ޓްވިޓާގައި ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރުމުން ނޯޓިސް ދިނުމެއް ނެތި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކިކޮށްފައި ވަނީ އެމްޕީއެލްގެ އެޑްމިން ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ. "ދަޕްރެސް" އާ ވާހަކަ ދައްކަމުން އެ މުވައްޒަފުން ބުނީ ވަޒީފާއިން ކަނޑާލިކަން އަންގާފައިވަނީ މިއަދު ހެނދުނު ކަމަށާއި، ވަކި ކުރި ސަބަބެއް އަންގާފައި ނުވާކަމަށެވެ. އަދި މީގެ ކުރިން އެއްވެސް މައްސަލައެއްގައި އިންޒާރު ދީފައި ނުވާ ކަމަށާއި، މިއަދު އެޗްއާރުގެ މުވައްޒަފަކު ގުޅާފައި އެއްޗެއްގައި ސޮއިކުރަން އޮތްކަމަށް ބުނުމުން، ޑިޕާޓްމަންޓަށް ދިޔައިރު ސޮއިކުރަން ދިނީ ވަޒީފާއިން ވަކި ކުރި ކަމުގެ ޗިޓް ކަމަށެވެ.
ވަޒީފާއިން ވަކިކުރިކަމަށް ދިން ޗިޓްގައި ކަނޑާލި ސަބަބެއްކަމަށް ބުނެފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި އެމްޕީއެލުން ދީފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ކުންފުނީގެ މުވައްޒަފުންގެ މަސްލަހަތު ގެއްލޭގޮތަށް ކުންފުންޏާއި ކުންފުނީގެ ސީއީއޯއާއި ކުންފުނީގެ ވެރިން ބަދުނާމުކޮށް ކުންފުނީގެ ތެރޭގައާއި ތަފާތު ސޯޝަލް މީޑިއާގައި ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުން ދިއުމަކީ ކުންފުނީގެ މުވައްޒަފެއްގެ ގޮތުގައި ހުރެ އެއްވެސް މުވައްޒަފަކަށް ކުރެވިގެންވާނެ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.
އަދި މިފަދަ ވާހަކަތައް ފެތުރުމުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮންނަ މަސްލަހަތު ގެއްލިގެން ދިއުމުގެ އިތުރުން ކުންފުނީގެ މަސައްކަތަށާއި އެންމެހާ ކަސްޓަމަރުންގެ މެދުގައި ކުންފުންޏާ މެދު އޮންނަ އިތުބާރު ގެއްލިގެންދާނެކަމެއް ކަމުގައި ވާތީ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުނީގެ އެހެން މުވައްޒަފުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ފެންނާތީ ވަޒީފާއިން ވަކޮކޮށްފައިވާ ކަމަށެވެ.
މި ޗިޓްގައި ތާރީހަކަށް ޖަހާފައިވަނީ މާދަމާގެ ތާރީހެވެ. ނަމަވެސް ވަޒީފާއިން ވަކިކުރި ޗިޓް މި ދެ މުވައްޒަފުންނާއި ހަވާލުކޮށްފައި ވަނީ މިއަދުއެވެ.
މިކަމާއި ގުޅިގެން އެ މުވައްޒަފުން ބުނީ މިހާތަނަށް ކުންފުނިން އެއްވެސް އިންޒާރެއް އަދި ނަސޭހަތެއް ދީފައި ނުވާކަމަށެވެ. އަދި ވަޒީފާއިން ކަނޑާލިއިރު ހަވާލުކުރި ސިޓީގައި ބުނެފައިވާ އެއްވެސް ކަމެއް ކުރިކަމަށް އެއްވެސް ހެއްކެއް ނޯންނާނެ ކަމަށާއި، މަސައްކަތަށް ފަރުވާކުޑަވެފައި ނޯންނާނެ ކަމަށާއި، ކަނޑާލީ އެއްވެސް ވަރަކަށް މިކަމާ ވާހަކަ ދެއްކުމެއް ވެސް ނެތި ކަމަށެވެ.
މިކަން ހިނގައިދިޔަގޮތް ކިޔައިދެމުން އޭނާ ބުނީ މީގެ ކުރިންވެސް އެއްވެސް ސަބަބެއް އެންގުމަކާ ނުލާ އެތަނުގެ މުވައްޒަފުންތަކެއް ކަނޑާލި ކަމަށާއި، އެހިސާބުން އޭނާ ޕީޕީއެމަށް ކުރި ތާއީދު އަނބުރާ ގެނެސް ޕާޓީގެ ހަރަކާތްތަކުން ދުރަށްޖެހުނު ކަމަށެވެ. އަދި އެކަމާ ސޯޝަލް މީޑިއާގައި އަޑުއުފުލާފައިވާނެ ކަމަށާއި، އެއްވެސް ދޮގު މައުލޫމާތެއް ހާމަކޮށްފައި ނުވާނެ ކަމަށެވެ.
ނަމަވެސް ނުހައްގުން ބައިވަރު މުވައްޒަފުންތަކެއް ކަނޑާލި ކަމަށް ސޯޝަލް މީޑިއާގައި އަޑުއުފުލާފައިވާނެ ކަމަށާއި އެވާހަކަތައް ދައްކާފައި ވަނީ އެމްޕީއެލްގެ ސީއީއޯގެ ސެކްރެޓަރީއަކަށް އަދި ކުންފުނީގެ ބޯޑުގައި މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން އެކަންކަން އެނގި ހުރި މީހެއްގެ ހައިސިއްޔަތުން ކަމަށް އެތަނުން އެއް މުވައްޒަފަކު ބުންޏެވެ.
އަދި އެތަނުގައި މަސައްކަތް ކުރާ ތަފާތު ހިޔާލުގެ މުވައްޒަފުންނާއި، އިދިކޮޅު މުޒާހަރާއަށް ދިޔަ މުވައްޒަފުން ވެސް މީގެ ކުރިންވެސް ވަޒީފާއިން ކަނޑާފައި އެބަހުރި ކަމަށާއި މި ވާހަކަތައް ދައްކަމުން ދާތީ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްގެ އަތެއް އޮވެ އޭނާއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފުރައްސާރަ ކުރުމާއި އުނދަގޫކުރުމުގެ ކަންކަން ދިމާވަމުން ދިޔަކަމަަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.
"ޕާސަނަލީ މިކަމުގައި އިބްރާހީމް އަބްދުއްރައްޒާގުގެ ހަލީމްގެ އަތެއް އޮވެގެން ޓްވިޓާ މެދުވެރިކޮށް އަދި ސޯޝަލް މީޑިއަތަކުން އަޅުގަނޑުގެ އަބުރު ވަރަށް ކަތިލާފައި އޮތީ. އަދި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓާއެކީ ފޮޓޯ ނަގާފަ ޝެއާ ކުރީމަ އެކި އައިޑީތަކުން ވަރަށް އެޓޭކްދިން. އެކަމް މި ވާހަކަތައް ދެއްކީމަ އިނގޭ ކަނޑާލާނެކަމަށް. އެކަމަކުވެސް އަޅުގަނޑު އަޑުއުފުލީ ހަގީގަތާއި ހައްގަށް" ދަޕްރެސްއާ ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.
އޭނާ ބުނީ ކަނޑާލުމުގެ ކުރިން އެޗްއާރުން ބައްދަލު ނުކުރާކަމަށާއި، ޗިޓް ހަވާލުކުރީ އެޑްމިނިސްޓްރޭޓިވް ލެވެލްގެ ދެ ސްޓާފުން ކަމަށެވެ.
މިއަދު ކަނޑާލި އަނެއް މުވައްޒަފު ބުނީ އޭނާ ކަނޑާލީ ވެސް ސޯޝަލް މީޑިއާގައި ކުންފުނީގެ އަގު ވައްޓާލުމަށް މަސައްކަތް ކޮށް މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާތީކަމަށް ބުނެ ކަމަށެވެ. ނަމަވެސް އޭނާ ސޯޝަލް މީޑިއާގައި އެފަދަ ވާހަކައެއް ދައްކާފައި ނުވާނެ ކަމަށާއި، ވާހަކަ ދައްކާފައި ވަނީ އޭނާއަށް ފެނުނު ކަންކަމުގެ ވާހަކަ ކަމަށެވެ.
އޭނާ ބުނީ އޮފީހުން އަންގައިގެން ޕީޕީއެމްގެ އޮފީހުގައި މަސައްކަތް ކުރަން ދިޔަ ކަމަށާއި، ނަމަވެސް އެތަނުގައި އެމީހުން ރާވާ ރޭވުންތަކާއި ދައްކާ ވާހަކައިގެ ސަބަބުން ޕީޕީއެމްގެ ހަރަކާތްތަކުން ދުރުވީ ކަމަށެވެ. އަދި އޭނާ އަކީ ވޯޓު ފޮއްޓެއް ކައިރީގައި ޕީޕީއެމް ސައިޑުން މަސައްކަތް ކުރި މީހެއް ކަމަށާއި، ވޯޓު އޮޅުވާނުލާ ކަމަށް އޭނާއަށް ގަބޫލުކުރެވޭތީ އެވާހަކަ ފޭސްބުކްގައި ލިޔުނު ކަމަށެވެ. އަދި ވަޒީފާއިން ވަކިކޮށްފައި ވަނީ އޭގެ ފަހުންކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި އެމްޕީއެލްއަށް ގުޅާ މުވައްޒަފުން ވަޒީފާއިން ވަކިކުރި ސަބަބު އޮޅުން ފިލުވަން ބޭނުންވާކަމަށް ބުނުމުން މީޑިއާ އޮފިޝަލް ނަންބަރު އެތަނުން ދިން ނަމަވެސް މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން މިކަމުގެ މައުލޫމާތު ސާފުވާގޮތެއް ނުވިއެވެ.
ޓްވިޓާގައި ޝުއޫރު ފާޅުކުރުމުން އެމްޕީއެލްގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ