ކަންކަން ނުވާ މިނިސްޓަރުން ދާންވީ ގެއަށް: ހުސެއިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާ ގޮތަށް މަސައްކަތްތައް ނުކުރެވޭ މިނިސްޓަރުން ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށާއި އެކަންކަން ބަލަން މަޖިލީހުން ނުތިބޭނެ ކަމަށް ހެންވޭރު ދެކުނު ދާއިރާ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ މާލޭގައި ބޮޑެތި ކާރިސާތަކާއި އަލިފާނުގެ ހާދިސާތައް ހިނގާ، އެތަށް ތަނެއްގައި ރޯވެ، 400 އެއްހާ މީހުން މަގުމަތިވި އިރު ސަރުކާރުގެ މެގަ ކުންފުނިތައް ތިބީ ބަލަން ކަމަށާއި އަނެއްބައި މީހުން އަތް ޖަހަން ތިބި ކަމަށެވެ. އަދި އެ ހާދިސާއަށް 15 ދުވަސް ވެގެން ދިޔައިރު ތަން ސާފުކޮށް ނުނިމޭ ކަމަށާއި ދެ މަސް ތެރޭގައި މާލެއިން ގުދަންތައް ބޭރުވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވުމުން އެކަން މިނިސްޓްރީތަކަށް އެ ވަގުތަށް ނިންމަން ޖެހޭ ކަމަށެވެ.
"ގާނޫނު އަސާސީގެ 115 ވަަނަ މާއްދާއިން ރައިސުލްޖުމްހޫރިއްޔާއަށް ގިނަ ބާރުތަކެއް ދީފައިވޭ. މި ރާއްޖޭގެ މިނިސްޓްރީތަކަށް ރައިސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ އިހުތިޔާރުތަކުގެ ދަށުން މިވެނި ޑޭޓަކަށް މިވެނި ކަމެއް ވާން ޖެހޭނެ ކަމަށް އަންގާ ކަންކަމުގައި ބޮޑު ނަގުލަށް ހިފާލައިގެން ތިބުން އެއީ މި މަޖިލީހުން ބަލައިގަންނާނެ ކަމެއް ނޫން،" އަނދުން ހުސެއިން ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ ރައީސް އަންގަވާ މަސައްކަތްތައް މިނިސްޓަރުންނަށް ނުވާ ކަމަށް ވާނަމަ ވުޒާރާތަކުގައި ތިއްބަވާނެ ކަމެއް ނެތް ކަމަށާއި ކަމާ ބެހޭ ފަރާތްތައް ވަޑައިގަންނަވަން ވީ ގެއަށް ކަމަށެވެ. ހެޔޮވަރު ބޯހިޔާވެހިކަމެއް ދެއްވަން ރައީސް ވިދާޅުވުމުން އެކަން ކުރަން ޖެހޭ ކަމަށާއި އެކަން ނުކުރެވޭ މިނިސްޓަރުން ވެސް ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އަނދު ހުސެއިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުޅެނީ ތަފާތު ޕާޓީތަކާއެކުގައި ކޯލިޝަން ހަދައިގެން ސަރުކާރުގައި. ނުވާ ކަމެއްވިއްޔާ ގެއަށް ވަޑައިގަންނަވަންވީ. ވާން ޖެހޭ. އަޅުގަނޑުމެންގެ ސަރުކާރަށް، ރައިސުލްޖުމްހޫރިއްޔާއަށް ކަންކަން ނުވާކަން ދައްކަން އެއްވެސް ވުޒާރާއަކުން އުޅުއްވާނެ ކަމެއް ނެތް. އެކަން ބަލަން މި މަޖިލީހުން ނުތިބޭނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް ސޯލިހު އާއި ރައްޔިތުންގެ މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދުއާ ޖައްސަން އެހެން ޕާޓީތަކުގެ ވެރިން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް އަންދު ހުސެއިން ވިދާޅުވި އެވެ. އެކަން ކުރެވޭނެ ކަމަށް ހީކޮށްގެން އުޅުމަކީ "ފޫ ނެތް ފަޔަށް ފެން ފުރުން" ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަށް ނުސީދާކޮށް އިންޒާރެއް ދެއްވަމުން އަނދު ހުސެއިން ވިދާޅުވީ ސަރުކާރުން ޕާޓީއަކަށް އެކަށީގެން ނުވާ ބޮޑު ހިއްސާއެއް ދީފައިވާ ކަމަށާއި އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ. ކުރިން މަޖިލީހުގައި 19 މެންބަރުން ތިބި އިރު ސަރުކާރު ތެރެއިން ދީފައި އޮތް ހިއްސާ ކުޑަ ކުރަން މަޖިލީހުންނާއި އެމްޑީޕީ އިން ރައީސްއަށް ލަފާ އަރުވަން ޖެހިދާނެ ކަމަށާއި އެހެންކަމުން ފަތަކަށް ޖެހިވަޑައިގެން އިމުގައި ހުންނަވަން ޖެހޭ ކަމަށް އަންދު ހުސެއިން ވިދާޅުވި އެވެ.
"19 މެންބަރުންގެ ބަދަލުގައި ހަތަރު ފަސް މެންބަރުންނަށް ވީމަ ސަރުކާރުގައި ދީފައި އޮތް ހިއްސާ ރީ ކޮންސިޑާ ކުރަން ރައީސްއަށް މަޝްވަރާ އެރުވިދާނެ. އެހެންވީމަ މި އިއްޒަތްތެރި މަޖިލީހުގެ ރައީސް އާއި ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާއާ ޖައްސަން އެންމެ ޕޯޑިއަމްއެއް ހުރި ޕާޓީއެއްގެ ވެރިއެއް އެ ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ގޮވާލަން،" އަންދު ހުސެއިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ