ޕީޕީއެމް އުފެއްދީ މުޖުތަމަޢު ކުރިއަރުވަން، އެކަން ކުރަމުންދާކަން ރައްޔިތުން ގަބޫލު ކުރޭ – މައުމޫން

ޕީޕީއެމް އުފެއްދީ މުޖުތަމަޢު އިޖުތިމާޢީ، އިޤުތިޞާދީ އަދި އެހެން ދާއިރާތަކުން ކުރިއެރުބވުމުގެ ވިސްނުމާއި އެކުގައި ކަމަށާއި ޕީޕީއެމް އުފެއްދި މަޤުޞަދުތައް ޕީޕީއެމް އިން ހާސިލް ކުރަމުންދާކަން ރައްޔިތުން ގަބޫލު ކުރާކަމަށް ޕީޕީއެމްގެ ރައީސް އަދި އެޕާޓީގެ ބާނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނަށް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަން އިން މިއަދު އެއިންސްޓިޓިއުޝަންގެ އެންމެ މަތީ ޝަރަފް ކަމަށްވާ އޮނަރަރީ ފެލޯގެ ޝަރަފް އެރުވުމުން އެޝަރަފާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މައުމޫން ވިދާޅުވީ "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޖިންސީ ތަފާތުކުރުންތައް ނައްތާލުމާއި، ވަޒީފާގެ މިނިވަންކަން ފަދަ ޙައްޤުތައް ލިބެން ޖެހޭނެ ކަން ރައްޔިތުން ގަބޫލުކުރޭ." ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް މިއަދު ވެރިކަމުގައި ހުންނެވުމަކީ ޕީޕީއެމް އާއި ޕީޕީއެމްގެ ވިސްނުން ރައްޔިތުން ގަބޫލުކޮށްފައިވާ ކަމުގެ ހެއްކެއް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތެއް ޕީޕީއެމް އަށް އޮތުމަކީ ވެސް އެކަމުގެ ހެއްކެއް ކަމަށެވެ.
ރައީސް މައުމޫން މިއަދު ވަނީ އެމަނިކުފާނުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި މުހައްމަދު އަމީނާއި އިބްރާހިމް ނާސިރުގެ ޚިދުމަތްތައް ވެސް ފާހަގަ ކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ މުހައްމަދު އަމީން ދީދީ ރާއްޖެއަށް ތައުލީމު އާންމުކުރައްވައި، އަންހެނުންގެ ހައްގުތައް ކުރިއެރުއްވުމަށް މަސައްކަތް ކުރެއްވި ކަމަށާއި އަދި އިބްރާހިމް ނާސިރު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރައްވައި، މުޅި ދުނިޔެއަށް ރާއްޖެ ހުޅުވައިލެއްވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ