ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ: ރައީސް

ދިގު މުއްދަތަކަށް ފަހު، މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ އެޕިސޯޑްގެ މައުލޫއަކަށް ކަނޑައަޅުއްވާފައި އޮތީ މާލޭގެ މަގުތައް ތަރައްކުރުމެވެ. ރައީސް ވަނީ މާލޭގެ މަގުތައް އެއްކޮށް ތަރައްގީކުރުމުގެ މިފަދަ ބިޔަ މަޝްރޫއެއް މީގެ ކުރިން ކުރިއަށްގެންގޮސްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔާ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ މި މަޝްރޫގައި ނުހިމެނޭ މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ މަސައްކަތުގެ ތަފްސީލު ހާމަކުރައްވަމުން އެމަނިކުފާނު ވަނީ އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިން ސަރަހައްދެއް ކަނޑައަޅުއްވާފައި ވާނޭކަމަށް ވިދާޅުވެފައެވެ. އެގޮތަށް އެ މަގު ހަދައި ނިމުމުން އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި އެ މަގު ބޭނުންކުރާ ފަރާތްތަކަށް ނޫންކަމަށާއި އެތެރޭގެ މަގުތަކަށްވެސް ލުއިވެގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއވިއެވެ. ރައީސް ވަނީ މި ފިޔަވަހި ނިމުމާއެކު ބޮޑުތަކުރުފާނު މަގުގައި އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެއްޓޭނޭކަމަށް ވިދާޅުވެފައެވެ. އެއީ އެ މަގުގައި އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައި އޮތް ސަރަޙައްދުކަމަށާއި، އެ ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މާލޭ ފަޅުން ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ތަކުލީފެއް ނުލިބޭނޭކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މަގުން ބޭރަށް ނެރޭ ބައި ތަރައްގީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމުގައި ވުމުން އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ވާނީ އިތުރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ މިފަދަ މަޝްރޫތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް މާލެ ސަރަޙައްދު ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެކަމުގެ މުލުގައިވާ ހަގީގީ މައްސަލައަށް ހައްލު ހޯދިގެންކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން މަސައްކަތްކުރަނީ ޚިދުމަތްތަކާއި ފުރުސަތުތަކާއި ބޯހިޔާވަހިކަން ލާމަރުކަޒުކޮށް ސަރަޙައްދީ ތަރައްގީ ގެނައުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ދުރު ރާސްތާ ހައްލާއެކު އޭގެ ޒާތުގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ