ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކެއްގައި ކޮރަޕްޝަނާއި މަނީލޯންޑަރިންއަށް މަގުފަހިވާގޮތަށްހުރި ކަންކަން ބަލައި ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީން މިގޮތަށް ނިންމާފައިވާނީ ފެނަކައިން އައްޑޫގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހުއެވެ.
ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ބްރާންޗުން މަޝްރޫއުތައް ހިންގީ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށެވެ. ކަރަންޓާއި ފެން ބިލްތަކުން 77 މިލިޔަން ރުފިޔާ ފެނެކައަށް ނުލިބި އެބައޮތްކަންވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައިވާގޮތުން ފެނަކައިގެ އެކައުންޓުން މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްއިން ފައިސާ ޚަރަދު ކުރުމުގައި ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296 ރުފިޔާގެ ތަކެތި ގަނެފައިވެއެވެ. އަދި ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220 ރުފިޔާގެ ޕެޓީ ކޭޝް ނަގާފައިވާތީ، އެ ޕްރޮޖެކްޓުތަކަށް ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ޚިދުމަތާއި ތަކެތި ލިބިގެން ޚަރަދުކޮށްފައިވާ ފައިސާގެ އަދަދު ކަށަވަރުނުވާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި އޮޑިޓް ރިޕޯޓް ދިރާސާކުރަން ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަނީ ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން، މަމްދޫހު ވަނީ ފެނަކައިގެ ފައިސާއަށް ހިޔާނަތްތެރިވި އޭރު ކުންފުނީގެ ބޯޑު މެންބަރުންނާއި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަ ބަލަން ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ހުށަހަޅުއްވާފައެވެ. އަދި ކުންފުންޏަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސް، އެ ނިންމުންތައް ނިންމާފައިވާތީ ބޯޑު މެންބަރުންނާއި ވެރިން ޒިންމާދާރުކުރުމަށް އެންގުމަށްވެސް ހުށަހެޅުއްވިއެވެ.
ފެނަކައިގެ ވެރިންނާއި މުވައްޒަފުންނާ އާއިލީ ގުޅުން އޮންނަ ވިޔަފާރިތަކުން ހިދުމަތާއި މުދާ ނުހޯދޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީއަށް ބަދަލު ގެނައުމަށާއި ފެނަކައިގެ ބްރާންޗުތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، އޮނިގަނޑެއް އެކުލަވާލަން އަންގަންވެސް ހުށަހެޅުއްވިއެވެ.
އަޒާން ހުށަހެޅުއްވީ ފެނަކައިގެ އައްޑޫ ބްރާންޗުތަކުގެ ވެރިންގެ އާއިލީ މީހުންގެ އެކައުންޓްތަކަށް ނުހައްގުން ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށެވެ. އަދި މަހަކު އެއްފަހަރު މި ތަހުގީގުތަކާ ގުޅޭ މައުލޫމާތު މަޖިލީހަށް ހިއްސާކުރުމަށް އެންގުމަށްވެސް ހުށަހެޅުއްވިއެވެ.
މީގެ އިތުރުން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މިފަދަ މައްސަލަތައް އަވަސް ކުރުމަށް އޭސީސީއަށް އެންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ލަފާދެއްވަންވެސް އަޒާން ހުށަހެޅުއްވިއެވެ.
މެންބަރު މަމްދޫހާއި އަޒާން ހުށަހެޅުއްވި ހުށަހެޅުންތައް މާލީއްޔަތު ކޮމިޓީން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓު: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ