ގާނޫން އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށެއް ނުލާނަން: މައުމޫން

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫން އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލައްވާނެކަމަށް ރާއްްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫން އަސާސީން ލިބިދޭ އެއްވެސް ހައްގެއް އެމަނިކުފާނު ދޫކޮށް ނުލައްވާނެކަމަށެވެ.
އަދި އިރާދަކުރެއްވިއްޔާ އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ގާނޫން އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށެއް ނުލައްވާނެކަމަށާ އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައިކަމަށް މައުމޫން ވިދާޅުވެފައިވާއިރު، ގައުމު އިސްލާހުކުރުމަށް ރައީސް ނަޝީދާއި، ގާސިމް އިބްރާހިމާއި، ޝައިޚް އިމްރާން އަބުދުﷲ އާއި ގުޅިގެން ޚާއްސަ މަަސައްކަތްތަކެއް ރައީސް މައުމޫން ވަނީ ފައްޓަވާފައެވެ.
މި މަސައްކަތްޕުޅު ފެއްޓެވުމުން އެމަނިކުފާނު އުފެއްދެވި ޕާޓީން ވަކިކޮށް، ކޯޓް އަމުރެއްގެ ދަށުން ރައީސް މައުމޫންގެ އޮފީސްވެސް ވަނީ ބަންދުކޮށްފައެވެ. އެކަމާއި ގުޅިގެން އެކަންކުރި ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް ރައީސް މައުމޫން ވަނީ އެމަނިކްފާނަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅު ބޭނުންކުރެއްވުމުގެ އިޚްތިޔާރާއި، އެމަނިިކުފާނަކީ ދިވެއްސެއްކަމަށާއި، މުސްލިމެއް އަދި ދިވެހި ގައުމު ދެކެ ލޯބިވާ މީހެކޭ ބުނުމުގެ ހައްގު އެބައޮތްތޯ ސުވާލްކުރައްވާފައެވެ.
ރައީސް މައުމޫން މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް އިންޑިއަށް ވަޑައިގެނެވެ، ރައީސް މައުމޫންގެ މިދަތުރުފުޅާއި ދިމާކޮށް އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކޮށް، ބޭރަށް ވަޑައއިގަންނަވާއިރު، ސެކިއުރިޓީ ހަމަޖައްސައިނުދޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ