ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ވައްޓާލަން ގޮވާލާފައި ވާތީ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ އަޑުގެ ސާމްޕަލް ނެގުމަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ފުލުސް އޮފީހުގެ އަމުރަކަށް މުސްތަފާ ވަނީ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަންނަވާފަ އެވެ. އޭނާ ހާޒިރުވެވަޑައިގެންނެވީ ގާނޫނީ ވަކީލް މަހްފޫޒު ސައީދާއި އެކު އެވެ.
މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމެއްގައި ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކާ ގުޅިގެންނެވެ.
މުސްތަފާގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަނީ ރައްޔިތުން ނިކުމެ ރައީސް ޔާމީން މަގާމުން ބޭރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލާގަ އެވެ.
މުސްތަފާ ވިދާޅުވީ މިމައްސަލައިގައި މީގެ ކުރިން ވެސް އެކިފަހަރު މަތިން ފުލުހުން އޭނާއަށް ޗިޓް ފޮނުވި ކަމަށާއި ނަމަވެސް އެ ޗިޓްތައް ފުލުހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
މުސްތަފާ ވިދާޅުވީ މިމައްސަލައިގެ ތަހުގީގު ހިންގުން ހުއްޓާލަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން އޭނާއަށް މެސެޖެއް ފޮނުއްވި ކަމަށެވެ. އަދި އެކަން މިއަދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވުމަށް ފަހު ދެންނެވި ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާގެ ގާނޫނީ ވަކީލު މަހްފޫޒު ވިދާޅުވީ މުސްތަފާ އެގޮތަށް ވިދާޅުވާ ވީޑިއޯ ދެއްކި ކަމަށެވެ. އަދި އެ ތުހުމަތަށް އިއުތިރާފުވެފައި ނުވާނެ ކަމަށާއި ދެއްކި ވާހަކަތަކަށް ވެސް އިންކާރު ކޮށްފައި ނުވާނެ ކަމަށެވެ.
މަހްފޫޒު ވިދާޅުވީ މުސްތަފާގެ އަޑުގެ ސާމްޕަލް ނެގުމަށް އަންގާރަ ދުވަހުގެ ރޭ 20:00 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވާ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު މުސްތަފާގެ އަޑުގެ ސާމްޕަލް ނެގުމަށް މާދަމާ ރޭ ފުލުހަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ