ދިވެހިރާއްޖޭގެ އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި ބާރު ލިބިއްޖެއްޔާ ރައްޔިތުން މަޖިލިސްގެ މެމްބަރުންގެ އަދަދު 50 އަށް ތިރިކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީސް ކަމުގައި މިއަދު ދިވެހި ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާކަމަށެވެ.
އުމަރު ވިދާޅުވީ، ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން ވާހަކަދައްކަވާ ބޭފުޅުން އެ ދައްކަވާ ވާހަކަތަކަކީ އެ ކޮރަޕްޓް މުއައްސަސާއަށް ވެރިކަން ދޭ ވާހަކަ ކަމުގައެވެ. އެއީ ބަރުލަމާނީ ނިޒާމެއް އުފެދެނީ ޕާރލިމެންޓްގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.
”ދިވެހިރާއްޖޭގެ އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް. ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން ވާހަކަދައްކަވާ ބޭފުޅުން އެދައްކަވާ ވާހަކަތަކަކީ އެ ކޮރަޕްޓް މުއައްސަސާތަކުން ވެރިކަންދޭ ވާހަކަ، އެއީ ބަރުލަމާނީ ނިޒާމެއް އުފެދެނީ ޕާރލިމެންޓްރީގެ ތެރެއިން، އަދި ޕާލިމަންޓަކީ މިއަދު ދިވެހީން ޤަބޫލުކުރާ ގޮތުގައި އެންމެ ކޮރަޕްޓް މުއައްސަސާ، އެހެންވީމަ އެދައްކަވާ ވާހަކައަކީ އެ މުއައްސަސާއަށް ވެރިކަންދޭ ވާހަކަ،“ އުމަރު ނަސީރު
އުމަރުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، އޭނާ ޤަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ޖެހޭނީ 50 މެމްބަރުންކަމަށާއި މަޖިލީހުގައި އެއަށްވުރެ ގިނަ މެމްބަރުން ތިބެންޖެހޭކަމަށް އޭނާ ޤަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ޕާލިމަންޓުގައި ތިބެންޖެހޭނީ 50 މެމްބަރުން، 50 އަށް ވުރެ ރައްޔިތުން މަޖިލިސް ގިނަވެގެންނުވާނެ، އަޅުގަނޑަށް ބާރެއް ލިބިއްޖެއްޔާ ރައްޔިތުން މަޖިލިސްގެ މެމްބަރުންގެ އަދަދު 50 އަށް ތިރިކުރާނަން،“ އުމަރު ނަސީރު
އެގޮތުން ކޮންމެ އަތޮޅަކުން ދެ މެމްބަރުން ފުދޭނެކަމަށާއި އެހެންނަމަވެސް ރަށުގެ އާބާދީއަށް ބަލާ ތިން މެމްބަރުންވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންމަވެސް މުޅި މަޖިލީހުގެ މެމްބަރުންގެ އަދަދު 50 އަށް ވުރެ މައްޗަށް ނުގެންދެވޭނެކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ނިޒާމު އޮތް ގޮތުންނަމަ ދެން އަންނަ ރިޔާސީ އިންތިޚާބަކާއެކު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ އަދަދު 100 އަށް އިތުރުވާނެކަމަށެވެ. މިއީ ވަރަށް ބޮޑު އިސްރާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކުގައި ތިބި މުވައްޒަފުންނާއި މުޅި ޖުޑީޝަރީ އެއްކޮށްގެން ކުރާހާވެސް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޚިދުމަތްކުރުންކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބެހޭގޮތުން އުމަރު ވިދާޅުވީ ޝައްކެއްނެތް ގޮތުގައި މިހާރުގެ ޤާނޫނުއަސާސީއަކީ އެއްވެސް ވަރަކަށް ރާއްޖެއަށް އެކަށީގެންވާ އަދި ރާއްޖެއަށް ބައްޓަންކޮށްގެން ތައްޔާރުކޮށްފައިވާ ޤާނޫނުއަސާސީއެއް ނޫންކަމަށެވެ.
މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ހުޅަނގުގެ ޤާނޫނުއަސާސީއެއްގެ ޓެމްޕްލޭޓު ނަގައިގެން ރާއްޖޭގެ ޤާނޫނުއަސާސީގައި ކޮޕީ ޕޭސްޓުކުރުމުން ދިމާވެގެން އުޅޭ ބޮޑެތި މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖެއަށް ބައްޓަންކޮށް ހަދާފައިވާ ޤާނޫނުއަސާސީއަކަށް ނުވާތީ މި ނިޒާމުގެ ދަށުން ވެރިކަން ކުރެވެނީ ބޮޑެތި ވަގުންނާއި ލުޓޭރުންނާއި އެއްޗެހި ބޯމީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ ދިވެހިރާއްޖެއަށް ބައްޓަންކޮށް ހަދާ އިސްލާހުކޮށްފައިވާ އެއްޗެއް ނޫން، މި ނިޒާމުގެ ދަށުން މިވެރިކަން ކުރެވެނީވެސް ބޮޑެތި ވަގުންނާއި ލުޓޭރުންނާއި އެއްޗެހި ބޯމީހުންނަށް،“ އުމަރު ނަސީރު
އުމަރު ވިދާޅުވީ، ޤާނޫނުއަސާސީއަށް އޭނާވެސް ތާއީދުކުރައްވާކަމަށާއި އެހެންނަމަވެސް ޤާނޫނުއަސާސީގައި ރަނގަޅުކުރަންޖެހޭ އެތައް ބައިވަރު ކަމެއް އެބަހުރިކަމަށެވެ.
މިގޮތުން މިވަގުތު ދައުލަތު މާބޮޑުކަމަށާއި ދައުލަތުގެ ޚަރަދުވެސް ބޮޑުކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ، ދައުލަތް ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދައުލަތް 30 އިންސައްތަ ކުޑަކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ފުރަތަމަ އިސްލާހެއްގެ ގޮތުގައި ޖުޑީޝަރީ، ސަރުކާރު އަދި މިނިވަން މުއައްސަސާތައްވެސް ކުޑަކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނަކަމެއްގެ ގޮތުގައި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އަތުން ނަގާ ޓެކްސް މާބޮޑުކަމަށާއި މިހާރު 30 އިންސައްތަ ޓެކްސް ނަގާއިރު ޤައުމެއްގައި 10 އިންސައްތައަށްވުރެ ޓެކްސް ނިޒާމު ބޮޑު ކަމަށް ވާނަމަ އުފެއްއްދުންތެރިކަމެއް ނުލިބޭނެކަމަށް ވިދާޅުވެ އޭނާ ވަނީ މިއީ އިސްލާހުކުރަންޖެހޭ މުހިންމު ކަންކަން ކަމުގައި ވިދާޅުވެފައެވެ.
މައިގަނޑުގޮތެއްގައި އުމަރު ވިދާޅުވީ، ހުރިހާވެސް މައްސަލައަކީ ސިޔާސީ ބޭފުޅުން ކަމަށެވެ. އަދި ހުރިހާ ސިޔާސީ ބޭފުޅުންވެސް ޤާނޫނު އަސާސީއަށް ފޫޅުނުކަނޑާ އަތަށް ގޮވީމައި އެކަން އެއީ ޤާނޫނު އަސާސީގެ މައްސަލައެއްކަމުގައި ނުހެދުމަށް އޭނާ ގޮވާލެއްވިއެވެ. އަދި އޭނާ ވަނީ ދައުލަތް އިސްލާހުކޮށް ރަނގަޅު ކުރުމަށް ޓަކައި ގެންނަންޖެހޭ އެތަކެއް ބައިވަރު ބަދަލުތަކެއް ހުރިކަމަށް ވިދާޅުވެފައެވެ.
އެންމެ ކޮރަޕްޓް މުއައްސަސާއަކީ މަޖިލިސް، ބާރު ލިބިއްޖެއްޔާ މެމްބަރުންގެ އަދަދު 50 އަށް ތިރިކުރާނަން: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ