މޫސުން ގޯސްވެ ފުވައްމުލަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރައިގައި މޫސުން ގޯސްވެ ވައިގަދަވުމާއި ގުޅިގެން ފުވައްމުލަކަށް ވެސް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ އެވެ. ފުވައްމުލަކު އުތުރު ދާއިރާގެ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޝާފީ އިބްރާހިމް ވިދާޅުވީ އެރަށަށް ރޭ 3:45 ހާއިރު ވަރަށް ގަދަޔަށް ވައިޖެހުނު ކަމަށެވެ. "މިކޮޅަށް (ފުވައްމުލަކަށް) މާ ގަދަަޔަށް ވާރެއެއް ނުވެހޭ. ރޭގައި ގަދަޔަށް ވައިޖެހި ގެއްލުންވީ،" ޝާފީ ވިދާޅުވި އެވެ. މޫސުން ގޯސްވެ ވައިގަދަވުމާއި ގުޅިގެން ފުވައްމުލަކު ގެއެއްގެ ތެރޭ ހުރި ގަހެއް މަގުމައްޗަށް ވެއްޓިފައި-- ސަންފޮޓޯ: ފަޔާޒު މޫސާ އޭނާ ވިދާޅުވި ގޮތުގައި ރޭ ފުވައްމުލަކަށް ވައިގަދަވި ވަގުތު ބައެއް ގޭގޭގެ ފުރާޅު އެއްލާލާއި ބޮޑެތި ގަސްތައް ވަނީ ވެއްޓިފައެވެ. އެގޮތުން ބައެއް ގޭގެ ފުރާޅު މައްޗަށް ގަސްތައް ވެއްޓި ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ޝާފީ ވިދާޅުވި އެވެ. މޫސުން ގޯސްވެ ވައިގަދަވުމާއި ގުޅިގެން ފުވައްމުލަކު މަގެއްގެމަތީ ފެންބޮޑުވެފައި-- ސަންފޮޓޯ: ފަޔާޒު މޫސާ ފުވައްމުލަކު އެއާޕޯޓުގައި މެޓް އޮފީހެއް ނުހުންނާތީ އެރަށަށް ވައިޖެހިފައިވަނީ ކިހާ ބާރުމިނެއްގައި ކަމެއް ސާފެއްނުވެ އެވެ. ނަމަވެސް އެރަށާ ކައިރީގައި އޮންނަ އައްޑޫ ސިޓީއަށް ރޭ ފަތިހު ވަނީ 64 މޭލަށް ވައިގަދަވެފައެވެ. ރޭ އައްޑޫ ސިޓީ އަށް ވައިގަދަވެ ކުރި ވިއްސާރައިގައި އެ ސިޓީގެ ރަށްތަކުގައި ފެންބޮޑުވެ، ގޭގެއަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. ފުވައްމުަލަކު މަގެއްގެމަތި ފެން ހެދިފައިވަނިކޮށް ދެމީހަކު ސައިކަލު ދުއްވާފައިދަނީ-- ސަންފޮޓޯ: ފަޔާޒު މޫސާ ފުވައްމުލަކަށް ވައިގަދަވެ ގެއްލުންތައް ލިބެމުންދާތީ އަތޮޅު ކައުންސިލުން މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ ގަދަވަޔާއެކު ބޯކޮށް ވާރޭވެހި އެރަށަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެގޮތުން މޭވާ އަޅާ ބޮޑެތި ގަސްތަކާއި ރުއްތައް ވެއްޓި މީހުންގެ މުދަލަށް ގެއްލުން ލިބެމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިވަގުތަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާން އަތޮޅު ކައުންސިލްގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ. މޫސުން ގޯސްވެ ވައިގަދަވުމާއި ގުޅިގެން ފުވައްމުލަކު މަގެއްގެ މައްޗަށް ގަހެއް ވެއްޓިފައި:ސަންފޮޓޯ--- ސަންފޮޓޯ: ފަޔާޒު މޫސާ އެ ބަޔާނުގައި ބުނެފައިވަނީ ގެއާއި ގޯތިތެރޭގައި ފެންބޮޑުވެ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް، އަގުބޮޑު މުދަލާއި ކާބޯތަކެތި ފެނުން ސަލާމަތް ކުރުމަށާއި ރައްކާތެރިކަމާއެކު ބޯފެން ރައްކާ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ