އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކަ އަޅުގަނޑުމެން ނުދައްކަން: ރައީސް މައުމޫން

އިދިކޮޅު ފަރާތްތަކުން އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކަ ނުދައްކާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން އެހެން ވިދާޅުވީ، އިދިކޮޅު މަޖިލިސް މެމްބަރުންނާއެކު ރޭ ޖުމްހޫރީ ޕާޓީގެ އިދާރާ، މާފަންނު ކުނޫޒުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިއަކު އެމަނިކުފާނާ ކުރިމަތިކުރެއްވި ސުވާލަކީ އިދިކޮޅު ފަރާތްތަކުން އިންތިގާލީ ކެންޑިޑޭޓެއް ނެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވުމުން އިދިކޮޅު ލީޑަރުންގެ މެދުގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވާ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯއެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ރައީސް މައުމޫން ވިދާޅުވީ އެ ވާހަކަ އިދިކޮޅު ފަރާތްތަކުން ނުދައްކާ ކަމަށާއި އެއީ އަދި މާ އަވަސް ވާހަކައެއް ކަމަށެވެ. "އަޅުގަނޑުމެން ތިވާހަކައެއް ނުދައްކަން އިނގޭތޯ. އެއީ ތަންކޮޅެއް އަވަސް ވާހަކައެއް. އެހެންވީމަ އެވާހަކަ އެއްގޮަތަކަށް ވެސް ނުދައްކަން. މިހާރު ކުރަންހުރި ކަންތައްތަކުގެ ވާހަކަ މި ދައްކަނީ،" ރައީސް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އިސްލާކީ ޕްރޮގްރާމް ކުރިއަށްދަނީ ވަރަށް ރަނގަޅަށް ވަރަށް ކާމިޔާބު ކަމާއެކީގައި ކަމަށެވެ. އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ކަމާއެކީގައި ލަހެއް ނުވެ އިސްލާހީ ޕްރޮގްރާމް ނިންމާލާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ނުދައްކާ ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ރައީސް ނަޝީދު ފޮނުއްވެވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިންތިޚާބު ވާންޖެހޭނީ އިންތިގާލީ ވެރިއެއް ކަމަށެވެ. އަދި އެ ވެރިމީހާގެ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ އިންތިގާލީ މުއްދަތެއްގައި ކުރަންހުރި މަސައްކަތްތަކެއް ނިންމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅޭގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނީ އިންތިގާލީ ކެންޑިޑޭޓެކޭ ރައީސް ނަޝީދު ވިދާޅުވަނީ އެމަނިކުފާނު ބޭނުންފުޅުވާ ބޭފުޅަކު ރާއްޖޭގެ ރައީސް ކަމަށް ގެންނަން ކަމަށެވެ. ނިހާން ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ދައުރުގެ މެދުތެރެއިން އިސްތިއުފާދެއްވާނެ ކަމަށާއި އެމަނިކުފަނަކީ އިންތިގާލީ ކެންޑިޑޭޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމުން ކަންތައްތައް ކުރެއްވީ އެ ވިދާޅުވި ބަސްފުޅާ ދިމާ އިދިކޮޅަށް ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ނެރެން އުޅޭ އިންތިގާލީ ކެންޑިޑޭޓަކީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެފަހުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓެއްގެ ގޮތުގައި ފުއާދު ނެރެން އިދިކޮޅު ލީޑަރުންނަށް އެއްބަސް ނުވެވުނު ކަމަށާއި އޭނާގެ ބަދަލުގައި މިހާރު ނެރެން އުޅޭ ކެންޑިޑޭޓަކީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ