާ، ދެވަނައަށް 1،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 500 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. މީގެ އިތުރުން، މުބާރާތަށް އިންސާފުކުރުމުގައި ބަލާނެ މިންގަނޑުތައް ވެސް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުމުންދޫގެ އެކި ސަރަހައްދުތައް ސާފުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ރަށު ފެންވަރުގައި މިހާރު ދަނީ ކުރިއަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މިހާރު ދަނީ ތަންތަން ދިއްލުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ