ޕޮސްޓެކޮގްލޫ ސްޕާސްގެ ކޯޗު ކަމުން ވަކިކޮށްފި
އިންގްލިޝް ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާއަށް ވޭތިވެދިޔަ 17 އަހަރުގެ ތެރޭގައި ފުރަތަމަ ތަށި ހޯދައިދިން ކޯޗު ކަމުގައިވާ އެންޖޭ ޕޮސްޓެކޮގްލޫ އެޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިކޮށްފިއެވެ. ސްޕާސްގެ ކޯޗު ކަމުގެ މަގާމުން ޕޮސްޓެކޮގްލޫ ވަކިކޮށްފައިމިވަނީ ޔުއޭފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީ މިއަންނަ ސީޒަންގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އެޓީމަށް ހޯދައިދިންތާ 17 ދުވަސް ފަހުންނެވެ. ސްޕާސްއިން ވަނީ ޔޫރޮޕާ ލީގުގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް އެއް ލަނޑު ސުން ލަނޑުން ބަލިކޮށްފައެވެ. ނަމަވެސް މިދިޔަ ސީޒަން ވެފައިވަނީ ސްޕާސްގެ ތާރީޚުގައި ޕްރިމިއާ ލީގުގައި ހޭދަކުރި އެންމެ ނާކާމިޔާބު ސީޒަނަށެވެ. ސްޕާސްއިން ސީޒަން ނިންމާލީ ޕްރިމިއާ ލީގުގެ 17 ވަނައިގައި އޮވެގެންނެވެ. އެއި ކުޅުނު 38 މެޗުގެ ތެރެއިން 22 މެޗުން ބަލިވެގެންނެވެ. ޕްރިމިއާ ލީގުގެ ސީޒަން ނާކާމިޔާބުކޮށް ދިޔަ ނަމަވެސް ޔޫރޮޕާ ލިގުގެ ކާމިޔާބީ އާއެކު ޕޮސްޓެކޮގްލޫ ވިސްނައިގެން ހުރީ އޭނާއަށް މަގާމުގައި ދެމި ހުރެވޭނެ ކަމަށެވެ. މިގޮތުން ޔޫރޮޕާ ލީގުގެ ތަށި ދައްކާލުމަށް ބޭއްވި ޕެރޭޑްގައި ޕޮސްޓެކޮގްލުވަނީ ދެވަނަ ސީޒަނަށް ވުރެ ތިންވަނަ ސީޒަން ރަނގަޅު ވާނެކަމަށް ބުނެފައެވެ. ނަމަވެސް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސެލްޓިކްއިން ސްޕާސްއާ ގުޅުނު އުމުރުން 59 އަހަރުގެ އޮސްޓްރޭލިއާ ކޯޗު މިވަނީ ދެ އަހަރަށް ފަހު ކްލަބް ދޫކޮށް ދާން ޖެހިފައެވެ. ސްޕާސްއިން ބުނިގޮތުގައި އެކްލަބުން ޕޮސްޓެކޮގްލޫ ހަނދާން ކުރާނީ ސްޕާސްގެ ތާރީޚުގައި އެ ކްލަބަށް އެންމެ ފާހަގަ ކޮށްލެވޭ ވަގުތު ކޮޅު ގެނެސްދިން ކޯޗެއްގެ ގޮތުގައެވެ. ޕޮސްޓެކޮގްލޫއަކީ އެޓީމަށް ޔޫރަޕްގެ ތަށްޓެއް ކާމިޔާބު ކޮށްދިން ތިންވަނަ ކޯޗެވެ. ސްޕާސްއިން އިތުރަށް ބުނީ މިކާމިޔާބީގެ ސަބަބުން ކްލަބަށާއި ސަޕޯޓަރުންނަށް ލިބުނު އުފަލަށް އެކަނި ބިނާކޮށް ގޮތް ނިންމެން ނޯންނާނެ ކަމަށާއި ކްލަބަށް ގަބޫލް ކުރެވޭގޮތުގައި މިއީ އެޓީމަށް ބަދަލެއް ގެންނަންޖެހޭ ވަގުތު ކަމަށެވެ. ޕޮސްޓެކޮގްލޫ ބުނީ އިންގްލަންޑްގެ ތާރީޚި އެއް ކްލަބްގެ ކޯޗުކަންކޮށް އެޓީމަށް އެވަރުގެ ކާމިޔާބީއެއް ހޯދައި ދެވުމުގެ ހިތްހަމަޖެހުމާއި ހަނދާންތައް އޭނާ އާއެކު އަބަދުވެސް ވާނެ ކަމަށެވެ. އަދި ބިލްބާއޯގައި ކުޅުނު ފައިނަލުން ފެނުނީ ދެ އަހަރު ދުވަހުގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށްވެސް އޭނާ ބުންޏެވެ. ސްޕާސްގެ ކޯޗުކަމަށް ގެނައުމަށް އެކްލަބުން މަސައްކަތް ކުރާ ކޯޗުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބްރެންޓްފަޑްގެ ކޯޗު ތޯމަސް ފްރޭންކް ކަމަށް އިންގްލަންޑްގެ މިޑިއާތަކުން ފާހަގަ ކުރަމުންދެއެވެ. މީގެއިތުރުން ބޯންމޯތުގެ ކޯޗު އެންޑޯނި އިރައޮލާ އާއި ފުލަމްގެ މާކޯ ސިލްވާ، ކްރިސްޓަލް ޕެލަސްގެ އޮލިވާ ގްލަސްނާ އަދި އެޓީމަށް ކުރިން ކޯޗު ކޮށްދީ މިހާރު އެމެރިކާއަށް ކޯޗުކޮށްދެމުންދާ މައުރީސިއޯ ޕޮޗެޓީނޯގެ ނަންވެސް އަންނަނީ ސްޕާސްއާ ގުޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ