އަހުމަދު ނަޒީހު - އަންހެންކުދިންގެ ހިތްފަތަހަކޮށްފި

ކޮންމެ އަކަސް މިޤައުމުގެ ވައިގައި ހިފާފައިވާ ސިޔާސީ އަޑަށްވުރެ ބާރަށް މިހާރު ދެކެވެމުން އަންނަނީ ޤައުމީ ޓީވީ އިން އަލަށް ފަށައިގެން މިއުޅޭ މޯލްޑިވިއަން އައިޑަލްގެ ވާހަކައެވެ. ޝޯވގެ ފުރަތަމަ ރައުންޑުގެ ހަތަރު އެފިސޯޑު އޮން އެއަރ ކުރެވިފައިވާއިރު، ގޯލްޑަން ޓިކެޓް ލިބިގެން އަނެއް ރައުންޑަށް ގޮސްފައިވާ "އާޓިސްޓުން" މިވަނީ މިހާރުއްސުރެ ސޯޝަލް މީޑިއާގައި ކެމްޕެއިންތައް ފަށައިފައެވެ.
ކޮންމެ އާޓިސްޓަކުވެސް އެމީހެއްގެ "ކެރެކްޓަރ" އާއި އެންމެ ގުޅޭ ތީމެއް ނަގައި ޓީމު ހަދައިގެން ފޭސްބުކްގައި ފޭން ޕޭޖް ހަދައި ޓްވިޓަރ ގައި ހޭޝްޓެގް ހަދައިގެން އުޅޭ އިރު، ބައެއް އާޓިސްޓުން ވަނީ ފުރަތަމަ ފެނިލުމާއެކު ބެލުންތެރިންގެ ހިތް އަތުލައިފައެވެ. ސޯޝަލް މީޑިއާ ގައި ދެކެވޭ ވާހަކަތަކާއި ރަށުތެރެއިން އިވޭ އަޑުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅޭ އެއް އާޓިސްޓަކީ މާލޭ އޮޑިޝަނުން ފެނިގެން ދިޔަ "ރާޅު ބޯއީ" ނުވަތަ އަހުމަދު ނަޒީހެވެ.
 
ކ. މާފުއްޓަށް އުފަން ނަޒީހު (ރާޅު ބޯއި) ވެގެން ގޮސްފައިވަނީ އަންހެން ކުދިންގެ މެދުގައި ބޮޑު ހިޓަކަށެވެ. އޭނާގެ އަޑަށް ގިނަ އަންހެންކުދިންގެ ހިތް ފިދާވެގެން ދިޔައިރު، އިސްތަށިގަނޑާއި އަޅައިގަތް މީހުންގެ އަދަދުވެސް މަދެއްނޫނެވެ. ރާޅު ސޮރުގެ ރަކި ހިނިތުންވުމާއެކު އަންހެންކުދިންގެ ހިތްތައް ވިރިގެންދެޔޭވެސް ބުނެވިދާނެއެވެ.
މޯލްޑިވިއަން އައިޑަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވާ ނޫހަށް މައުލޫމާތު ދެމުން ނަޒީހް ބުނީ އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ކުލަޖައްސާފައިނުވާ ކަމަށާއި އެއީ ޑައިވްކުރަން އަދި ރާޅާއަޅަން ގޮސް އުޅުމުގެ ތެރޭގައި އަވީގައި ގިނަވަގުތު ހޭދަކުރަންޖެހޭތީ އަރާފައިވާ ކުލައެއް ކަމަށެވެ.
"ކަޅުކުރިޔަސް ފަހުން މި ކުލަ އަރާނެ،" ބޮލުގައި ހުރި މުށި-ރަތްކުލަ އަށް އިޝާރާތްކުރަމުން އެނޫހަށް މައުލޫމާތު ދެމުން ނަޖީހް ބުންޏެވެ.
"އަހަރެންގެ އެންމެ ފެވަރިޓަކީ ރާޅު ބޯއީ"، "ރާޅު ބޯއީގެ އަޑުވެސް ސްމައިލްވެސް ވަރަށް ރީތި" މިއީ ނަޒީހުއަށް ބައެއް އަންހެންކުދިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ތައުރީފެވެ.
ކޮންމެއަކަސް ޝޯވގެ އޮޑިޝަން އަށްފަހު ފޭސްބުކްގައި ވައިރަލްވެގެން ދިޔަ ނަޒީހުގެ ލަވައަށްވެސް ގިނަ ބައެއްގެ ތައުރީފު ވަނީ އޮހިފައެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައިވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ރާޅު ބޯއީ ވަނީ ފުރަތަމަ ރައުންޑާއެކު ބެލުންތެރިންގެ ތެރެއިން ގިނަ ބައެއްގެ ހިތްތައް އަތުލައިފައެވެ. ޝޯވގެ އަސްލު އެޕިސޯޑު ތައް ނުވަތަ ގާލާ ރައުންޑްގެ ކުރިން ރާޅުބޯއީ މިވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދައިފައެވެ.
ސޯޝަލް މީޑިއާގައި މިހާރު ފެންނަ ކުލަވަރަށް ބަލާއިރު ބެލުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބެމުންދަނީ ރާޅު ބޯއި އަށެވެ. އޭނަގެ ޕޭޖަށް މިހާތަނަށް 7،000 އަށް ވުރެގިނަ ލައިކްސް ލިބިފައިވާއިރު ޕޭޖްގައި އެތައް ބަޔަކު ދަނީ ތައުރީފްގެ ބަސްތަކުން ރާޅު ބޯއި އަށް ސަނާކިޔަމުންނެވެ. އެހެންކަމުން ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަށް އައިޑަލް އަކަށް އަހުމަދު ނަޒީހު (ރާޅު ބޯއި) ވުމުގެ ފުރުސަތު މިވަނީ ބޮޑުވެފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ