ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުސާރަ މުރާޖައާ ކުރުމަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮންމެ މަހަކުވެސް މުސާރައިގެ ގޮތުގައި ލިބޭ 65،000 ރުފިޔާ މުރާޖައާ ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފައިވާ ފުރުޞަތުގައި އެޗްއާރްސީއެމް އިން ހުށަހެޅި ޚިޔާލުގައި ބުނެފައި ވަނީ މެންބަރުންނަށް މުސާރައިގެ ގޮތުގައި ލިބޭ 65،000 ރުފިޔާއަކީ ދައުލަތުގެ ބަޖެޓާއި އެހެނިހެން ވަޒީފާތަކަށް ކަނޑައަޅާފައިވާ މުސާރައަށް ވުރެ ބޮޑު މުސާރައެއް ކަމަށެވެ.
ހަމައެއާއެކު ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރާއްޖެ އިން ބޭރުން މެޑިކަލް އިންޝުއަރެންސް ލިބެމުން އަންނައިރު މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އަލުން މުރާޖައާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެޗްއާރްސީއެމް އިން ހުށަހެޅި ޚިޔާލުގައި ބުނެފައި ވެއެވެ.
އެޗްއާރްސީއެމް އިން މަޖިލީހަށް ހުށަހެޅި ޚިޔާލުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި މިހާރު ބުނެފައިވާ 20،000 ރުފިޔާ އުނި ކުރުމަށް ހުށަހަޅާ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ފަދައިން ޖަލްސާތަކާއި ކޮމިޓީތަކަށް ހާޒިރު ނުވާ މެންބަރުންގެ މުސާރަ އުނި ކުރެވޭނެ އުޞޫލެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރަން ޖެހޭ ކަމަށް ވެސް އެ ހުށަހެޅުމުގައި ވެއެވެ.
އެޗްއާރްސީއެމް އިން ވަނީ މަޖިލީހުގެ ދައުރުތަކަށް ވެސް ބަދަލު ގެނައުމަށް ޚިޔާލު ހުށަހަޅާފަ އެވެ. އެގޮތުން އެ ކޮމިޝަނުން ވަނީ މަޖިލީހުގެ ފުރަތަަމަ ދައުރު މެއި މަހުގެ 28 އިން ފެށިގެން އޮގަސްޓު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހުށަހަޅާފަ އެވެ.
އަދި ދެވަނަ ދައުރު އޮގަސްޓު 27 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާއިރު ތިންވަނަ ދައުރު ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއިން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް އެޗްއާރްސީއެމް އިން ވަނީ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ޚިޔާލު ހުށަހަޅާފަ އެވެ.
އެކަން އެގޮތަށް ކުރަން ބޭނުންވާ ސަބަބެއް ކަމަށް އެޗްއާރްސީއެމް އިން ބުނީ މަޖިލީހުގެ މެންބަރުން ހުވާ ކުރަނީ މެއި މަހު ކަމަށްވާއިރު އެ ތާޜީޚުން ފެށިގެން މަޖިލީހުގެ ދައުރު ހިނގާ ގޮތަށް ބަދަލު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އޭގެ އިތުރުން މެންބަރުންގެ މުދަލާއި ފައިސާ ބަޔާނުގެ ބަދަލުގައި މެންބަރުންނާއި މެންބަރުންގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަފާ އަދި އެއްބަނޑު އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ މުދަލާއި ފައިސާގެ ތަފްސީލީ ބަޔާނެއް ވެސް އާއްމު ކުރަން އެޗްއާރްސީއެމް އިން ވަނީ މަޖިލީހުގެ ގަވާއިދށް ޚިޔާލު ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ގަވާއިދު ކޮމިޓީން ކުރަމުން އަންނައިރު ކޮމިޓީން ވަނީ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އާއްމު ފަރާތްތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ހުޅުވާލައިފަ އެވެ. އެޗްއާރްސީއެމްގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ މަޖިލީހުގެ ގަވާއިދަށް ހުށަހަޅަން ބޭނުންވާ ޚިޔާލުތައް މަޖިލީހުގެ އިދާރާއަށް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ