ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން އެދެމުންދާތީ ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް އިތުރު ހަތަރު އަތޮޅެއްގައި ވަރަށް އަވަހަށް ފަށާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން މިރޭ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ލ.ކައްދޫ އާއި ގއ.ކޫއްޑޫ އާއި ގދ.ކާޑެއްދޫގެ އިތުރުން ހދ.ހަނިމާދޫގައި ގިނަވެގެން ދެހަފްތާގެ ތެރޭގައި މި ރަށްތަކަށް ފްލައިމީގެ މަތިންދާ ބޯޓުތައް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަނެއްކާވެސް އޭސީއާރު ބްރޭންޑުގެ މުޅިން އާ ބޯޓެއް ލިބޭނެ ކަމަށާއި އެއީ 66 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ.
"އެ ބޯޓު ލިބެންދެން އަޅުގަނޑުމެން މަޑުކޮށްލައިގެން ތިބީ، އަޅުގަނޑުމެންގެ ކެޕްޓަނުން ވެސް މަދުކަމުން، އެހެންނަމަވެސް މި ދެންނެވި ހަތަރު އަތޮޅުން މެދުކެނޑުމެއް ނެތި އެރަށްތަކުގެ ރައްޔިތުން އެދެމުންދާތީ އަޅުގަނޑުމެން އިތުރު ތިން ސެޓް ޕައިލެޓުން ގެނެސް އެންމެ ބޯޓެއް ވެސް ނިންދަވަން ނުބާއްވާ އަބަދުވެސް އެ އެއްޗެހި ދަތުރުކޮށް ރައްޔިތުންނަށް ހިދުމަތްދޭން މި ނިންމީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިހާރު ކޫއްޑޫއަށާއި ކާޑެއްދޫއަށް ދަތުރުކުރަމުންދާ ފަސެންޖަރުންގެ އަތުން ނަގަމުންދާ އަގުތައް ވަރަށް ބޮޑުތައް ތިރިވެގެންދާނެ ކަމަށާއި އެންމެ ކުޑަވެގެން ވެސް އެއް ކޮޅު ޓިކެޓަކުން 500 ރުފިޔާ ނުވަތަ 600 ރުފިޔާ ކުޑަވެގެންދާނެ ކަމަށާއި އެހެންކަމުން ދެކޮޅު ޓިކެޓަކުން ގާތް ގަނޑަކަށް 1000 ރުފިޔާ ކުޑަވެގެންދާނެ ކަމަށެވެ.
މީގެއިތުރުން ލ.ކައްދޫއަށް މިހާރު 1400 ރުފިޔާއަށް ކުރަމުންގެންދާ ދަތުރު 900 ރުފިޔާ ހަމަނުވެ ކޮށްދެވޭނެ ކަމަށާއި ހަނިމާދޫ ވެސް މި އަގަށްވުރެ ދަށް ވެގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވިލާ އެއާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވަރަށް އަމާނާތްތެރިކަމާއިއެކީގައި މަސައްކަތްކުރާ ވަރަށް ހިދުމަތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ މުވައްޒަފުން ކޮންމެ ފިކުރެއްގައި ތިބިކަމުގައި ވިޔަސް އެމުވައްޒަފުން ތިބެންޖެހޭނީ މިއީ ރައްޔިތުންނަށް ދެވޭ ހިދުމަތެއްކަން ދަނެގެން ކަމަށެވެ.
ފްލައިމީގެ ދަތުރުތައް އިތުރު ހަތަރު އަތޮޅެއްގައި ވަރަށް އަވަހަށް ފަށާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ