ޓްރަމްޕާއި މަސްކްގެ ކޯޅުމުގެ ހުރިހާ ފައިދާއެއް އެކްސްއަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޓެކް ބިލިއަނަރު އީލޮން މަސްކް ދެމެދު އުފެދިފައިވާ ކޯޅުމުގެ ސަބަބުން މަސްކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އެޕްލިކޭޝަނަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. ސެންސާ ޓަވަރުގެ އައު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކްސް އެޕްގެ ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކްސް އެޕް ވަނީ ޔޫއެސް އެޕް ސްޓޯރުގެ ޗާޓްގައި 23 ވަނައާ ހިސާބަށް މަތިވެފައެވެ. މިއީ ފާއިތުވި 30 ދުވަހުގެ އެވަރެޖް ރޭންކް ކަމުގައިވާ 68 ވަނައާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ފާއިތުވި ހަ މަހުގެ އެވަރެޖް ރޭންކަކީ 58 ވަނަކަން ވެސް ފާހަގަކޮށްލެވެއެވެ. އެމެރިކާގައި ގޫގުލް ޕްލޭގައިވެސް އެކްސް އެޕްގެ ރޭންކް ވަނީ މަތިވެފައެވެ. އެގޮތުން އެ އެޕް ފާއިތުވި ހަތް ދުވަހުގެ އެވަރެޖާ އަޅާބަލާއިރު 20 ޕޮއިންޓް މަތިވެފައިވާއިރު، ފާއިތުވި 30 ދުވަހުގެ އެވަރެޖާ އަޅާބަލާއިރު 16 ޕޮއިންޓް މަތިވެފައިވެއެވެ. ސެންސާ ޓަވަރުގެ އަންދާޒާތަކުން ދައްކާގޮތުގައި ބުރާސްފަތީގައި އެކްސް އެޕްގެ ޖުމްލަ އެކްޓިވް ޔޫޒަރުންގެ އަދަދު ވަނީ ހަ ޕަސެންޓް އިތުރުވެފައެވެ. މިއީ ޓްރަމްޕާއި މަސްކް ދެމެދު އުފެދުނު ކޯޅުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00އިން 18:00އަށް އެކްސް އެޕްގެ އެކްޓިވް ޔޫޒަރުންގެ އަދަދު ވަނީ ފާއިތުވި ހަތް ދުވަހާ އަޅާބަލާއިރު 54 ޕަސެންޓް އިތުރުވެފައެވެ. ޓްރަމްޕްގެ އަމިއްލަ ސޯޝަލް ނެޓްވޯކް ކަމުގައިވާ ޓްރޫތް ސޯޝަލްއަށްވެސް މި ޖަދަލުގެ ސަބަބުން ފައިދާތަކެއް ވަނީ ލިބިފައެވެ. ރައީސް ޓްރަމްޕް މަސްކާ ބެހޭގޮތުން އޭނާގެ ޚިޔާލުތައް އެ ނެޓްވޯކްގައި ހިއްސާކުރުމާ ގުޅިގެން، ފާއިތުވި ހަތް ދުވަހާ އަޅާބަލާއިރު ޓްރޫތް ސޯޝަލްގެ އެކްޓިވް ޔޫޒަރުންގެ އަދަދު ވަނީ 400 ޕަސެންޓަށްވުރެ ބޮޑަށް އިތުރުވެފައެވެ. ނަމަވެސް، އެކްސް އެޕް އަދިވެސް ޓްރޫތް ސޯޝަލްއަށްވުރެ ބޮޑުތަން މައްޗެވެ. ސެންސާ ޓަވަރުގެ ހިސާބުތަކުން ދައްކާގޮތުގައި އެކްސް އެޕްގައި ޓްރޫތް ސޯޝަލްއަށްވުރެ 100 ގުނަ ޔޫއެސް މޮބައިލް އެޕް ޔޫޒަރުން ބޭނުންކުރެއެވެ. ދެ އެޕްގައިވެސް ބުރާސްފަތި ދުވަހު 14:00އިން އިން 18:00 އަށް ޔޫއެސް މޮބައިލް އެޕް އެކްޓިވް ޔޫޒަރުންގެ އަދަދު ވަނީ ފާއިތުވި 90 ދުވަހުގެ އެންމެ މަތީ ހިސާބަށް އަރާފައެވެ. ޓްރަމްޕާއި މަސްކްގެ ގުޅުން މިހާ ބޮޑަށް ގޯސްވެފައިވަނީ މަސްކް ޓްރަމްޕްގެ ޚަރަދުކުރުމުގެ ބިލަށް އިތުރަށް ފާޑުކިޔައި، އެއީ "ނުބައި ނުލަފާ އެއްޗެއް" ކަމަށާއި އޭގެ ސަބަބުން ފެޑެރަލް ބަޖެޓް ޑެފިސިޓް އިތުރުވާނެކަމަށް ބުނާތީއެވެ. މި ފާޑުކިޔުން ވަރަށް އަވަހަށް ޓްރަމްޕާއި މަސްކްގެ ދެމެދުގައި ބޮޑު ކޯޅުމަކަށް ބަދަލުވިއެވެ. ޓްރަމްޕް މަސްކްގެ ކުންފުނިތަކަށް، ޚާއްޞަކޮށް ސްޕޭސްއެކްސްއަށް ދެމުންދާ ބިލިއަން ޑޮލަރުގެ ސަރުކާރު ކޮންޓްރެކްޓްތައް ހުއްޓާލާނެކަމަށް ބުނެފައިވެއެވެ. މަސްކް ބުނެފައިވަނީ އޭނާގެ އެހީތެރިކަމެއް ނެތި ޓްރަމްޕަށް އިންތިޚާބު ކާމިޔާބެއް ނުކުރެވުނީސްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ